ދީނަށް ފުރައްސާރަ ކުރި ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާނަން: ރައީސް

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީއެންގެ ރިޕޯޓާ މެދު ކަންބޮޑުވުންފާޅުކުރައްވައި ރައީސް ބަސްފުޅެއް މި ވިދާޅުވީ އެ ރިޕޯޓުގެ މައްސަލަ ހޫނުވެ އެ ޖަމިއްޔާއާ ދޭތެރޭ ފިޔަވަޅު އަޅަން އިލްމުވެރިންނާއި އާއްމުން ގޮވާލަމުން ދަނިކޮށެވެ.

އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީއެން އިން 2015 ގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ތައުހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދަމަަހައްޓަން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމައެއާއެކު ދީނީ ޝިއާރު ފާޅުކުރުމާއި ގާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ ޚިލާފުނުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައީސް ނެރުއްވި ބަޔާން.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާއާ ހަވާލާ ދެއްވައި ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އެ ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމުގައި ބަޔާންކޮށްފައިވީ ހިނދު އެ ދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގައި، ދީން ހިމާޔަތް ކުރުމަކީ އެމަނިކުފާނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެންމެ އިސް ވާޖިބެއްގެ ގޮތުގައި އެ މަތިވެރި ޒިންމާއަދާކުރެއްވުމުގެ މަތީގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެން ފުލުހުން އަންނަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އެކަމަކު ފަހުން ރިޕޯޓުގައި ދިފާއުގައި ވާހަކަ ދައްކަމުން އަންނަ އިރު ވެބްސައިޓުން މިހާރު ވަނީ ރިޕޯޓް ނަގައިފަ އެވެ.