ނައިފަރުގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަން ލަފާދީފި

ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅަން ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާނުކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހައުސިން މިނިސްޓްރީ އަށް ލަފާދީފި އެވެ.


އެ މައްސަލައާ ގުޅިގެން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޑަބްލިއު އެންޑް އޭ އޯވަސީސްއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއް ކަމަށެވެ. އެހެންވެ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލަން ލަފާދީފައިވާނެ ކަމަށް ބުންޏެވެ.

ހައުސިން ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީން އިއުލާނުކުރީ މިދިޔަ މެއި މަހު 7 ގަ އެވެ. ބީލަން ކާމިޔާބުކޮށް ޖުލައި 10 ގައި ވަނީ އެ މަސައްކަތުގެ އެއްބަސްވުމުގައި ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާއެކު މިނިސްޓްރީން ސޮއިކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު، އެ ކުންފުންޏަށް ދީފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ބާތިލްކޮށްފައިވެ އެވެ.

އޭޖީން އެ ލަފާ ދިނީ، ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުނީގެ ރަޖިސްޓްރީ ބާތިލްކުރުމުން، އެ މަޝްރޫއާ މެދު އަމަލުކުރާނެ ގޮތުގެ ލަފައަކަށް ހައުސިން މިނިސްޓްރީން އެދުމުންނެވެ.

އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ކޮންޓްރެކްޓަރަކީ "ނޭޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ" ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ.

އޭޖީން ބުނި ގޮތުގައި ކުންފުނީގެ ރަޖިސްޓްރީ ބާތިލްކުރީ، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ ވެސް ލިޔެކިޔުންތައް ފުރިހަމަކޮށްފައި ނުވަނީސް ކަމަށް ބުންޏެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަސިސް ޕްރައިވެޓް ލިމިޓެޑަކީ މަސައްކަތަށް ބީލަން ހުށަހެޅިއިރު ވެސް ބީލަމުގެ ޝަރުތު ފުރިހަމަވެފައިވާ ކުންފުންޏެއް ނޫން ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ އޯގަސްޓް 20 ގައި ކުންފުންޏަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ ބާތިލްކުރުމުގެ ސަބަބުން އެ ކުންފުންޏަކީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގެ ހުއްދަ އޮތް ބައެއް ކަމަށް ނުވާތީ، މި މަޝްރޫއާ ގުޅޭ ގޮތުން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއް ކަމަށެވެ.

"...ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބީލަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫއު ކުރިއަށްގެންދާނެ ފަރާތެއް އައްޔަންކުރަން މި އޮފީހަށް ފެންނަކަމަށް ދަންނަވައި، މިނިސްޓްރީ އޮފް ހައުސިން އެންްޑް އާބަން ޑިވެލޮޕްމަންޓަށް ލަފާދީފައިވާނެ އެވެ،" އޭޖީގެ ބަޔާނުގައި ބުންޏެވެ.