މޮޅަދޫ ބަނދަރު ހަދަން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

ހއ. މޮޅަދޫގައި ބަނދަރު ހެދުމުގެ މަޝްރޫއު، 26 މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.


މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ސެނޮކް ޓްރޭޑް ކޮމްބައިން އާ އެވެ. އެއީ ސްރީ ލަންކާގެ ކުންފުންޏެކެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެތަނުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. ސެނޮކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ އެކައުންޓެންޓް ޕްރަބާތެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ޕްލޭނިން މިނިސްޓްރީން ބުނީ އެއް އަހަރު ތެރޭ ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫރުގައި 232 މީޓަރު ކަނޑު ތޮއްޓަކާއި 200 މީޓަރުގެ އެއްގަމު ތޮށްޓެއް ލާނެ ކަމަށެވެ. އަދި 42 މީޓަރު ރިވެޓްމެންޓް ޖަހާނެކަމަށް ވެސް އެތަނުން ބުންޏެވެ،

މީގެ އިތުރުން ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރަން އެމްޓީސީސީއާ މިދިޔަ ހަފްތާ ހަވާލުކުރި އެވެ. އަދި ވ. ފެލިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އާއި އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެމްޓީސީސީއާ މިދިޔަ ހަފުތާގައި ހަވާލުކޮށްފަ އެވެ. މި ހުރިހާ މަޝްރޫތަކަށް 188 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.