ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަނުގައި އަޅާ އިމާރާތް
21 އޯގަސްޓް 2019 - 14:47
ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު ގޮތެއް ނިންމަން އެޓާނީ ޖެނެރަލްގެ ފަރާތުން ހޯދަން އެދުނު ލަފާ އަދިވެސް ލިބިފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ގާނޫނީ ލަފާ ނުލިބެނީސް ނަސަންދުރަ މައްސަލައިގައި ގޮތެއް ނުނިންމޭނެ ކަމަށެވެ. ނަސަންދުރަ ހުރި ބިން ކުއްޔަށް ދިން އެއްބަސްވުމާ މެދު ގާނޫނީ ލަފައެއް ހޯދަން ޓޫރިޒަމް މިނިސްޓްރީޖން އޭޖީ އޮފީހުގައި އެދުނީ، އަލީ ވަހީދު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 6 ގަ އެވެ. ނަމަވެސް އެކަމުގައި އޭޖީގެ މަސައްކަތް ލަސް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ކޮންޓްރެކްޓް މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް ހަމަ ދަތި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެބަ އޮތް އޮޑިޓް ރިޕޯޓްގައި އަންގާފައި އެމްއެމްޕީއާރުސީއާ ގުޅޭ ކަންކަމުގައި ގާނޫނީ ލަފާ ނަގައިގެން ނޫނިއްޔާ ޓޫރިޒަމް މިނިސްޓްރީން އަމަލު ނުކުރަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ގާނޫނީ ލަފާ ލިބުނީމާ އެއަށް ގޮތެއް ނިންމޭނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށް އަލީ ވަހީދު އެ ޖަވާބު ދެއްވުމުން، ނަސަންދުރަ މައްސަލައިގައި ގޮތެއް ނިންމުން އަވަސްކުރަން ޓޫރިޒަމް މިނިސްޓްރީން އިތުރަށް މަސައްކަތް ނުކުރޭތޯ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އޭޖީގެ މަސައްކަތް ލަސްކަމަށް ވިދާޅުނުވެވޭނެ ކަމަށެވެ.
"ބަންޑާރަނައިބު އޮފީހަށް ދާނެ ސަރުކާރުގެ 19 މިނިސްޓްރީގެ ލަފާ [ހޯދަން]. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މުޅިއަކުން ބަންޑާރަނައިބުގެ މަސައްކަތް ލަސް ކަމަކަށް ނުދެންނެވޭނެ،" އޭނާ ވިދާޅުވި އެވެ.
ނަސަންދުރަ 2010 އިން ފެށިގެން ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން، އެކަމަކު ފަހުން އަވަހާރަވެފައިވާ އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިންނެވެ.
އެ ބިން 2015 ގައި އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކޮށް، ކުރީގެ އެއްބަސްވުން އުވާލައި، ހަމަ އެ ދުވަހު މަނިކުގެ އެހެން ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓާ އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއް ހެދި އެވެ. އެ މުއާމަލާތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން "ދައުވާ ކުރެވެން ނެތް ކަމަށް" ބުނެ އަނބުރާ ފޮނުވާލީ އެވެ.
އޭސީސީގެ ނިންމުމުގައިވާ ގޮތުން ގެލެކްސީއާ އެކު ކޮށްފައިވާ ނަސަންދުރާގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އަނބުރާ ފޮނުވާލެއްވީ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވުމުންނެވެ.
ނަސަންދުރާގެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ދެ ބޭޅުންނަށެވެ. އެއީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
މާލޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު އިމާރާތް ކަމަށް ވާ ނަސަންދުރާގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުމަސް
21 August 2019
ނަސަންދުރަ އަށް ބަދަލު ދެންޏާ ދީފައި ދައުލަތަށް ނަގަންވީ.. ސަރުކާރުގެ އެތައް މުއައްސަސާއެއް ބޮޑު ކުލި ދީގެން އެކި ތަންތަނުގައި އުޅެމުން ދާއިރު، އެ ތަނަކީ އޮފީސް ޢިމާރާތަކަށް ހެދެނިކޮށް، ދައުލަތަށް އެތަކެއް މިލިޔަން ރުފިޔާއެއް ސޭވް ކުރެވޭނެ.. އަދި އެ ލޮކޭޝަނުގެ ގޮތުން، އެ ދިމާލަށް ބަހެއް ބޭއްވުމުން، ހުޅުމާލެއިން އަންނަ މީހުން ރަށުތެރެއަށް ނުވަދަ ފެސޭހައިން އޮފީހަށް ދެވޭނެ..
މަންޑޭލާ
21 August 2019
މިސަރުކާރުން ޕާޓީ މީހުންނަ ލާރިބަހާ މަސްސަލަ ބަލާބަލަ. ބަދަލޭ ކިޔާގެން.
ދަތްނެތްކުއްޖާ
21 August 2019
ކީއްކުރާ އެލްޖީއެއްގެ ލަފައެއް ހޯދަންތޯ ތިޔަ އުލުއްވަނީ. ރައްޔިތުން އާރާއި ބާރު ތަމެންނަށް ދިނުމުންވެސް ތިކަން ތަމެންނަށް ނުުކުރެވެންޏާމު ރައްޔިތުންނާއި ހަވާލު ކޮއްފައި ތަމެން ދުރަށް ޖެހިލުން ބުއްދިވެރި. އޭރުން ރައްޔިތުން ނުކުމެ ތިކަން ހަމަ މަގަށް އަލުވާނެ ކަމަށް މަމެން ދެކެން. ތިޔަ ތަންތަނަކީ ރައްޔިތުންގެ ހަރުމުދާ. ވަކި މީހަކަށް ވަކި ބަޔަކަށް ތިޔަތަން ލިބިގެނެއްނުވޭ.
އަހްމަދު
21 August 2019
އެމްއެމްޕީއާރުސީގެ ހިޔާނާތުން ރައީސް ޔާމީންގެ އެކައުންޓައް އެއްމިލިއަންޑޮލަރު ރައީސް އިބޫގެ އަށް ތިރީސްހަތްމިލިއަންރުފިޔާ ކޮންބޭފުޅަކަށްތޯ ގިނައިންލިބުނީ އެއްމިލިއަން ޑޮލަރުހުރީ ހިފެހެއްޓިފަ ތިރީސްހަތްމިލިއަން ވީތަނެއްނޭގޭ ދެން......
ޝޮކްތެރަޕީ
21 August 2019
މާލިޔަތުކޮމެޓީ ސަރުކާރު.
ލީމަން ޒާހިރު
21 August 2019
ޔާމީނުގެ އެއްވެސް މައްސަލަ އެއް ނުބެލިޔަސް ތީ ބަލަންޖެހޭ މައްސަލައެއް... ދައުލަތުގެ ބިންތިގޮތަށް ވެރިކަމަށް އަންނަ ބޭފުޅުންގެ ތިމާގެ މީހުނަށް ދޭންފަށައިފިނަމަ، މި މާލޭގައި ދައުލަތުގެ އެއްވެސް މިލްކެތް ނެތްދުވަސް ވަރަށް ކާރި.. ވީއިރު ތިމައްސަލަބަލަން ރައިޔަތެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ތާއީދު
ޖަނީ
21 August 2019
އޭޖީ ލަފާދޭނީ ކޯޓުން ބޭރުން ހައްލުކުރަން،
ޖޭމު ޑޮން
21 August 2019
މި ބޮޑު ޚިޔާނާތުގައި ޔާމީނު ބައިވެރި ވެފައިވާ މިންވަރު ބެލުން އަވަސް ކުރާށެވެ.
ސަސި
21 August 2019
އޭޖީ މާ ބިޒީއޭދޯ
ސަލީމް
21 August 2019
އޭޖީއަށް މިތަނުން ފްލެޓެއް ލިބިފައެއް ނުވާކަން ޔަގީން.