ރާއްޖެ މިހާރު ކުރިއަށްދަނީ ނުބައި މިސްރާބަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ސްކޫލުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ތައުލީމީ ގޮތުން ރާއްޖެ ކުރިއަރައި ކާމިޔާބުތަކެއް ހޯދާފައިވާ ކަމަށެވެ. ދުނިޔޭގެ ފާހަގަކޮށްލެވޭ މޮޅެތި ޑޮކްޓަރުންނާއި ޕައިލެޓުން ރާއްޖޭގައި ތިބިއިރު ހިތާމަކުރަންޖެހޭ ކަންތައްތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
މީގެ ދެ ތިން އަހަރު ކުރިން ޖަލުގައި ހުންނެވިއިރު މީހަކު ހާލު އަހާލައިފި ނަމަ ވަރަށް ރަނގަޅުކަމަށް ވިދާޅުވެވޭ ކަމަށާއި ނަމަވެސް މިހާރު ފެންނަ މަންޒަރާއި އަޑުން އެގޮތަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2000-3000 އެއްހާ ކުދިން ގޮވައިގެން އަދި އެ ކުދިންގެ ހާލަތު ބެލުމުގައި އުފުލަންޖެހޭ ބުރަތަކާއި ހިނގާ ހާދިސާތަކާއި މަންޒަރުތަކަކީ އަސަރުން ފުރިގެންވާ ކަންތައްތަކެއް ކަމަށެވެ. އެތައް ހާސް ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭގެ ޝިކާރައަކަށްވެ ނުރައްކާތެރި އެތައް ކުށްތަކަކަށް އަރައިގަންނަ ކަމަށާއި އެއީ ބެލެނިވެރިން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އާބާދީގެ ނިސްބަތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު ގިނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ހިތާމަހުރި ކަމެއް ކަމަށެވެ. ގްރޭޑު 7،8 ގައި ކިޔަވަމުން އަންނަ ދަރިވަރުން މަސްތުވާތަކެތީގެ ތެރެއަށް ވަދެ އޭގެ ޝިކާރައަކަށް ވެގެންދާ މަންޒަރަކީ ހިތަށް ކެތްވާ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
"މުސްތަގުބަލާ ދޭތެރޭޭ ފުންކޮށް ވިސްނަންޖެހޭ. ދަރިންނަށް ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ ދަތުރު ކުރަމުންދާއިރު އެ ކުދިންނަށް ދީނާއި އަހުލާގާއި ސަގާފަތް ދަސްކޮށްދޭންޖެހޭ. ރިވެތި ގޮތުގައި އުޅުމުގެ ހުނަރުތައް އުނގަންނައިދޭންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ދަރިންނަށް ލޯބިދީ އެންމެ ގާތް އެކުވެރިއަށް ވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. ދަރިން ބޭރަށް ދަނީ ކޮން ބަޔަކާ އެކުގައިތޯ އެނގެން ޖެހޭނެ ކަމަށާއި ދެން އަޅަންޖެހޭ ފިޔަވަޅާއި ދަތުރުކުރަންޖެހޭ މިސްރާބު އޭރުން އެނގޭނެކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ ދަރިން ނުބައި މީހުންނާ އެއްކޮށް ބޭރަށް ދިއުމަށް ދޫނުކުރުމަށް އެދިވަޑައިގެންފަ އެވެ.
"ހަގީގަތުގައި ވެސް ނުރައްކާ މިސްރާބަކަށް މި ދަނީ. އެކަން ދިރާސާކޮށް ބަލަމުންދަނީ. މީގެ 10 އަހަރު ކުރިއަށް ބެލިކަމުގައި ވިއަސް ރާއްޖެ އަދި ދަތުރުކުރަމުންދަނީ ނުރައްކާތެރި މިސްރާބަކަށް،" އިމްރަން ވިދާޅުވި އެވެ.
ޑްރަގް ޓްރެފިކިންގެ މައްސަލައިން ފެށިގެން ރިހެބިލިޓޭޓް ކުރުމާ ދެމެދު ވަރަށް ބޮޑަށް ބަލަމުން އަންނަކަމަށާއި އެކަމުގައި ވެސް ހެޔޮ ގޮތްތަކެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
މީގެ 40-50 އަހަރު ކުރިއަށް ބަލާއިރު ރާއްޖެ އޮތީ ގަބޫލުކުރެވޭ އެކަށީގެންވާ މާހައުލަކަށް ދަތުރުކޮށްފައި ކަމަށާއި އެފަދަ ފުރުސަތުތައް އޮތްކަން ސާބިތުވާ ކަމަށް ވިދާޅުވި އެވެ. އަދި ހަގީގީ ކާމިޔާބީ ހާސިލުކުރަން ބޭނުންވާނަމަ ދެ ދުނިޔެ ބާއްޖަވެރި ކުރެވޭނެ ގޮތަކަށް ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.