ޚަބަރު / ރާއްޖެ-އީޔޫ

ރާއްޖެ އިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރަން މަސައްކަތް ކޮށްދޭނަން: މުގްރީނީ

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް އަދި އީޔޫ ހައި ރެޕްރެޒެންޓެޓިވް ފޯ ފޮރިން އެފެއާޒް ފެޑްރިކާ މުގްރިނީ ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ރާއްޖެ އިން އެކްސްޕޯޓްކުރާ މަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން ޔޫރަޕިއަން ކޮމިޝަންގެ ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށް އީޔޫގެ ހައި ރެޕްރެޒެންޓެޓިވް ފޯ ފޮރިން އެފެއާޒް އަދި ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓްރީގައި މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު މިއަދު ބޭއްްވެވި ނޫސް ކޮންފަރެންސެެއްގައި މުގްރިނީ ވިދާޅުވީ މަހުގެ އުފެއްދުންތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަކީ ރާއްޖޭގެ ސަރުކާރާއި ރައްޔިތުން އެންމެ އިސްކަންދޭ އެއް ކަންތައް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ބްރަސަލްސް އަށް އެނބުރިވަޑައިގެން އެކަމާ ގުޅޭ ގޮތުން ޔޫރަޕިއަން ކޮމިޝަންގެ އެހެން ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވައުދަކީ ބްރަސަލްސްއަށް އެނބުރި ދިއުމަށް ފަހު އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންނާ މި ކަންތަކާ މެދު މަޝްވަރާކުރަން. އަދި ޔަގީނުން ވެސް ދެން އަންނަ ޔޫރަޕިއަން ކޮމިޝަންގެ އެޖެންޑާއަށް މިކަންތައް ގެންދާނަން. އަދި އަޅުގަނޑުމެންގެ މެމްބަރު ގައުމުތަކަށް ވެސް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.

މުގްރިނީ ވިދާޅުވި ގޮތުގައި ރާއްޖެ އިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަ ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަަމަށް ވިދާޅުވިޔަސް އެކަމުގެ ނަތީޖާ ފެންނާނެ ވަކި ދުވަހެއް ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެކަން ހަމަޖައްސަން ކުރެވިދާނެ ކަންތައްތަކަކާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބައެއް ހިޔާލުތަކާ މެދު މަޝްވަރާކުރިން. އޭގެ ތެރޭގައި ހިމެނޭ ފްރީ ޓްރޭޑް އެގްރިމެންޓަކާ މެދު މަޝްވަރާ ކުރަން ފެށުން ވެސް،" އޭނާ ވިދާޅުވި އެވެ.

މުގްރިނީއަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންއާ ރާއްޖެއާ ދެމެދު އޮންނަން ޖެހޭ ގުޅުން ނެތި ހަތް އަހަރު ބޭކާރު ވެގެން ގޮސްފައިވާ ކަމަށާއި ދެ ފަރާތުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަކުގެ މަސައްކަތްތައް އަދި ކިރިޔާ މި ފެށުނީ ކަމަށެވެ.

"ޖޫން މަހުގެ ފަހުކޮޅު އަޅުގަނޑު ބްރަސަލްސްއަށް ކުރި ދަތުރުގައި މަސްވެރިކަމާ ބެހޭ ވާހަކަތައް ފަށައިގެން ކުރިއަށް މި ގެންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރަމުން ގެންދާ މަސައްކަތްތަކުގައި މިއަދުގެ ސަރުކާރަށް ކާމިޔާބު ލިބޭނެ، " ޝާހިދު ވިދާޅުވި އެވެ.

މުގްރިނީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް މިއަދު ތަގުރީރު ކުރައްވާފަ އެވެ. އެ ތަގުރީރުގައި އޭނާ ވިދާޅުވީ ކުރިއަރަމުން އަންނަ ގައުމުތަކަށް އީޔޫން އެހީވުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން އައި ފަހުން ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގުޅުން އެތައް ގުނައެއް ބަދަހިވެފައިވާ ކަމަށް ވެސް މުގްރީނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވ ގޮތުގައި އީޔޫ އިން ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމު ކުރަން މަސައްކަތް ކުރާނެ އެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ގިންތީގައި 2011 ވަނަ އަހަރު ރާއްޖެ ހިމެނުމުން، އީޔޫގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށި އެވެ. އެހެންވެ އެކަށީގެންވާ އަގެއް ނުހޯދޭތީ އެކަމުގައި ލުޔެއް ހޯދަން ކުރީގެ ދެސަރުކާރުން ވެސް މަސައްކަތް ކުރި އެވެ.

އެގޮތުން ޖެނެރަލައިޒްޑް ސިސްޓަމްސް އޮފް ޕްރިފަރެންސަސް ޕްލަސް (ޖީއެސްޕީ ޕްލަސް) ހޯދަން ކުރީ ސަރުކާރުން ހުށަހެޅި ނަމަވެސް އެ ކަންތައް ކާމިޔާބެއް ނުވި އެވެ. ޖީއެސްޕީ ޕްލަސް އަކީ ޑިއުޓީ ދެއްކުމުގައި ލުއިތަކެއް ދިނުމަށް އީޔޫ އިން ގެންގުޅޭ ސްކީމެކެވެ.

އެ އިނާޔަތް ރާއްޖެ އަށް ދިނުމަށް ކުރިން ދެކޮޅު ހެދި ސަބަބުތަކުގެ ތެރޭގައި ރާއްޖެ އިން ބައެއް މުއާހަދާތަކުގައި ސޮއިކުރިއިރު ބައެއް ރިޒަވޭޝަންތައް ހަދާފައި އޮތުން ހިމެނެ އެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރޭމިތުރު

09 August 2019

ޝާހިދުވަރެއްނެތޭ ވެލާނާ މަގާމަކަށް! ޝާހިދުގެ ހިކުމަތްތަކުން ފިނިކަންހިތައް!..................... ވެލާނާ މަނިކުފާނުވަރެއްނެތް ހަމަ އަސްލުގަވެސް. ރާއްޖޭގެ ރައްޔިތުންގެ ހިތައް ފިނިކަން ގެނެސްދީފި. ހިލްމާއި އިލްމުގެ މީހުން މަގާމުތަކުގައި ތިބެންވީ ޝާހިދުފަދައިން.

The name is already taken The name is available. Register?

މުގުރި މަސް

08 August 2019

ޝުކުރިއްޔާ މުގްރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454