މަރަދޫން 30 ގޯތި ދޫކުރަން ނިންމައިފި

އައްޑޫ މަރަދޫން 30 ގޯތި ދޫކުރަން ނިންމައި، އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.


ދިރިއުޅެން މަރަދޫން ދޫކުރަން ނިންމާފައި ވަނީ 1،500 އަކަފޫޓްގެ ގޯއްޗެވެ. މި ގޯތިތަކަށް އެދޭ މީހުންނަށް އެ ފުރުސަތު އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ގޯތި ދޫކުރަން ކައުންސިލުން ކުރި އިއުލާނުގައި ވަނީ ގޯއްޗަށް އެދުމުގެ ޝަރުތުތަކާއި ގޯތި ދޫކުރާނެ އުސޫލުތައް ވެސް ތަފުސީލުކޮށް އާންމުކޮށްފަ އެވެ.

މަރަދޫން ގޯތި ދޫކުރަން އިއުލާން ކުރި އިރު، މިދިޔަ ހަފުތާގައި ހުޅުދު އާއި މީދޫން 100 ގޯތި ދޫކުރަން ވެސް އިއުލާންކޮށްފައިވެ އެވެ.

އައްޑޫގެ އަވަށްތަކުން ގޯތި ދޫކުރަން ކައުންސިލުން އިއުލާންކުރަން ފަށާފައި މި ވަނީ ދިރިއުޅެން ގޯތި ދޫކުނުރާތާ ވަރަށް ގިނަ އަހަރުތަކެއް ފަހުންނެވެ.

ދިރިއުޅުން ގޯތި ދޫކުރާ އިރު، ސަރުކާރުގެ ބޯހިޔާކަމުގެ ދަށުން މިހާރު ވެސް އައްޑޫގައި ފްލެޓްތަކެއް އަޅާފައި އެބަ ހުއްޓެވެ. އެގޮތުން ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން 32 ފްލެޓް ދޫކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އަދި މި ސަރުކާރުން ވެސް ވަނީ އައްޑޫގައި އިތުރު 1،500 ހައުސިން ޔުނިޓް އަޅަން ނިންމައިފަ އެވެ.