އީޔޫއާ ވިޔަފާރީގެ ގުޅުން ބަދަހިކުރަން އަދި ކިރިޔާ މި ފެށުނީ: ޝާހިދު

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ގައުމުތަކާ، ރާއްޖެ އިން ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އަދި ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސް ފެޑްރިކާ މުގްރިނީ އާ އެކު ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރު އީޔޫއާ އެކު ވިޔަފާރީގެ ގުޅުމެއް ނެތް ކަމަށެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ އިރު ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ވޭތުވެދިޔަ ހަތް އަހަރު ދުވަސް ވަންދެން ޔޫރަޕްގެ އިއްތިހާދާ ދިވެހިރާއްޖެއާ ގުޅުމެއް ނެތި މިދިޔަ ދުވަސްތައް ބޭކާރުވެގެން ދިޔަ ތަން. ޔޫރަޕްގެ އިއްތިހާދާ އަޅުގަނޑުމެންނާ އެކުގައި ވިޔަފާރީގެ ގުޅުމުގެ މަސައްކަތްތައް މިފެށުނީ އަދި ކިރިޔާ،" އޭނާ ވިދާޅުވި އެވެ.

މުގްރިނީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ލީޑަޝިޕް ބޭފުޅުންގެ ތެރެއިން މުގްރިނީ އަކީ މިހާތަނަށް ރާއްޖެ އަށް ވަޑައިގެންނެވި އެންމެ އިސް ބޭފުޅާ ކަމަށެވެ. އެއީ ރާއްޖެ އާއި އެެ ޖަމާއަތާ ދެމެދު އޮތް ގުޅުން އާ ވެފައިވާ ކަން ދައްކައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާކުރަން، ޝާހިދު ވިދާޅުވި ގޮތުގައި، މި ސަރުކާރު އޮތީ ތައްޔާރަށެވެ.

މުގްރިނީއާ އެކު ވަޑައިގަތް އީޔޫގެ އޮފިޝަލުންނާ އެކު ރާއްޖޭގެ އިސް ބޭފުޅުން މިއަދު ހެނދުނު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ޝާހިދު ވިދާޅުވީ ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތާއި ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރުމުގެ ދާއިރާ ވެސް ހިމެނެ އެވެ.

"އަޅުގަނޑުމެން އީޔޫގެ ސަރަހައްދަށް އެކްސްޕޯޓްކުރާ މަސްވެރިކަމުގެ އުފެއްދުންތަކަށް ކަނޑައަޅާފައި އޮތް ބުރަ ޓެރިފްތަކާ ހެދި އަޅުގަނޑުމެންގެ މަސްވެރިން އީޔޫ މާކެޓަށް ވާސިލުވުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވެސް ހައި ރެޕްރެޒެންޓޭޓިވް އަށް އަޅުގަނޑު އަލުން ދެންނެވިން. އަޅުގަނޑުމެން އުއްމީދުކުރަނީ މި ބުރަ ލުއި ކޮށްދިނުމާ މެދު ޔޫރަޕިއަން ޔޫނިއަނުން ވިސްނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުގްރިނީ ވިދާޅުވީ މަހުގެ އުފެއްދުންތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަކީ ރާއްޖޭގެ ސަރުކާރާއި ރައްޔިތުން އެންމެ އިސްކަންދޭ އެއް ކަންތައް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ބްރަސަލްސް އަށް އެނބުރިވަޑައިގެން އެކަމާ ގުޅޭ ގޮތުން ޔޫރަޕިއަން ކޮމިޝަންގެ އެހެން ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވައުދަކީ ބްރަސަލްސް އަށް އެނބުރި ދިއުމަށް ފަހު އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންނާ މި ކަންތަކާ މެދު މަޝްވަރާކުރުން. އަދި ޔަގީނުން ވެސް ދެން އަންނަ ޔޫރަޕިއަން ކޮމިޝަންގެ އެޖެންޑާ އަށް މި ކަންތައް ގެންދާނަން. އަދި އަޅުގަނޑުމެންގެ މެމްބަރު ގައުމުތަކަށް ވެސް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.