ރިލްވާންގެ ބޯ ބުރިކޮށްލައި އޭނާ ވަނީ ކަނޑުފައްތާފައި: ރިޕޯޓް

ގެއްލިގެން ހޯދަމުން ދިޔަ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގުމަށް ފަހު އޭނާގެ ބޯ ބުރިކޮށްލައި ކަނޑުފައްތާފައިވާ ކަމަށް، ރިލްވާންގެ މައްސަލައިގައި އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.


މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ތައްޔާރުކުރި އެ ރިޕޯޓް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފަ އެވެ. މަޖިލީހުގެ ވެބްސައިޓުގައި މި ރިޕޯޓް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ރިލްވާން ވަގަށް ނެގިތާ ފަސް އަހަރުފަހުން، އެކަމުގެ ތަފްސީލީ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ހާމަކުރެއްވި މައުލޫމާތަށް ވުރެ ތަފުސީލުކޮށް، މަޖިލީހުން މިއަދު އާންމުކުރި ހުލާސާ ރިޕޯޓްގައި ވެ އެވެ. ރިލްވާން މަރާލި ގޮތާއި އެކަން ހިނގި ގޮތާއި އެކަމުގައި ހިމެނޭ ބައެއް މީހުންގެ ނަންތައް ވެސް އެ ރިޕޯޓްގައި ވެ އެވެ.

ރިލްވާން މަރާލީ ރާއްޖޭގައި އުފެދިފައިވާ "މިނިވަން ފިކުރު"ގެ ބަޔަކާއި ދީނީ ހަރުކަށި ބަޔަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމުގެ ތެރެއިން ކަމަށް ތަހުގީގުތަކަށް ވަނީ ޔަގީން ވެފަ އެވެ.

ރިލްވާން ވަގަށް ނެގުމަށްފަހު ރަތް ކުލައިގެ ކާރަކަށް އަރުވައި އެންމެ ފުރަތަމަ ގެންދިޔައީ ޑިންގީއެއްގަ އެވެ. އެ ޑިންގީން، އޭނާ އެރުވީ އެހެން ކަނޑު އުޅަނދަކަށް ކަމަށާއި ރިލްވާން މަރާލީ އެ އުޅަނދުގައި ކަމަށް އާދިއްތަ ދުވަހު ސުއޫދު ވިދާޅުވެފައި ވެ އެވެ. ދެ ހެކިންގެ ތެރެއިން އެކަކު، ރިލްވާން ގެންގޮސް ޑިންގީ އަކަށް އެރުވި ކަމަކަށް ބުންޏަސް، އަނެކަކު އެހެން ބުނެފައެއް ނުވެ އެވެ. އެކަމަކު ދެ ހެކިން ވެސް އެއްބަސް ވެފައި ވަނީ ދޯންޏަކަށް އެރުވި ކަމަށެވެ.

ރިޕޯޓުގައި ހެއްކަކާ ހަވާލާދީ ބުނެފައިވާ ގޮތުން، ރިލްވާން ކިޑްނެޕްކޮށް ގެންގޮސް އެރުވީ އއ. އުކުޅަހު ދޯންޏަކަށް ކަމަށް އޭނާ ބުނާ ކަމަށެވެ. އެ ދޯނީގެ ވެރިޔާއަކީ މާވަޑިއާގޭ މުހައްމަދު ރާޝިދެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ދޯނި ނިސްބަތް ވަނީ، ރިލްވާން މަރާލި ދީނީ ޖަމާއަތަށެވެ. އެ ދޯނީގެ އިތުރުން އެގޭގައި އެހެން މީހަކު ގެންގުޅޭ ދޯންޏެއް ވެސް އޮވެ އެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުން ދެ ދޯންޏަކީ ދީނީ ޖަމާއަތަށް އާމްދަނީ ހޯދަން ގެންގުޅޭ ދެ ދޯންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 2014 ހިސާބުގައި އެ ދޯނި ގެންގުޅުމަށް ފަހު ވަނީ ވިއްކާލައިފަ އެވެ.

