މަލީހާއި ޒަހާ، އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ލިސްޓަށް!

ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ބޭފުޅުންގެ ލިސްޓަށް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ނަން، އިއްޔެ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އަތުވެއްޖެ އެވެ.


އެކަމަކު އެ ތުހުމަތު، ދެ ބޭފުޅުން ވެސް ދޮގުކުރެއްވި އެވެ.

މި ދެ ބޭފުޅުންގެ ނަން ހިމެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ތުހުމަތު ކުރެއްވި ލިސްޓުގަ އެވެ. އެކަމަކު މީގެ ކުރިން، މި ޚިޔާނާތާ ގުޅުވައި މި ދެ ބޭފުޅުންނަށް ތުހުމަތުކޮށް، އެއްވެސް އަޑެއް ފެތުރި އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވާހަކަ ދައްކާފައެއް ވެސް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދެ ވަޒީރުންގެ އިތުރުން ޕީޖީ ބިޝާމް ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން ވެސް ގެންނަވައިފަ އެވެ.

އެކަމަކު ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގަށް ފަހު ދައުލަތުގެ ފައިސާ ވަތް 155 އެކައުންޓް ހާމަކުރި އެ ލިސްޓުގައި މަހްލޫފްގެ ނަން އޮތެވެ.

އެކަމާ ގުޅިގެން، މަގާމުގެ މަސްއޫލިއްޔަތުން މަހްލޫފް އެކަހެރި ވެސް ކުރި އެވެ. އެ ލިސްޓުގައި ނަން އޮތް ސަބަބު ސާފުކޮށްދެއްވައި އޭނާ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފާ އެކު ހިންގެވީ ޑޮލަރުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވީ ޚިޔާނާތުގައި، މަހްލޫފަށް ތުހުމަތުކޮށް އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަން އޭސީސީން އޭނާ އަށް އެންގުމުންނެވެ.

"އަލުން އަޅުގަނޑުގެ ނަން ލިސްޓެއްގައި އޮންނަން ޖެހޭ ސަބަބެއް ނެތް،" ކޮމިޓީގައި ޕީޖީ ހިއްސާކުރެއްވި މައުލޫމާތާ ގުޅިގެން ސުވާލު ދެންނެވުމުން މަހްލޫފް "މިހާރު" އަށް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީ އަށް ޕީޖީ އިއްޔެ ހާޒިރުކުރީ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ހިންގި ޚިޔާނާތުގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން ސުވާލުކުރާށެވެ. ހުޅުވާލައިގެން އެ ބައްދަލުވުން ފެށުމާ އެކު ޕީޖީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމްތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެބަތިއްބެވި ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވުމާ އެކު ޕީޖީ އެދިވަޑައިގަތީ ކޮމިޓީ ސިއްރުކުރުމަށެވެ.

ރިޔާސަތުން އެގޮތަށް ކޮމިޓީ ސިއްރުކުރި އެވެ. އޭގެ ކުރިން ބިޝާމް ވަނީ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުވާ ބޭފުޅުންގެ ނަންތައް ވިދާޅުވެ ދެއްވައި އެ ބައްދަލުވުމުން ތަނާޒުލްވެވަޑައިގަތުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މެމްބަރުންގެ ގޮތުގައި ބިޝާމް ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ) އަދި ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރުގެ އިތުރުން އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމްގެ ނަމެވެ.

މަލީހާއި ޒަހާ ވިދާޅުވީ ތުހުމަތުގައި އަސާސެއް ނެތް ކަމަށް!

ޕީޖީގެ ތުހުމަތާ ގުޅިގެން "މިހާރު" އިން މަލީހަށް ގުޅުމުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުން ހުރި އެއްވެސް ތަހުގީގެއްގައި އޭނާގެ ނަން އޮތް ކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން އޭނާއާ ސުވާލު ވެސް ކޮށްފައި ނުވާ އިރު އެފަދަ ތުހުމަތެއް ޕީޖީ އެޅުއްވި ނިޔަތާ މެދު މަލީހް ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލިއްޔަތު ކޮމިޓީގައި ޕީޖީ ވިދާޅުވި ލިސްޓުގައި އޭނާގެ ނަން ހިމެނޭ ނަމަ، އަބުރުގެ ދައުވާ ވެސް ކުރައްވާނެ އެވެ. އޭނާއާ މެދު ޝައްކު އުފެއްދީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ތަހުގީގަށް ހަ އަހަރު ފަހުން އަޅުގަނޑުގެ ނަަން އަންނަން ޖެހޭ ސަބަބެއް ނުވިސްނުނު. މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައެއް ނުވޭ. ދެ ވަނަ ކަމަކަށް ސިއްރު ކޮމިޓީއެއްގައި ނަން ހާމަކުރެއްވުމުން ޕީޖީގެ ނިޔަތާ މެދު އަޅުގަނޑަށް ސުވާލު އުފެދޭ،" މަލީހް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ހާމަކަން ބޮޑު ސަރުކާރެއް. ސިއްރު ކޮމިޓީއެއްގައި ނަން ވިދާޅުވުމުން ނިޔަތާ މެދު ޝައްކު އުފެދޭ."

ޒަހާ ވެސް ވިދާޅުވީ ޚިޔާނާތުގެ ލިސްޓެއްގައި އޭނާގެ ނަން އޮންނަން ޖެހުނު އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެއްވެސް ޚިޔާނާތެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ޚިޔާނާތާ ގުޅޭ އެއްވެސް ކަމެއްގައި މިހާތަނަށް އަޅުގަނޑާ އެއްވެސް އިދާރާއަކުން ސުވާލެއް ވެސް ކޮށްފައެއް ނުވޭ،" ޒަހާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމަކު އެ ފައިސާ ޖަމާކުރީ އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށެވެ. އެ ފައިސާ ލޯންޑާކޮށް، ކުރީގެ ސަރުކާރުގައި ސިޔާސީ ބާރުވެރިކަން ހޯދުމުގެ ގިނަ ކަންކަމަށް ހޭދަކޮށްފައިވާ ކަމަށް ތުހުމަތުކުރެ އެވެ.

މި މަސައްކަތުގައި، ފައިސާ ލިބުނު ފުލުހުންގެ މައްސަލަތައް ވެސް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.