ވައްޑެގެ ބަވާލުން: އަނިޔާދިން އިރު ޖޭޕީގެ މިހާރުގެ ކުރީ ސަފު ތިބީ ހޭން!

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމްގައި ތިއްބެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ މި ފަހުން ގުޅިވަޑައިގަތް ބޭފުޅުންނަކީ ރައްޔިތުންނަށް އަނިޔާ ދިން އިރު ހޭން ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ރީތި ބަހުން ރޭ ބަވާލައިފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ވައްޑެ ރޭ ވަނީ ޖޭޕީ އަށް ސޮއިކުރައްވައިފަ އެވެ. އެ ޕާޓީގެ ޕޯޑިއަމް އޭނާ އަށް އަލެއް ނޫން ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ކުރީ ސަފުގައި މިހާރު ތިއްބެވިި، ކުރީގެ ޕީޕީއެމްގެ ބޭފުޅުންނަށެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އޭރުގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އާއި ޕީޕީއެމްގެ ކުރީގެ މަޖިލީސް މެމްބަރުން ކަމަށް ވާ އަހްމަދު ނިހާނާއި އަލީ އާރިފާއި އިލްހާމް އަހްމަދާއި އަހްމަދު މުބީނާއި މުހައްމަދު ޝަހުދީގެ އިތުރުން ޔާމީން ރަޝީދެވެ.

އަނިޔާވެރި ވެރިކަމަކުން ކާމިޔާބު ލިބުނީ ޖޭޕީގެ ޕޯޑިއަމްގައި، ހަގީގަތް ހާމަކުރަމުން ގޮސް ކަމަށާއި މިހާރު ކުރީ ސަފުގައި ތިއްބެވި ބޭފުޅުން އޭރު ތިއްބެވީ ބަލަހައްޓަވައިގެން ކަމަށް ވިދާޅުވި އެވެ.

އެ ބޭފުޅުންނަށް އަތުން އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވީ ހައްޔަރުކޮށް ޖަލު ގޮޅިން ހޮސްޕިޓަލަށް ބަދަލުކޮށް، އެތައް އާދޭހަކަށް ފަހު ނުކުޅެދޭ ގޮނޑީގައި ގާސިމް ބޭރަށް ފުރުވާލި އިރު ވެސް "އިސް ސަފުގައި މި ތިއްބެވި ބޭފުޅުން ތިއްބެވީ ބަލަން" ކަމަށެވެ.

ވައްޑެއާ އެކު ޖުމްހޫރީ ޕާޓީއާ ގުޅުނު މީހުންގެ ފޯމުތައް ގާސިމާ ހަވާލު ކުރައްވަނީ. --ފޮޓޯ/ޖޭޕީ

މީގެ ކުރިން ވެސް ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމްގެ ކުރީގެ މަޖިލީސް މެމްބަރުންނަށް ވައްޑެ ފާާޑުވިދާޅުވި އެވެ. އެކަމަކު ރޭގެ ތަފާތަކީ އެ ބޭފުޅުން ކުރިމަތީގައި ތިއްބަވަނިކޮށް ސީދަލަށް ބަހުގެ ހަމަލާތައް ދެއްވުމެވެ.

"އަޅުގަނޑު އިސްލާހީ މަސައްކަތަށް ނުކުތުމުން އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް ބުނެ ދަމާހަލާފައި އަޅުގަނޑު ގެންދިޔައީ ދޫނިދޫގެ ޖަލަށް، ކުޑަ ގޮޅިއަށް،" ވައްޑެ ވިދާޅުވި އެވެ.

އިސްލާހަށް އުޅުނު މީހުންނަށް އަނިޔާ ލިބުނު ވާހަކަ ވަައްޑެ ދައްކަވަމުން ގެންދެވި އިރު ނިހާނާއި އަލީ އާރިފް އިންނެވީ އިސްދަށަށް ޖައްސަވައިގެން، ފޯނާ ކުޅުއްވާށެވެ.

