މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ސަރުކާރުން ވެފައިވާ ވައުދު މިއަދު އަލުން ތަކުރާރުކޮށްފި އެވެ.
ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 30 ވަނަ ދުވަހަކީ، ގަދަކަމުން ގެއްލުވާލައިފައިވާ މީހުންގެ ހަނދާން އާކުރަން ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާން ގެއްލުވައިލުމުގެ ޒިންމާ އުފުލަން ޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ސަރުކާރުން ދޫނުކޮށް މަސައްކަތް ކުރާނެ ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި އެފަދަ ކުށްތައް ހުއްޓުވަން މަސައްކަތް ކުރަން ސަރުކާރު ތައްޔާރަށް އޮތް ކަމަށް ވެސް އެ ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.
ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ ޖަރީމާތައް ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު މި މަހުގެ ކުރީކޮޅު ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުވައިލުމުގައި ބައިވެރިވި މީހުން ހެއްކާ އެކު ހޯދިފައިވާ ކަމަށެވެ.
ރިލްވާން ގެއްލުވާލިތާ ފަސް އަހަރު ފުރުނު ދުވަހާ ދިމާކޮށް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ ރިލްވާން ގަދަކަމުން ފޮރުވުމުގައި އުޅުނު ޓެރަރިސްޓް ގްރޫޕާއި އެކަމުގައި ބައިވެރިވި މީހުން، ދައުވާ ކުރެވޭ މިންވަރަށް އެކަށީގެންވާ ހެއްކާ އެކު އެ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައުލޫމާތު މި މަސް ނިމުމުގެ ކުރިން އާންމު ކުރުމާ މެދު ވިސްނަމުންދާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
އެކަމަކު ރިލްވާން ވަގަށް ނެގުމަށް ފަހު އޭނާއާ މެދު ކަންތައްކުރި ގޮތް އަދިވެސް ހޯދިފައި ނެތް ކަމަށް ސުއޫދުގެ ޓްވީޓްގައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން އެ ކޮމިޝަނަށް އެކި ގޮތްގޮތުން ލިބުނު މައުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު މިހާތަނަށް ޔަގީން ކުރެވުނު ކަންކަމުގެ މައުލޫމާތު ރިލްވާންގެ އާއިލާއާ ދާދިފަހުން ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ސުއޫދުގެ ޓްވީޓްގައިވެ އެވެ.
"ބަލަމުންދާ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ރިޔާސީ ކޮމިޝަނުން ވެފައިވާ ވައުދު ފުއްދާނަން" ސުއޫދު އޭރު ކުރެއްވި ޓްވީޓްގައިވެ އެވެ.