ދެއްކީ ނުވެ ހުރި ކަންކަމުގެ ވާހަކަ، ސަރުކާރަށް ހުށަހަޅާނަން: ސޯބެ

އައްޑޫގެ ރައްޔިތުންނާ އެކު މާލޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ހުށަހެޅީ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ އެކަމަކު ހަގީގަތަކަށް ނުވެ ހުރި ކަންކަމުގެ ވާހަކަ ކަމަށާއި އެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ.


އައްޑޫ ސިޓީ ކައުންސިލުން ރޭ ވަނީ މާލޭގައި ދިރިއުޅޭ އެ ސިޓީގެ ރައްޔިތުންނާ ފުރަތަމަ ފަހަރަށް ބައްދަލުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އައްޑޫގެ އެކި ދާއިރާތަކުގެ މެމްބަރުންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި ގިނަ ޝަކުވާތަކެއް ހުށަހަޅައި ބައްދަލުވުން ހޫނުވި އެވެ.

މި ސަރުކާރުން އައްޑު އަށް ވީ ވައުދުތައް ފުއްދުން ލަސްވާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރި އެވެ.

އެކަމަކު ސޯބެ "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ރައްޔިތުން ދެއްކީ ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ޝަކުވާއެއް ނޫން ކަމަށާއި ނުވެ ހުރި ކަންކަމުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަށް ބަޖެޓް ލިބިފައިވާ އާއްމު ޚިދުމަތްތައް އެބަ ހިނގާ. ރައްޔިތުން އެ ފާހަގަކުރެއްވީ ސަރުކާރުގެ ވުޒާރާތަކުން ހިންގާ މަޝްރޫއުތަކާ ގުޅުން ހުރި ވާހަކަ. އެއީ އިންތިޚާބުކޮށްފައި ތިބި ހާދިމުންގެ ގާތުގައި ދައްކަން ޖެހޭ ވާހަކަ،" ސޯބެ ވިދާޅުވި އެވެ.

"އެއީ، ވަރަށް ރަނގަޅު ބައްދަލުވުމެއް، އެ ވާހަކަތައް އެގޮތަށް ބުނީތީ އުފާކުރަން."

މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުން. -- ފޮޓޯ/ ސޯޝަލް މީޑިއާ

ސޯބެ ވިދާޅުވި ގޮތުގައި ދެންއޮތީ ކައުންސިލްގެ ޒިންމާއަދާކުރުމެވެ. އެއީ ރައްޔިތުން ބޭނުންވާ ކަންކަން އަނެއްކާވެސް ސަރުކާރުގެ އެކި ވުޒާރަތާކަށް ހުށަހެޅުމެވެ.

މާލެ ފިޔަވައި އައްޑޫ އަކީ އެންމެ ބޮޑު ސިޓީ ކަމަށް ވިޔަސް ކުރީގެ ސަރުކާރުތަކުން ވެސް އެތަނުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްފައެއް ނެތެވެ. ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ފެށިތާ 10 ވަރަކަށް އަހަރު ވީއިރު ވެސް ބޭނުންކުރެވޭ ވަރެއް ނުވެ އެވެ. ކަރަންޓާއި ސާފު ބޯފެނުމުގެ މައްސަލަ ވެސް ބޮޑެވެ. ތާރު އަޅައިގެން ހަދާފައި އޮތް ލިންކް ރޯޑުގެ ހާލަތު އެހާ ގޯސް އިރު، މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ވެސް ސަރުކާރުތަކަށް ހޯދުނު ހައްލެއް ނެތެވެ.

އިންތިޚާބުތަކުގެ ވޯޓުގައި އެއް އަތޮޅަކުން އެންމެ ބޮޑު ހިއްސާއެއް އޮންނަ އައްޑޫ ތަރައްގީކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު ވައުދެވެ. އެކަމަކު އެ ވައުދުތައް މިހާތަނަށް ނުފުއްދި އައްޑޫ ރައްޔިތުން ވަނީ މާޔޫސްވެފަ އެވެ.

މި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މި ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ ބުނެފަ އެވެ.

ޕްލޭން މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ މި ސަރުކާރުން އައްޑޫގެ ތަރައްގީ އަށް އިސްކަން ދޭ ކަަމަށެވެ. ރާއްޖެ އަށް އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 180 މިލިއަން ޑޮލަރު ވަނީ އައްޑޫގެ ތަރައްގީ އަށް ހަމަޖައްސައިފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އައްޑޫގެ ތަރައްގީގައި ދެން ކުރަން އޮތް ކަަމަކީ މަޝްރޫއުތައް އެކުލަވާލުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އައްޑު އަށް ބޭނުންވާ ކަންކަން ހިމަނައި ކައުންސިލުން އޮތީ މި ސަރުކާރަށް ކަރުދާހެއް ވެސް ހުށަހަޅައިފަ އެވެ. އޭގައި އައްޑޫ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ހިމަނާފައިވެ އެވެ.