ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފުވެގެން، މާލޭގައި މިދިޔަ ހަފުތާގެ ތެރޭގައި 15 ޓެކްސީއަކާ މެދު ފިޔަވަޅު އަޅައިފި އެވެ.
ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައި، އެ އުސޫލަށް އަމަލު ކުރަން ފަށައިފަ އެވެ. އާ އުސޫލު ބުނާ ގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދުގެ ދަތުރަކަށް އެންމެ ބޮޑުކޮށް ނެގޭނީ 75ރ. އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ދަތުރު ކުރުމަށް ނެގޭނީ 60ރ. އެވެ. މީގެ އިތުރުން ޑިކީއަށް މުދާ ލައިގެން އިތުރަށް ފައިސާ ނުނެގޭ ގޮތަށް ވެސް ބަދަލު ގެނެސްފައި ވެ އެވެ.
އާ އުސޫލަށް އަމަލު ކުރަން ފެށިތާ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި އަގު ބޮޑުކޮށް ދަތުރުކޮށްގެން ހަ އުޅަނދެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން ގަވައިދާ ހިލާފަށް ޓެކްސީ ކުރި ނުވަ އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ މީހުން ގަވައިދާ ހިލާފަށް ޓެކްސީ ކުރީ ކޮން ގޮތަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.
ޓެކްސީ ކުރުމުގެ އާ އުސޫލާ ހިލާފަށް ބޮޑު އަގު ނަގާ ނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރެ އެވެ.
ފުލުހުން ރޭ އާއްމު ކުރި މިދިޔަ ހަފުތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި 50 އެކްސިޑެންޓް ހިނގައި، އެ އެކްސިޑެންޓްތަކުގައި ފަސް މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މިދިޔަ ހަފުތާ ތެރޭގައި ފުލުހުން 262 މަގުމަތީ އުޅަނދު ޗެކް ކުރި އެވެ. އަދި ގަވައިދާ ހިލާފަށް ޕާކުކޮށްގެން 473 އުޅަނދުގައި ސްޓިކާ ޖެހި އިރު، 102 އުޅަނދެއް ޓޯކޮށްފައި ވެ އެވެ.
ސްޓިކާ ޖަހާއިރު، ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
ޓްރެފިކް ގަވައިދާ އެންމެ ގިނަ ބަޔަކު ހިލާފުވެފައިވަނީ ލައިސަންސް ނެތި ދުއްވައިގެންނެވެ. އެގޮތުން 69 މީހަކު ލައިސަންްސް ނެތި ދުއްވާފައި ވެ އެވެ. ބާރު ސްޕީޑެއްގައި 41 މީހަކު އުޅަނދު ދުއްވާފައިވާއިރު 18 އަހަރު ނުފުރޭ ހަތަރު ކުއްޖަކު އުޅަނދު ދުއްވާފައިވެ އެވެ.
ގަވައިދާ ހިލާފުވެގެން އެންމެ ގިނައިން ފިޔަވަޅު އަޅައި ނުވަތަ ނަސޭހަތް ދީފައިވަނީ ފޯނު ބޭނުން ކުރަމުން ނުވަތަ ހެޑްސެޓް އަޅައިގެން ދުއްވައިގެންނެވެ، އެގޮތުން 33 މީހަކަށް ނަސޭހަތް ދީފައިވާ އިރު ހެލްމެޓް ނާޅައި ދުއްވައިގެން 27 މީހަކަށް ފިޔަވަޅު އަޅާފައި ވެ އެވެ.