ކަނޑު ބޯޓަކަށް ލައި ހުރިހާ ބިދޭސީން ފޮނުވައެއް ނުލެވޭނެ: މިނިސްޓަރު

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ގިނަ ބިދޭސީންނަކީ "އަނިޔާ" ލިބިފައިވާ މީހުން ކަމަށާއި އެހެންކަމުން، ބައެއް އާންމުން ބުނާ ގޮތަށް، ކަނޑު ބޯޓަކަށް ލައި އަނބުރާ ފޮނުވައި ނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.


ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވާން ހުޅުވާލުމުން އިއްޔެ އެކަނި ވެސް 3،000 އަށް ވުރެ ގިނަ ބިދޭސީން ގަލޮޅު ދަނޑަށް އެއްވި އެވެ. ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ގަލޮޅު ދަނޑު ބޭރުގައި ކިޔޫ ހެދި ބިދޭސީން ވަނުމުން، މަޖީދީމަގާ ވީ ފަރާތު ސިޑިބަރި ފުރުނެވެ.

ގަލޮޅު ދަނޑުގައި ހުންނަވައި "މިހާރު" އާ ވާހަކަ ދައްކަވަމުން، ފައްޔާޒު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ބިދޭސީން އައުމުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ހާލަތު އޮތް ނުރައްކާތެރި މިންވަރު ފެނިވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަލުން ރަޖިސްޓްރީ ވާން ގިނަ އަދަދެއްގެ ބިދޭސީން އަންނަމުން ދާތީ އޭގެ މާނައަކީ އެ މީހުންގެ ހާލަތު ވެސް ދަށްވުމެވެ.

"މިއީ ވަރަށް ސީރިއަސް ކަމެއް. ސަރުކާރުން މިތިބީ މިކަން ކޮޅެއްގައި ޖެހެންދެން މިކަމަށް ސޮލިއުޝަން ހޯދުމަށް ތައްޔާރަށް،" ފައްޔާޒު ވިދާޅުވި އެވެ.

ތަބާވާން ޖެހޭ ބައިނަލްއަގުވާމީ އުސޫލުތަކެއް ވެސް އެބަ ހުރި

އިއްޔެ ގަލޮޅު ދަނޑަށް އެއްވި ބިދޭސީން: މި މީހުން އަލުން ރަޖިސްޓްރީކުރުމުން ރާއްޖޭގައި މަސައްކަތް ކުރަން ފުރުސަތު ދޭނެ --މިހާރު ފޮޓޯ/ނިޝާން އަލީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރީގެ އެއްވެސް ސަރުކާރަކަށް ހައްލުކުރެވިފައެއް ނުވެ އެވެ. އެ މީހުން ގެންނަ އިރު ދެ ކޮޅު ޓިކެޓަށް ވާ ފައިސާ ބެހެއްޓިޔަސް، އަތުލެވޭ މީހުން ވެސް އަނބުރާ ފޮނުވާލަން އުނދަގޫތަކާ ކުރިމަތިވެ އެވެ. އެހެންކަމުން ބައެއް އާންމުން ކުރިންސުރެ ވެސް ކުރާ އެއް ސުވާލަކީ އެ އެންމެން ބޮޑެތި ކަނޑުބޯޓުފަހަރުގައި ފޮނުވާނުލެވެނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް ފައްޔާޒު ޖަވާބު ދެއްވި އެވެ..

މިނިސްޓަރު ވިދާޅުވީ "އެއީ ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. އޭގެ ސަބަބަކީ، ފައްޔާޒު ވިދާޅުވި ގޮތުގައި، ތަބާވާން ޖެހޭ ބައިނަލްއަގުވާމީ އުސޫލުތައް ވެސް ހުންނާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންނަކީ، އެ މީހުން ރާއްޖެ ގެނައި ފަރާތްތަކުގެ އަމަލްތައް ހުރި ގޮތުން އަނިޔާ ލިބިފައިވާ މީހުންނެވެ. ވަޒީފާ ދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނަގައިގެން އެ މީހުން ގެނެސް ދޫކޮށްލި ބަޔަކު ވެސް އުޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ކުށެއް ނެތް ބަޔަކު ރާއްޖެ ގެނެސް މަގުމައްޗަށް އަޅާލީ" ފައިސާގެ ބޭނުމުގަ އެވެ.

"އެމީހުން ވައްދަނީ ޓޫރިސްޓް ވިސާ ޖަހާފައި ކަމެއް، ވޯކް ޕާމިޓް ޖަހާފައި ކަމެއް ނޭނގޭ އެތައް މަސައްކަތު މީހުންނެއް އެބަ ތިބި. މި ހުރިހާ ކަމަކަށް ބަލާފައި އިންސާނިއްޔަތު ކަމަށް ވެސް ބަލަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ދޭނެ

ރާއްޖޭގެ ވަކި ކަހަލަ ވަޒީފާތަކަށް ބިދޭސީން ބޭނުންވެ އެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގަވާއިދާ ހިލާފަށް މިހާރު އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދައިގެން ފުރުސަތު ދޭން ކަމަށެވެ. ގަވައިދުގެ ތެރެއަށް ވައްދާ މީހުން ދެން އުޅެން ޖެހޭނީ ކޮންމެވެސް ފަރާތެއްގެ ވަޒީފާތަކުގައި ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، މިނިސްޓަރު ވިދާޅުވީ އެއްވެސް ބިދޭސީއަކަށް ދެން އަމިއްލައަށް ނޫޅެވޭނެ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ބިދޭސީން ބޭނުންވެގެން ކޯޓާއަށް އެދޭ ފަރާތްތަކުގެ ވަޒީފާތަކަށް، މިހާރު ރަޖިސްޓްރީކުރާ މީހުން އެދުމެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މިހާރު މި ރަޖިސްޓްރީ ކުރާ މީހުން އެ ވިޔަފާރިތަކުގެ ވަޒީފާއަށް ބަދަލުކޮށްގެން އެކަން ހައްލު ކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

އަލުން ރަޖިސްޓްރީކުރަން ފުރުސަތު ހުޅުވާލީ، ރާއްޖޭގެ އެއްވެސް ވަޒީފާއަކަށް ބަންގްލަދޭޝް އިން މީހުން ގެނައުން އެއް އަހަރަށް ހުއްޓާލުމަށް ފަހު އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެނީ ބަންގްލަދޭޝް މީހުންނެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ގިނަ ބިދޭސީންގެ އަތުގައި ޕާސްޕޯޓެއް ނެތެވެ. އަދި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީއާ ގުޅިގެން އެ މީހުންގެ ޕާސްޕޯޓް ހަދަން ޖެހޭއިރު އެކަމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 60،000 އެއްހާ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދޭނެކަމުގެ ޔަގީންކަން އެކޮނޮމިކް މިނިސްޓަރަށް އެބަ އޮތެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމް އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ ޝެޑިއުލެއް އާންމު ކުރައްވާނެ އެވެ.