ޑރ. ޖަމީލް: އެމަނިކުފާނު ވަނީ ދިފާއީ ވަކީލެއްގެ ގޮތުގައި އިއްޔެ ހައި ކޯޓުގައި ވަކާލާތު ކުރައްވާފައި. -- ފޮޓޯ/މިހާރު
22 އޮކްޓޯބަރ 2019 - 11:53
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހިމެނޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހައި ކޯޓުގައި އިއްޔެ ވަކާލާތު ކުރައްވައިފި އެވެ.
ރިލްވާން ގެއްލުވާލުން ކުށްވެރި ކުރައްވައި އެކަމުގައި ހިމެނޭ މީހުން ކުރީގެ ސަރުކާރުގެ އިސްވެރިންނަށް އެނގޭނެ ކަމަށް ތުހުމަތުކުރައްވައި ފާޑުވިދާޅުވި ޖަމީލް ކޯޓަށް ވަޑައިގަތީ ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފަހު ޕާސްޕޯޓް ހިފެހެއްޓި އަލީ ޝިޔާމްގެ ދިފާއުގަ އެވެ. އެއީ ޖަމީލްގެ އަނބިކަނބަލުންގެ އާއިލާގެ މީހެކެވެ.
އަލީ ޝިޔާމާ އެކު 15 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކަށް އަލީ ޝިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުން އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފް ފެށީ އިއްޔެ އެވެ. ނަމަވެސް އެ އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
އަލީ ޝިޔާމަކީ ޑިސެމްބަރު 10، 2010 ގައި އާޓިފިޝަލް ބީޗުގައި ދީނީ މިނިވަން ކަމަށް ގޮވާލައި ބަޔަކު މުޒާހަރާއެއް ކުރިއިރު އެ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް އެތަނަށް ދިޔަ މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެއް ކަމަށް، ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވެ އެވެ.
ކުރީގެ ޖަސްޓިން މިނިސްޓަރު ކަން ކުރެއްވި ޖަމީލް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދަތުރުފަތުރުކުރުން ފަދަ ހައްގުތައް ބައެއް ފަހަރަށް އެއްވެސް ސަބަބަކާ ނުލައި ހިފަހައްޓާ ކަމަށެވެ. އެއްވެސް މީހެއްގެ އަސާސީ ހައްގެއް ސަބަބަކާ ނުލައި ހިފެހެއްޓިގެން ނުވާނެ ކަމަށާއި އޭނާ ކޯޓަށް ވަޑައިގަތީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ރައްކާތެރިކުރޭތޯ ޔަގީން ކުރައްވަން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ކަމަކާ ގުޅިގެން އަސާސީ ހައްގެއް ހިފަހައްޓާ ކަމަށް ވަންޏާ ޑިއު ޕްރޮސެސް ފޮލޯކުރަން ޖެހޭނެ. ބައެއް ފަހަރު ގާނޫނުއަސާސީގެ އެ މަހްފޫމް އޮންނަނީ މާނައެއް ނެތް އެއްޗެއްގެ ގޮތުގައި. އެހެންވެ އަޅުގަނޑު ދިޔައީ އެ ހައްގު ރައްކާތެރިކުރޭތޯ ކަށަވަރުކުރަން،" ޖަމީލް ވިދާޅުވި އެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލައިގައި ޑީޑީގެ ދިފާއުގައި ވެސް ޖަމީލް ވަކާލާތު ކުރެއްވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރު ކަމަށް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ކާރަކަށް އަރުވައިގެން ގޮސް ބޯ ބުރިކޮށްލީ އެވެ. މި ކަމަށް ފައިސާ ހޭދަކުރި މީހުންނާއި އޭނާ އަށް ފާރަލީ އަދި އަމަލީ ގޮތުން އެކަމުގައި އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ރިޔާސީ ކޮމިޝަނުން އެދިގެން ބައެއް ތަންތަން ބަލައި ފާސްކޮށް ހެކި ހޯދައިފަ އެވެ. އެ ހެކިތަކާ އެކު އެ މައްސަލައިގައި ވަރަށް އަވަހަށް ދައުވާކުރަން ފޮނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްައަޙުމަދު.
