ލުތުފީ ކުރެއްވި ތުހުމަތުން އިމްރާން އަންތަރީސް ވެއްޖެ

މަގުމަތިން މީހެއްގެ ކަރުގައި ހިފައި، ބިރު ދައްކައި އޮފީހަށް ވަދެ ފްރޭމް ކުރާނެ ކަމުގެ އިންޒާރު ދެއްްވާ ވަރަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގަމާރު ވާނެ ކަމަށް ދިވެހިން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް އިމްރާން މިއަދު ރައްދު ދެއްވައިފި އެވެ.


އިމްރާން މިހެން ވިދާޅުވީ ފްރޭމްކޮށް ޖަލަށް ލާނެ ކަމުގެ އިންޒާރު އިމްރާން ދެއްވި ކަމަށް ލުތުފީ ތުހުމަތު ކުރެއްވުމުންނެވެ.

ލުތުފީ ވިދާޅުވީ މަގުމަތިން ކަރުގައި ހިފައި، އޮފީހަށް ވަދެ ބިރު ދައްކައި އިންޒާރު ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރީ ކޮން ބައެއްކަން ސީދާ ވިދާޅެއް ނުވެ އެވެ.

"މަގުމަތިންދާ މީހެއްގެ ކަރުގައި ހިފައި ބިރުދައްކައި، އޭނާގެ އޮފީހަށް ވަދެ އިންޒާރުދީ ބިރުދައްކާ މިންވަރަށް އަޅުގަނޑު ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަންތަރީޒް ވެއްޖެ،" ފޭސްޕާމް އިމޯޖީއަކާ އެކު އިމްރާން ކުރެއްވި ޓްވީޓުގައިވެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ލުތުފީ ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިނުގެން ހުންނެވުމަށް ފަހު ލުތުފީ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ މައްޗަށް ފުލުހުން އަންނަނީ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އޭނާ ޗުއްޓީ ނެންގެވިޔަސް، ބަރާބަރަށް މުސާރަ ނަންގަވަމުން ދިޔަ ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ލުތުފީ ޗުއްޓީ ނެންގެވި ގޮތަށް ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކުގައި މެލޭޝިއާގަ އެވެ.

ސަންގު ޓީވީ އަށް ރޭ ދެއްވި އިންޓަވިއުގައި ލުތުފީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށް ވެސް އިންޒާރު ދެއްވި ކަމަށެވެ.

"އޭގެ ހަފްތާއެއް ފަހުން އަޅުގަނޑު އަނެއްކާ އޮފީހަށް ނުކުންނަން ފެއްޓީމަ، އާ ރަށުގައި ހުރެފައި (އިމްރާން) އަޅުގަނޑަށް ގުޅާފައި ބުނީ އޮފީހަށް ނުކުންނަނީ ނޫންހޭ؟ އެގޮތަށް ވެސް އިންޒާރު ދިން. އޭގެ ފަހުން ވެސް ގޮތް ނޭނގޭ މީހުން އަޅުގަނޑާ (ގުޅި). އެކަމަކު ނޭނގޭ ކާކު ކަމެއް ކުރުވީ،" ލުތުފީ ވިދާޅުވި އެވެ.