ބަރެސްދޫ ބަހާލާފައި އޮތީ ކުރީ ސަރުކާރުގެ ބޮޑުންނަށް: އެމްއައިޓީޑީސީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ދޫކޮށްފައިވާ ލ. ބަރެސްދޫން 10 ފަރާތަކަށް ބިން ކުއްޔަށް ދީފައިވާ އިރު، އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ބައެއް މެމްބަރުންނާއި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް އެ ދުވަސްވަރު ތިއްބެވި ބޭފުޅުން ހިމެނޭ ކަމަށް އެމްއައިޓީޑީސީން ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ގެ އިއްޔެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޮޑުންގެ އިތުރުން މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ވެސް ބަރެސްދޫން ބިން ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ރަށުން ބިން ދޫކޮށްފައި ވަނީ އެ ކަމަށް އޮންނަ ރަނގަޅު އުސޫލުގެ ތެރެއިން ބީލަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބަހުރި މިދިޔަ ސަރުކާރުގެ ތަފާތު ތިން އެމްޑީއެއް ވެސް. އެކި ކުންފުނިތަކުގެ ތިން އެމްޑީން. އެ މީހުންގެ އަމިއްލަ ނަމުގައި ވެސް އެބަހުރި އަދި މަސްލަހަތު ހިމެނޭ ކުންފުނިތައް ވެސް އެބަހުރި ނުވަތަ އެކި ގޮތްގޮތުން ގުޅުން ހުރި ކުންފުނިތައް ވެސް އެބަހުރި. ދެން މިދިޔަ ސަރުކާރުގެ ވަޒީރެއް ވެސް އެބަ ހުންނެވި. ދެން އަޅުގަނޑު ފާހަގަކޮށްލަން މިނިވަން މުއައްސަސާއެއްގެ އިސް ބޭފުޅެއް ވެސް މީގެ ތެރޭގައި އެބަ ހިމެނޭ. އަދި ކުރިން މިި ކުންފުނީ ގައި މީގެ ކުރިން ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއްގެ އާއިލާ މެމްބަރަކު ވެސް އެބަ އޮތް ތަނެއް ނަގާފައި،" ބަރެސްދޫން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާ ގުޅޭ ގޮތުން ރާއިދު ވިދާޅުވި އެވެ.

ބަރެސްދޫ ގައި އިންޓަގްރޭޓެޑް ޓޫޒިޒަމް ވިލެޖެއް ހެދުމުގެ މަޝްރޫއަކީ އެމްއެމްޕީއާރުސީން 2014 ވަނަ އަހަރު ފެށި މަޝްރޫއެކެވެ.

ރާއިދު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީން އޭރުގައި އެ ރަށުގެ ބިން 19 ފަރާތަކަށް ދޫކޮށް، ލޭންޑް އިކުއިޒިޝަން ކޮސްޓް (އެލްއޭސީ)ގެ ގޮތުގައި 34 މިލިޔަން ރުފިޔާ އޮތީ ނަގައިފަ އެވެ. އެ އަށް ފަހު 2016 ވަނަ އަހަރު އެމްއައިޓީޑީސީ އުފައްދައި އެ ކުންފުންޏަށް ބަރެެސްދޫގެ މިލްކުވެރިކަން ބަދަލުކުރި އިރު އެމްއައިޓީޑީސީ އަށް ދީފައި ވަނީ 14 މިލިއަން ރުފިޔާ ކަމަށާއި އަނެއްބައި ބަރެސްދު އަށް ހަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަރެސްދޫން ބިން ދޫކޮށްގެން އެމްއެމްޕީއާރުސީން ނެގި ފައިސާ ހަރަދުކޮށްފައިވާ ގޮތާ ބެހޭ ގޮތުން، ރާއިދު ވިދާޅުވީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ބަރެސްދު އަށް ހަރަދުކޮށްފައިވާ ކަމަށެވެ. އެ ހަރަދު ކޮށްފައި ވަނީ ބަނދަރަކާއި ކޯޒްވޭއެއް ހެދުމަށް ކަމަށް ރާއިދު ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބއްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.---ފޮޓޯ: މަޖިލިސް

އޭގެ ފަހުން އަނެއްކާ އެމްއައިޓީޑީސީ އަށް ރަށް ލިބުމާ އެކު، އިތުރު ބިންތައް ކުއްޔަށް ދީގެން 21 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ ރާއިދު ވިދާޅުވި އެވެ. އެހެންވީމާ ބަރެސްދޫން ދެ ކުންފުންޏަށް ލިބުނު ފައިސާގެ ޖުމްލަ އަކީ އޭނާ ވިދާޅުވި ގޮތުގައި 55 މިލިއަން ރުފިޔާ އެވެ.

ބަރެސްދު އަށް ދެއްކި ފައިސާ އަނބުރާ ހޯދަން ބައެއް ފަރާތްތަކުން އެދުމުން، އޭގެ ތެރެއިން ބައެއް ފައިސާ މިހާރު ވަނީ ދީ ނިންމައިފަ އެވެ. ފައިސާ އަނބުރާ ދޭން ޖެހުނީ އެ ރަށްރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ. އެގޮތުން އެކި ފަރާތްތަކަށް މިހާތަނަށް ދައްކާފައިވާ ފައިސާގެ ޖުމްލަ 560،000 ޑޮލަރަށް އަރަ އެވެ.