"ކުރީ ސަފުން މި ހުރިހާ ބޭފުޅުން މިތަނުން މި ފެނިވަޑައިގަތީ ކީއްވެތޯ؟ މި ބޭފުޅުން ތިއްބެވީ އިއްޔެ އަޅުގަނޑުމެން ޖަލަށް ލި އިރުގައި އެކަމަށް ހެވިފައި ތާއީދުކޮށްފައި،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަކަރުވެރިންގެ ރޭވުންތަކާއި ﷲ ތަދުބީރު ކުރައްވާ ގޮތަކީ މުޅިން ދެ ކަމެކެވެ.

12 މެމްބަރުން "އެއްޗަކަށް ނުވި" ކަމަށް ވިދާޅުވެ ރައީސަށް ވެސް ފާޑުވިދާޅުވި!

ވައްޑެގެ ވާހަކައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް ވެސް ފާޑުވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރެއިން އިސްލާހަށް ނުކުންނެވި މެމްބަރުންތަކަށް ޖެއްސި ހާލާއި ގޮނޑި އަށް ނުބަލައި މަސައްކަތް ކުރެއްވީ "ބޮޑު ގޮނޑީގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިންދަވަން ކަމަށް ވިދާޅުވި އެވެ. ޕީޕީއެމުން ވަކިވެ އޭރުގެ އިދިކޮޅަށް މަޖިލީހުގެ ތެރެއިން އަޣުލަބިއްޔަތު ހޯދައިދިން 12 މެމްބަރުންނަކީ އޭރު "ބޮޑުތަކުރުފާނު" ކަމަށް ސިފަކުރި ކަމަށް ވައްޑެ ވިދާޅުވި އެވެ.

"އެ ދުވަހު 12 މެމްބަރުންނަކީ ބޮޑުތަކުރުފާނު. މިއަދު އަޅުގަނޑުމެންނަކީ އެއްވެސް ބަޔަކަށް ނުވި ކަމުގައިވީ ނަމަވެސް އެ ގޮނޑިތަކުގެ ބަދަލުގައި ބޮޑު ގޮނޑީގައި އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ސޯލިހް ބޭންދެވީ ލައްކަ ގިނަ އުއްމީދުތަކަކާ އެކީގައި،" ވައްޑެ ވިދާޅުވި އެވެ.

ނަމަވެސް މުޖުތަމައުން ހިތާމަކުރަން ޖެހޭ ފަދަ ކަންކަން ވެސް ފެންނަ ކަމަށް ވިދާޅުވި އެވެ. އެ ކަންތައްތަކުގެ ޖަވާބު ހަނު ހުންނަވައިގެން ރައީސް ދެއްވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކަންބޮޑުވެ އެކަމާ ހިތާމަކުރައްވާ ކަމެކެވެ.

އެއާ އެކު ވެސް ގާސިމް ހުންނެވީ ސަރުކާރު ދަމަހައްޓަން ކަމަށް ވާތީ ވައްޑެ ވެސް އެކަމަށް "ހޭވައްލާ ތައްޔާރު" ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގައި އިސްކޮށް އުޅުއްވައި ޖޭޕީއާ މިހާރު ގުޅިވަޑައިގަތް ބޭފުޅުންނަށް ކުރެއްވުނު ކުށްތަކުގެ މަތިން ހަނދާންކޮށްދެއްވުމަށް ފަހު ވައްޑެ ވިދާޅުވީ އިސްލާމްދީނުގައި މާފްކުރުމަކީ އެންމެ ރިވެތި އެއް ސިފަ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތުން އޭނާ އަށް އަނިޔާ ދިން އެންމެންނަށް ވެސް މާފްކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ވަރަށް ބަވާލެއްވުމަށް ފަހު، "ހެޔޮ ވިސްނި"، ޖޭޕީއާ ގުޅިވަޑައިގަތް ޕީޕީއެމްގެ އިސް ސަފަށް އޭނާ ސާބަސް ދެއްވި އެވެ. އަދި އަމާޒަކީ "ނިކަމެތިންނަށް އެންމެ ހެޔޮކޮށް ހިއްތަވާނެ ގާސިމް ވެރިކަމަށް ގެންނަން "މަސައްކަތް ކުރުން ކަމަށް ވައްޑެ ވިދާޅުވި އެވެ.