ނޮވެމްބަރު ތިނަކާ ގުޅިގެން އުމަރުގެ ތައުރީފް މައުމޫނަށް

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ތަމަޅަ ޓައިގަރުން އަރައި އުދުވާނީ ހަމަލާ ދިން ދުވަހު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ވަރުގަދަ ލީޑަރެއްގެ ސިފަތައް ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ތައުރީފް ކުރައްވައިފި އެވެ.


ސަލްސާ ރެސްޓޯރަންޓުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި ގޮތުގައި އެ ދުވަހު މައުމޫން އަމަލު ކުރެއްވީ ވަރަށް ހިކުމަތްތެރިކަމާއެކުގަ އެވެ. ދިވެހިން ސަލާމަތް ކުރަން އިންޑިއާ ސިފައިންނަށް ދައުވަތު ދީ އެ މީހުން ރާއްޖެ ގެނެސް، އަދި އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ވަރަށް ހިކުމަތްތެރިކަމާއެކު ނޫނީ އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ތަމަޅަ ޓައިގަރުން، ކޮންމެ ވަގުތެއްގައި ވެސް މައުމޫން ހޯދައި ގައިކޮޅުގައި ބަޑި ޖައްސައިގެން ސިފައިންގެއަށް ގެންގޮސްދާނެ ކަމުގެ ބިރު އެ މަނިކުފާނަށް އޮތް ކަމަށެވެ. އެކަމަކު ސިފައިންގެއަށް ގުޅާފައި އެ މަނިކުފާނު އެންގެވީ އަތުލައިގެން، ސިފައިންގެ ކުރިމައްޗަށް ގެންގޮސް އަވަހާރަކޮށްލިޔަސް އެތަނުގެ ގޭޓު ނުހުޅުވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައްލަވާ، މިއީ އަޅުގަނޑުމެންގެ ލީޑަރުންނަކީ. ކިހާ ވަރުގަދަ އިންސްޓްރަކްޝަނެއްތޯ މި ދެއްވަނީ. މަރާލިޔަސް ގޭޓު ނުހުޅުވައްޗޭ. ތިމަންނަގެ އަނގައިން ބުންޏަސް ގޭޓު ނުހުޅުވައްޗޭ، މިހިރީ ލީޑަރުންގެ ގައިގާ ހުންނަ ފަންވަރާއި ޖޯޝް،" މައުމޫނާއެކު ކުުރިން ޕީޕީއެމްގައި އުޅުއްވައި އަދި އޭރު އެ މަނިކުފާނަށް ލަފާ ދޭ ކޮމެޓީގެ މެމްބަރުކަން ވެސް ކުރެއްވި އުމަރު ވިދާޅުވި އެވެ.

އުމަރު އިސްކޮށް ހުންނަވައިގެން މިރޭ ޖަލްސާއެއް ބޭއްވީ ނޮވެމްބަރު 3ގެ އެއް މޭސްތިރިޔާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށެވެ. ކުރިން އޭނާ ޖަލްސާ ބޭއްވުމަށް ނިންމެވީ ކާނިވާ ސަރަހައްދުގައި ނަމަވެސް ފަހުން އެ ހަރަކާތް ރެސްޓޯރަންޓަކަށް ބަދަލު ކުރީ އެވެ.

އުމަރުގެ މި ޖަލްސާގައި ބައިވެރިވީ ވަރަށް މަދު ބައެކެވެ. އަދި އިދިކޮޅު ސިޔާސީ އެއްވެސް އިސް މީހަކު އެތަނަކުން ނުފެނެ އެވެ. އުމަރާއި ޖަލްސާގައި ބައިވެރިވި ބައެއް މީހުން ތިބީ ސިފައިން ލާ ކަހަލަ، ކެމަފްލާޖް ޓީޝާޓެއްގަ އެވެ.

މިރޭގެ ޖަލްސާގައި އުމަރު ވަނީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ގެންގުޅެފައިވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލުތުފީ އެތަނުގައި ހުރީ ލަންކާގެ މަސްރަހު ހޫނުވެފައި ވުމުން މަޖުބޫރު ވެގެންނެވެ. އަދި އެކަން ނިމި، މަސްރަހު ފިނިވުމާއެކު ލުތުފީ ދޫކޮށްލީސް ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނެސް، ޖަލަށް އަނބުރާ ގެންދިޔަ ނަމަވެސް އެތަނުގައި މާގިނަ ދުވަހު ނުބަހައްޓައި ގެއަށް ދޫކޮށްލާނެ އެވެ.

ބާޣީ ލުތުފީގެ ނަމުން މަޝްހޫރުވެފައިވާ ލުތުފީ ފިލައިގެން ސްރީ ލަންކާގައި އުޅުނުތާ ނުވަ އަހަރު ފަހުން، މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ވަނީ ލަންކާގެ އެމްބަސީ އަށް ގޮސް އަމާން ދީފަ އެވެ. އެކަމަކު، އެ ވާހަކަތައް ސަރުކާރުން ހާމަނުކޮށް، ފޮރުވައިގެން އުޅެނިކޮށް އެކަން ފަޅާ އަރުވާލީ އުމަރެވެ. ލުތުފީ ރާއްޖެ ގެނެސް، ޖަލަށް ގެންދިއުމަކީ ކާމިޔާބީއެއްގެ ގޮތުގައި އުމަރު ސިފަ ކުރައްވަ އެވެ.