އުކުޅަހުގައި ބަޓް ނަގަން ދާން ގެންގުޅެނީ އެ ދެ ދޯނި ކަމަށާއި އެ ދޯނި ހަމަޖައްސައިދިނީ ހަރުކަށި ޖަމާއަތުގެ އޮޕަރޭޝަންތަކުގައި އެންމެ އިސްމީހަކަށް ހުންނަ ސ. ފޭދޫ ގުރަހާގޭ އަގްލީލް (ކިޑޫ) ކަމަށް ރިޕޯޓުގައި ބުންޏެވެ.

"މި ދޯންޏަށް އެރުވުމަށް ފަހު ރިލްވާންގެ ކަރު ބުރިކޮށްލީ އެވެ. ބޯ ބުރިކޮށްލުމަށް ފަހު އެ މީހުން ރިލްވާންގެ ހަށިގަނޑު ކަނޑު ފެއްތީ އެވެ،" ސިއްރުން ދިން ހެކި ބަހެއްގައި ބުނެފައި ވެ އެވެ.

ސިއްރުން ހެކި ބަސް ދިން އެހެން މީހެއްގެ މައުލޫމާތުން، ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދާ އެކު ދެކެވުނު ވާހަކައިން ރިލްވާން ބޯބުރިކޮށްލީ އޭނާކަން އެނގޭ ކަމަށް ބުންޏެވެ. ސާމިތު އަކީ ރާއްޖޭގައި ޖަމާއަތް ހަދައިގެން އުޅޭ ޖަބްހަތުއް ނުސްރާ އަށް ނިސްބަތްވާ މީހެކެވެ.

ރިލްވާން ވަގަށް ނެގުމުގެ ކުރިން އިންޓެލް ފުލުހުން ރިލްވާނަށް ފާރަލާފައި ވެ އެވެ. އެގޮތުން އޭޕްރީލް 24، 2014 އިން ފެށިގެން ޖުލައި 21، 2014 ވަންދެން އޭނާގެ ފޯނު ކޯލް އަޑުއެހި ކަމަށާއި އެކަން ކޮށްފައިވަނީ އިންޓެލްގައި މަސައްކަތް ކުރަމުންދިޔަ މުހައްމަދު ޖިނާހް އަދި އިބްރާހިމް ރިފްއަތު ކަމަށް ބުންޏެވެ.

އިންޓެލްގައި މަސައްކަތްކުރަމުން ދިޔަ އެހެން މީހެއް ކަމަށްވާ އަހުމަދު ހަމީދު އަބްދުއްރަހީމް ކައިރީގައި ޖިނާހު ވަނީ ޓްވީޓާގައި އުޅޭ "މޮޔަމީހާ" އަކީ ކާކުތޯ އަހައިފަ އެވެ. އޭރު އެއީ ކާކު ކަމެއް ނޭނގޭތީ އެހެން ބުނެފައިވާ ކަމަށް އަހުމަދު ހަމީދު އަބްދުއްރަހީމް ބުނި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިި ވެ އެވެ. އެކަމަކު އެހެން ދުވަހެއްގައި ރިލްވާނާ ގުޅޭ މައުލޫމާތު ހިފައިގެން ގޮސް ޖިނާހު ވަނީ އެއީ ކާކުކަން މިހާރު އެނގިފައިވާކަން ބުނެފަ އެވެ.

އެކަމާ ބެހޭ މައުލޫމާތު އެހުމުން އެއީ އިންޓެލްގައި މަސައްކަތްކުރާ މުހައްމަދު ފަޔާޒް އިސްމާއިލް ބުނެގެން ކާކުތޯ ބެލީ ކަމަށް ޖިނާހު ބުންޏެވެ.

ރިލްވާން ގެއްލުނުކަން އޭނާގެ އާއިލާއިން އޮގަސްޓް 11، 2014 ގައި ރިޕޯޓުކުރުމުގެ ކުރިން ނޫސްވެރިއަކު ގެއްލިގެން އުޅޭ ކަމަށާއި އަދި ސެކިއުލާ މީހަކު ގެއްލިގެން ކަންބޮޑުވެގެން އުޅޭކަމަށް އަހުމަދު ހަމީދު އަބްދުއްރަހީމް ގާތުގައި ޖިނާޙު ބުނި ކަމަށެވެ.