23 October 2019
ކީއްކުރާނީ. ބޯ ހަމަނުޖެހޭ ސިޔާސީ މީހުންވެސް އުލެންވާނެ. މިވައްތަރަށް އުޅެގެންވެސް ރައްޔިތުން ތިމަންނަ ބަލާގަނޭތޯ ކުރެވޭހާ ކަންކަން މިހުންނަނީ.
ރަށުމީހާ
23 October 2019
ޖަމީލްމެންކަހަލަ ބޭފުޅުން މިހާރު ކޯޓައްދިޔާމާ ލަދުގަނޭ.
ހަސަނު
23 October 2019
ހަރުދަނާކަން ނެތް، އެބޅޭ މި ބޫޅޭމީހުން ހިނގާނީ ލާރީގެ ފަހަތުން...
ާއަމީީން
23 October 2019
ކޮންޖަސްޓިން އެއްތޯ.!
މުހަންމަދު ކަލޯ
22 October 2019
ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ކަންކަންކުރުމުގެ އަޒުމު ހުރެގެން ނޫނީ ހައްގުގަ ހެޔޮ ކަމެއް ނުކުރެވޭނެ. އަބަދުވެސް ހެދޭނީ ގޯސް ނުވަތަ ބުނެވޭނީ ގޯސް ވާހަކަ. ސިޔާސީ ވެގެން ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހުންގެ ވާހަކަ ގަބޫލު ކުރާކަށް ނުވާނެ. އެންމެ އަޑުގަދަ ކުރާ މީހުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލަން ކަމަށް ވެދާނެ. ވިސްނާ ބަޔަކަށް ޢިބްރަތެއް ކަމަށް މެނުވީ ނުވޭ.
ބަބުރަންޖީ ހާޖީ
22 October 2019
ލާރިލިބެންޏާ އޮންނާނީ ހަމަ ޔޭއްސާ!
ދިލްކޮކީ
22 October 2019
ޖަމީލަކީ ރާއްޖެތެރޭ މީހަކައްވީމަދޯ އަޅާގަތީ ބަލަގަ ޖަމީލުގެ ޅިޔަނޭ އަލީށިޔާމަކީ ދެންކޮބާތޯ މައްސަލަޔަކީ.. ޔާމީން ރަށީދުގެ މަރުގެ މައްސަލާގަ ބަންދުކޮއްފަ ހުރި އިސްމާލް ރަށީދުގެ ޅިޔަނު މައުމޫނު ހަމީދަކީ މީތިވަރައްސަޅި ދޯ މާލޭ ބޭފުޅާވީމަ އަޅާނުގަތީދޯ
ހުސެން
23 October 2019
މައުމޫނުހަމީދެއް ނޫޅެއޭ ސަރުކާރުގައި އަޅައިގަނެގެން ނުނެއްޓެވިގެން! މީނަ, މިމީހުން ސަލާމަތްކޮއްފައި ފިލުވާފައި މާދަމާ ގޮވާނެ ސަރުކާރުން މިމީހުން ފިލުވީއޭވެސް!
ރަންބިސް
22 October 2019
މިހިރަގެން އަސްލު ފާޅުވަނީ.
ހުއްބުލް ގަލަން
22 October 2019
މިހިރީ ޖަމީލުމެން ވެއްޓިފައިވާ ދަށުދަރަޖަ ހާމަވާ ކަންކަން.
ބުރާންތިބެ
22 October 2019
މިކަހަލަ ރައްޔިތުން ރުޅި އައްނަ ކަމެއް ވިއްޔާ މީނަ ބޯކޮއްޕާލާނެ. މީނަ މިއުޅެނީ ރައްޔިތުންނާ ޖައްސާލައިގެން ދެން ކިހިނެއް ވޯޓެއް ލިބޭނީ