ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ގޭގެ އާއި މީހުން ބަލާ ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފި އެވެ.
ފުލުހުން މިހާރު ވެސް އަންނަނީ ހެންވޭރާއި ގަލޮޅުގެ ދެ ގެއެއް ބަލައި ފާސް ކުރަމުންނެވެ.
ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
"ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް. ތަންތަނާއި މީހުން ބަލާފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުން،" އިޒްމިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށްދާއިރު މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޒަނަލް ޕޮލިސިން ކޮމާންޑުން ބައިވެރިވެ އެވެ.
މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތައްޔާރު ކުރި ޑްރާފް ރިޕޯޓުގެ ބައެއް މައުލޫމާތުތައް ހާމަ ކުރަމުން ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ އެ މައްސަލާގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ނަންތައް ހާމަ ކުރައްވާފަ އެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ރިލްވާން ވަނީ މަރާލާފައި ކަމަށާއި އެކަން ކުރީ އަލްގައިދާގެ ރާއްޖޭގެ ގޮފީގެ މީހުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުން ރާއްޖޭގައި ހަރަކާތްތެރިވާގޮތް ވެސް ސުއޫދު ވަނީ ހާމަ ކުރައްވާފަ އެވެ. އެމީހުންނާއި އެމީހުން ކުރާ ވިޔަފާރިތައް ވެސް ދެނެގަނެވިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.