އުކުޅަސް ޓެކް ފެއާ މި މަހު 26 ގައި ބާއްވަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޓެކްނޮލޮޖީގެ އެހެން ދާއިރާތަކުން ދިވެހިން އުފައްދާފައިވާ އުފެއްދުންތައް އެއް ތަނަކުން ދައްކައިލުމަށް ބާއްވާ ޓެކްނޮލޮޖީ ފެއާ މި މަހުގެ 26 ގައި އއ. އުކުޅަހުގައި ފަށަން ތައްޔާރުވެއްޖެ އެވެ.


"އުކުޅަސް ޓެކް ފެއާ 2019"ގެ ނަމުގައި ފެއާ އިންތިޒާމް ކުރާ އުގައިލް ފައުންޑޭޝަނުން ބުނީ ފެއާގެ ބޭނުމަކީ ރާއްޖޭގެ ޓެކްނޮލޮޖީ އެއް ތަނަކުން ދައްކައިލުމާއި ބައިނަލްއަގުވާމީ ސައިންޓިސްޓުންގެ އިރުޝާދު އެ އުފެއްދުންތަކަށް ހޯދައި ދިނުން ކަމަށެވެ. ފެއާ ބާއްވަނީ އުކުޅަހުގައި މިހާރު ތަރައްގީކުރަމުން އަންނަ ކޮންވެންޝަން ސެންޓަރުގަ އެވެ.

ޕްރޮފެސަރު ހަސަން އުގައިލް "މިހާރު"އަށް ވިދާޅުވީ ދިވެހިންގެ އުފެއްދުންތައް އިތުރަށް ކުރިއަރުވާނެ ގޮތްތައް ފެއާއިން ހޯދައިދޭނެ ކަމަށެވެ. ޓެކް ފެއާ ބާއްވަން ހަމަޖެހިފައި ވަނީ އުކުޅަހުގައި އޮންނަ ބައިނަލްއަގުވާމީ ސައިންސްވެރިންގެ ކޮންފަރެންސެއް ކަަމަށްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ 2019) އާ އެކު އެކުގަ އެވެ. ޓެކް ފެއާ ކުރިއަށް ގެންދާ އިރު އެ ކޮންފަރެންސްގެ ބައިވެރިންގެ އިރުޝާދު ޓެކްފެއާގެ ބައިވެރިންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޓެކް ފެއާގެ ބޭނަމަކީ އެއް ތަނަކުން ދިވެހިރާއްޖޭގެ މިހިރަ ޓެކްނޮލޮޖީ އަޅުގަނޑުމެން ދައްކައިލުން. ދެން މި ކޮންފަރެންސަށް ވަޑައިގަންނަވާ ބޭފުޅުންގެ ކޮމެންޓްތައް އަޅުގަނޑުމެން ބޭނުން ވަނީ. އެއާ އިންޓަރެކްޓް ވެގެން މި ޓެކް ފެއާގައި ހާއްސަކޮށް ދިވެހިންގެ ޓެކްނޮލޮޖިކަލް ތަރައްގީ ތަކަށް އެ ބޭފުޅުންގެ ކޮމެންޓް ހޯދައިދީ، އަޅުގަނޑުމެން އިތުރަށް ތަރައްގީކޮށް ކުރިއަރުވާނެ ގޮތްތައް ހޯދައި ދިނުން،" އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގައި މަަސައްކަތް ކުރައްވާ ޕްރޮފެސަރު ވިދާޅުވި އެވެ.

ސަރުކާރާއި އުކުޅަހު ކައުންސިލްގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދާ ޓެކްފެއާ ބާއްވަން ފުރަތަމަ ނިންމީ އެ ރަށުގެ ސްކޫލްގަ އެވެ. ނަމަވެސް އެއަށް ވުރެ ރަނގަޅަށް އިންތިޒާމް ހަމަޖައްސަން އުކުޅަހު ކޮންވެންޝަން ސެންޓަރު ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް މިހާރު އަންނަނީ ރެ އާއި ދުވާލު ކުރަމުންނެވެ.

ހުރިހާ އުމުރަކަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އެ ފެއާ އަށް ވީހާވެސް ގިނަ ޒުވާނުންނާއި ސްކޫލް ކުދިން ޒިޔާރަތްކޮށް، އުފެއްދުންތައް ބެލުމަކީ އުގެއިލް ފައުންޑޭޝަންގެ އެދުމެކެވެ. ޓެކް ފެއާ އާއި ސްކިމާ ކޮންފަރެންސަށް ސްކޫލްތަކުގެ ދަރިވަރުން ގެންދާނެ ކަމަށް އއ. އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލްތަކުން ކުރިން ވަނީ ބުނެފަ އެވެ.

އުކުޅަސް ޓެކް ފެއާ އާއި ސްކިމާ ކޮންފަރެންސް ބާއްވަނީ ސަރުކާރުގެ މިިނިސްޓްރީތަކުގެ އިތުރުން އުރީދޫގެ އެހީތެރިކަމާ އެކުގަ އެވެ.