ޖަލުގައި ހަމަނުޖެހުން ހިންގަނީ ޖަލުގެ މުވައްޒަފުންގެ ކުށުން ނޫން ކަމަށާއި ޝަރީއަތް ނިމެންދެން ވާނުވާ ނޭނގި ގިނަ ދުވަހު ޖަލުގައި ގައިދީން މަޑުކުރަން ޖެހުމުން ކަމަށް ކޮމިޝަަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރޭ ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގައި ހުންނަ ޖަލުގައި ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) ގެ 48 ވަނަ އަހަރީ ޖަލްސާގައި މުނާޒް ވިދާޅުވީ މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް، މާފުށީ ޖަލުގައި ތިބި ގައިދީންގެ ފަރާތުން 40 އަށް ވުރެ ގިނަ ފަހަރު ޖަލު އޮފިސަރުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެއީ ގައިދީންނާ މެދު އޮފިސަރުން އިހާނެތިކޮށް ކަންތައް ކުރާތީ ހިނގާ ހަމަނުޖެހުންތަކެއް ނޫން ކަމަށެވެ.
"ކަރެކްޝަނަލް އޮފިސަރުން މިއަދު ގަބޫލުކުރަނީ އެކަން އެހެން އެވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ވާނުވާގައި އަހަރު ދެ އަހަރު ވަންދެން، ނުވަތަ އެއަށް ވުރެ ވެސް ގިނަ ދުވަސް ވަންދެން ބޭތިއްބުމާއި، ހުކުމުގެ މުއްދަތުގައި އަބަދު ގޮޅީތެރޭގައި ބަންދުވެފައި ބޭތިއްބުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް. އެ މީހުންގެ ރުޅިގަނޑު ފިލުވައިލުމަށް އެ މީހުންގެ ކުރިމަތިން، ގޮޅި ކުރިމަތިން ފެންނަ ކޮންމެ މީހަކަށް ކުރާ ގޯނާއެއްގެ ގޮތުގައި،" މުނާޒް ވިދާޅުވި އެވެ.
ގައިދީންނާ މެދު އަމަލުކުރަމުން އަންނަ ގޮތް ބަދަލުކުރަން އެމްސީއެސްގެ އޮފިސަރުން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ގައިދީންނާ މެދު އަމަލުކުރަން އެކުލަވާލައިފައިވާ ގަވާއިދު އިސްލާހުކުރުމަށް ފަހު އަލުން ގެޒެޓް ކުރާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވި އިރު ޖަލުގެ ހާލަތު ގޯސްކަމަށާއި އެކަން އިސްލާހުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ގައިދީންގެ ވަކީލުން އުފުލަމުން އައި ތަކުލީފު ކުޑަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މުނާޒް ވިދާޅުވީ އެމްސީއެސްގެ އެންމެ ބޮޑު ޒިންމާ އަކީ ޖަލުގައި ބަންދުކުރާ މީހުން ކުށުގެ ވެއްޓާ ދުރުކުރުން ކަމަށެވެ.