އުކުޅަހު ކޮންވެންޝަން ސެންޓަަރު ނިންމައި، އަމިންގެ ސްޕީޑް ދައްކާލައިފި

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީން އިންތިޒާމްކުރާ ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސް އއ. އުކުޅަހުގައި ބޭއްވުމުގެ އިންތިޒާމްތައް ކުރިއަށް ދާ ގޮތް ބައްލަވައިލައްވަން ޕްރޮފެސަރު ހަސަން އުގައިލް ޖުލައި 28 ގައި އެރަށަށް ވަޑައިގެންނެވި އެވެ. އެކަމަކު ކޮންވެންޝެން ސެންޓަރު ހަދަން އޮތް ބިން ވެސް އޭރު ސާފުކޮށް ނުނިމެ އެވެ. އޭނާއަށް ލިބިވަޑައިގަތީ މާޔޫސްކަމެވެ.


"ވަރަށް ބާރަށް މަސައްކަތް ގެންދާނެ ކަމަށް އެމީހުން [އަމީން ކޮންސްޓްރަކްޝަން ކުންފުނީގެ މަސައްކަތްތެރިން] ބުނީ. އެކަމަކު އަޅުގަނޑަށް ހަމަ އަދިވެސް އުއްމީދެއް ނުކުރެވޭ ކޮންވެންޝަން ސެންޓަރު އެ ތާރީހަށް ނިމިދާނެ ކަމަކަށް،" ސައިޓް ބައްލަވައިލެއްވުމަށް ފަހު އުގައިލް ވިދާޅުވި އެވެ.

އެކަމަކު ދިގު ރުއްތަކާއި އަހި ގަސްތަކާއި ވިނަތަކުން ފުރިފައި އޮތް ބިމުގައި، އެންމެ ތިން ހަފުތާ ތެރޭގައި، މިއަދު އެހެރީ 400 މީހުންގެ ޖާގައިގެ ޒަމާނީ ކޮންވެންޝަން ސެންޓަރެއް ހަދައި ގާތްގަނޑަކަށް ނިންމައިފަ އެވެ.

އެންމެ 23 ދުވަހުގެ ތެރޭގައި އެވަރުގެ ތަނެއް ހަދާ ނިންމާލުމަކީ، ރާއްޖޭގެ ނިސްބަތުން ވަރަށް އަވަސް މިނެކެވެ. އުކުޅަހުގެ ބައެއް މީހުން ވެސް ތިބީ އެކަމާ ހައިރާންވެފަ އެވެ.

ކޮންވެންޝަން ސެންޓަރު ޕްރޮޖެކްޓް މެނޭޖަރު އާދަމް ސާޖިދު "މިހާރު"އަށް ވިދާޅުވީ ޖުލައި 27 ގައި އަމަލީ މަސައްކަތް ފެށި ތަނުގައި މިހާރު ކުރަމުން އަންނަނީ އެތެރޭގެ ފިނިޝިން މަސައްކަތްތަކާއި ގޯތިތެރޭގެ ލޭންޑް ސްކޭޕިން އާއި ވަށާ ފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 10،000 އަކަފޫޓްގެ ކޮންވެންޝަން ސެންޓަރު ހެދުމަކީ އަމިން ކޮންސްޓްރަކްޝަންގެ ތާރީހުގައި ވެސް ނިސްބަތުން އެންމެ އަވަހަށް ނިންމާ މަސައްކަތެވެ. އަދި ރާއްޖޭގައި ވެސް މިހާ އަވަހަށް ނިންމާ އެވަރުގެ ފުރަތަމަ ތަނަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެ މަސައްކަތުގެ 95 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ސައިންސްވެރިންގެ ބޮޑު ބައްދަލުވުމުގެ މައި މަރުކަޒު ހެދުމުގެ މަސައްކަތުގައި 175 މީހުން ހަރަކާތްތެރިވެ އެވެ. ބައެއް ދުވަސް ދުވަހު 24 ގަޑިއިރު ވެސް މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރު އެޅި ބިން ޖުލައި 27 ގައި އޮތް ގޮތް

"އައްޑޫ ކޮންވެންޝަން ސެންޓަރަކީ ވެސް އަވަސް މަސައްކަތެއް. އެއީ ހަ މަސް ދުވަސް. އެކަމަކު އެތަން ދެން މިއަށް ވުރެ މާ ބޮޑު،" އެމްޑީޕީ ސަރުކާރުން 2011 ގައި ސާކް ސަމިޓް ބާއްވަން ހިތަދޫގައި ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ މަސައްކަތަށް އަމާޒުކުރައްވައި، ސާޖިދު ވިދާޅުވި އެވެ.

