15 ސެޕްޓެމްބަރ 2019 - 18:28
ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އެ ގައުމުން އިއުލާން ކޮށްފައިވީ ނަމަވެސް އެއީ ބައިނަލްއަގްވާމީ ގާނޫނުތައް ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ރާއްޖެއިން ބުނެފި އެވެ.
ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިޒްރޭލުން ކުރަމުންދާ މަސައްކަތާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އިޒްރޭލުގެ އެ ނިންމުމާ ގުޅިގެން މެދު އިރުމަތީގެ ސުލްހައަށް ހުރަސް އެޅޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭން ކުށްވެރިކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ދިވެހިންގެ ހުރިހާ އެއްބާރުލުމެއް އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެވެ. އަދި މިނިވަންކަން ހޯދަން ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އިން އަބަދުވެސް އެ ގައުމާއެކު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މި ހަފުތާގައި އޮންނަ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.
ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ. ނަތަންޔާހޫ ކުރަން އުޅޭ ކަންތަކަށް ވައިޓްހައުސް އިން ސަޕޯޓް ކުރާނެތޯ ސުވާލު ކުރުމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ޚާރިޖީ ސިޔާސަތަށް އަދި ބަދަލެއް ނާންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
16 September 2019
ކަލޭމެން ބުނާ ގޮތުގަ ނަމަ އިޒްރޭލު މި ދުނިޔޭގަ އޮންނަނީ ވެސް ގަވައިދާ ހިލާފަށް. އެހެން ވީމަ ތިޔައީ އަދާވާތްތެރިކަމުން ފުރިގެންވާ، ތާކުން ތާކު ނުޖެހޭ ވާހަކައެއް.
ގަބީ
16 September 2019
ތަނެއް ދޮރެއް އުޑެއް ބުޑެއް ނޭގޭ ރޯ ޖާހިލު ގަމާރަކަސް މިހާރު ނޫހުގައި ކޮމެންޓު ކުރެވޭތޯ ބަލާތި!
ހަސަބު
15 September 2019
ކޮން ގަވާއިދަކާ ޚިލާފަށްތަ؟ އިޒްރޭލޭ ތިކިޔާ ތަން އުފެއްދީ ގަދަބާރުން ބިންތަކަށް ވެރިވުމުގެ ގަވާއިދުގެ ދަށުން. ހިޓްލަރު ގަބޫލުކުރި ތިއަރީ ގެ ދަށުން. އިނގިރޭސިން ފަރަންސޭސިން ހޮލެންޑް އިސްޕެއިން ޕޯޗްގީޒުން ދުނިޔޭގެ އެކި ހިސާބުތަކަށް އަތްގަދަކޮށްގެން އުޅުނީވެސް ބާރުގެ ބޭނުންކޮށްގެން ތަންތަން އަމިއްލަ ކުރުމުގެ ހަމައިން.
ޏާއްކޮ
15 September 2019
ހަމަ އެހެން، އިޒްރޭލުގެ އައްޕަ އެމެރިކާއިން ވެސް އެވެރިންގެ ކުނި އަތް މުޅި ދުނިޔެއަށް ގަދަ ކުރާހެން