ދިމާވި ހާދިސާގައި ފަސިންޖަރުންނަށް ނުރައްކަލެއް ނުވޭ: އެއާ އޭޝިއާ

ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތައިލެންޑުގެ ބެންކޮކަށް ދާން ފުރި އެއާއޭޝިއާގެ މަތިންދާބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެ، އެނބުރި އައިސް އިމަޖެންސީގައި ޖައްސަން ޖެހުނަސް ފަސިންޖަރުންނަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ދިމާވެފައި ނުވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.


އެއާއޭޝިއާގެ ސޭފްޓީ ހެޑް ކެޕްޓަން ލިންގް ލިއޮންގް ޓިއެންއާ ހަވާލާދީ މެލޭޝިއާގެ "ދަ ސްޓާ އޮންލައިން" އިން ބުނީ ބޯޓު ފުރި ވަގުތު ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށާއި އެހެންވެ އެނބުރި އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން، އޮޕަރޭޓިން ޕްރޮސީޖާއާ އެއްގޮތަށް ޕައިލެޓް އެދުނު ކަމަށެވެ.

"މަތިންދާބޯޓު ރައްކާތެރިކަމާ އެކު، ރާއްޖޭ ގަޑިން އެ ރޭ 8:41 ގައި ވަނީ ޖައްސާފައި. އަދި އިންޖީނަށް ދިމާވި މައްސަލަ ވަނީ ބަލާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާއޭޝިއާގެ ޕައިލެޓުންނަކީ މިފަދަ ހާދިސާތަކަށް ފުރިހަމަ އަށް ތަމްރީންވެފައި ތިބޭ ޕައިލެޓުން ކަމަށެވެ.

"...ބޯޓުގައި ތިބި މީހުންނަށް، ބާރުގަދަ އަޑެއް އިނުވަސް، ފަސިންޖަރުންނަށް ނުރައްކާވާނެ އެއްވެސް ހާލަތެއް ދިމައެއް ނުވޭ،" އިތުރު ތަފްސީލަކަށް ނުގޮސް، އޭނާ ވިދާޅުވެފައިިވެ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބޯޓު ނައްޓާލުމާ އެކު ގަދަ އަޑަކާ އެކު ބޯޓުގެ އެއް އިންޖީނުން ހުޅުގަނޑެއް ފެނުނެވެ. އެކަމަކު ބޯޓު ފުރިތާ 22 މިނެޓް ފަހުން، އިމަޖެންސީގައި ޖެއްސި އިރު އަލިފާނުގެ އަސަރެއް ނެތެވެ. ނަމަވެސް އޭރު އެއާޕޯޓް އޮތީ އިމަޖެންސީ ހާލަތަކަށް ތައްޔާރުވެފަ އެވެ.

އެއާއޭޝިއާ އިން ބުނީ ދިމާވި މައްސަލަޔާ ހެދި ކެންސަލްކުރަން ޖެހުނު ފްލައިޓްގެ ފަސިންޖަރުން، އަނެއް ދުވަހު އެކި ފްލައިޓްތަކުގައި ފޮނުވާލާފައިވާ ކަމަށެވެ. މައްސަލަ ދިމާވި ބޯޓުން ދަތުރުކުރި ގިނަ މީހުންނަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަ ޓޫރިސްޓުންނެވެ. ބޯޓުގައި އަށެއްކަ ދިވެހިން ވެސް ތިއްބެވެ.