"މިތަން މިއީ ނިސްބަތުން އެންމެ އަވަސް މަސައްކަތް."

އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ހިމެނޭ ބައިތައް

-400 މީހުންގެ ޖާގައިގެ ހޯލެއް

- ވެއިޓިން އޭރިއާ

- އެގްޒެކެޓިވް މީޓިން ރޫމެއް އަދި ވީއައިޕީ މީޓިން ރޫމެއް

- ދެ ކްލާސް ރޫމް

- 8 ފާހާނާ (އަންހެން، ފިރިހެން ވަކިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާތައް ހިމެނޭ ގޮތުން)

- ތިން ގުދަން.

- ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީސް

އުކުޅަހު ކޮންވެންޝަން ސެންޓަރު އަޅަން ޖުލައި މަހު ބިން ސާފުކޮށްފައި

އުކުޅަހު ކޮންވެންޝަން ސެންޓަރު އިމާރާތްކުރީ އެރަށުގެ އިރުމަތީ ފަރާތުގައި އެންމެ ގިނަ ގެސްޓްހައުސްތައް ހުރި ހިސާބުގައި އޮތް 15،474 އަކަފޫޓްގެ ބިމެއްގަ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ އެ ސެންޓަރު އަޅަން ބިން ކަނޑައެޅީ ބައިނަލްއަގުވާމީ ސައިންސް އެންޑް ޓެކްނޮލޮޖީ ކޮންފަރެންސެއް އުކުޅަހުގައި ބޭއްވުމުގެ ފުރުސަތު ޕްރޮފެސަރު އުގައިލް ހޯއްދަވައި ދެއްވި ހިސާބުން ކަމަށެވެ.

"ކޮންފަރެންސްގެ ކަންތައް ހަމަޖެހުމާ އެކު އަޅުގަނޑުމެން ބިން ކަނޑައަޅައި، ޕްލޭނިން މަސައްކަތްތައް ވެސް ނިންމާފައި ސަރުކާރަށް ހުށަހެޅީ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން އެހީގެ ތެރެއިން ގާތްގަނޑަކަށް 17 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަޅާ ސެންޓަރުގެ މަސައްކަތް ކުރިން ރޭވި ވަރަށް ވުރެ ސަރުކާރުން އަވަސްކޮށްލީ، ޝައުކަތު ވިދާޅުވި ގޮތުގައި، ސައިންސްވެރިންގެ ކޮންފަރެންސް، އާންމު ނަމުން ނަމަ ސްކިމާ ކޮންފަރެންސް، ބާއްވާ ތާރީހު އަވަސްވުމުންނެވެ.

"ފުރަތަމަ ނިންމީ ސްކޫލްގައި ބާއްވަން. އެކަމަކު ކޮންފަރެންސްގެ ތާރީހު ކަނޑައެޅި އިރު އެއީ ކިޔެވުން އޮންނަ ދުވަސްތަކެއް. އެހެންވީމާ ސްކޫލް ވެސް ހަގީގަތުގައި ލިބޭކަށް ނެތް. އެހެންވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސީދާ ބެއްލެވުމުގެ ދަށުން މަސައްކަތް އަވަސްކޮށްދެއްވީ،" ޝައުކަތު ވިދާޅުވި އެވެ.

ކޮންވެންޝަން ސެންޓަރު ހުޅުވަން އުކުޅަހު ކައުންސިލުން ނިންމާފައި އޮތީ ސްކިމާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތާ އެކު މި މަހު 26 ގަ އެވެ. އެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އުކުޅަހު ކައުންސިލުން ވަނީ ދައުވަތު އަރުވައިފަ އެވެ.

ޝައުކަތު ވިދާޅުވީ ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މުޅިން ނިންމައި ކައުންސިލާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން އަމިން ކޮންސްޓްރަކްޝަނުން ދީފައިވާ ކަމަށެވެ.

"މިއީ އާދަޔާ ހިލާފަށް އަވަސް ސްޕީޑެއް،" ޝައުކަތު ވިދާޅުވި އެވެ.