ތެލެސީމީ އަށް ހާއްސަ ޖަމިއްޔާއެއް އައްޑޫގައިި އުފައްދައިފި

ތެލެސީމިއާ ބައްޔަށް ހޭލުންތެރިކަން އުފެއްދުމާއި އެ ބަލީގެ މީހުންނަށް އެހީވުމުގެ ގޮތުން އައްޑޫގައި ތެލެސީމިއާ ސޮސައިޓީގެ ނަމުގައި ޖަމިއްޔާއެއް އިފުތިތާހުކޮށްފި އެވެ.


ބުރާސްފަތި ދުވަހުގެ ރޭ މަރަދޫ ބޮޑަގޭގައި އެ ޖަމިއްޔާ އިފުތިތާހުކުރަން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗެއާޕާސަން ޖީހާން ސަލީމެވެ.

އައްޑޫ ތެލެސީމިއާ ސޮސައިޓީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ޖަމިއްޔާ މަސައްކަތްކުރާނީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ނެޝަނަލް ތެލެސީމިއާ ސެންޓަރުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ހޯދައިގެން ކަމަށެވެ. އެގޮތުން ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ތެލެސީމިއާ ބައްޔަށް ހޭލުންތެރިކަން އުފެއްދުމާއި އެ ބައްޔާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުން ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތްކުރުމަށް އެ ޖަމިއްޔާ އާއި ފޭދޫގައި ހިންގާ އައްޑޫ ކްލިނިކް އައްޑޫ މެޑި ސިޓީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އޭގެ ދަށުން ތެލެސީމިއާ ކުދިންގެ އެކިއެކި ޓެސްޓްތައް ރާއްޖެ އާއި ރާއްޖޭން ބޭރުން ހެދޭނެ އިންތިޒާމާއި ތެލަސީމިއާ ބައްޔަށް ހާއްސަ ޔުނިޓެއް ކްލިނިކްގައި ގާއިމުކުރުމާއި އެ ބަލީގެ ޑޮކްޓަރުންގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި މެޑި ސިޓީގެ ހިދުމަތްތައް ފަސޭހަ އަދި އަވަހަށް ތެލެސީމިއާ ކުދިންނަށް ލިބޭނެ ފުރުސަތު ފަހިކޮށް ދިނުމާއި ލޭ އަޅަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ކުރަން ޖެހޭ ދަތުރުތައް މެޑި ސިޓީން ހަމަޖައްސައިދިނުން ހިމެނެ އެވެ.

"ޖުމްލަކޮށް ބަލާ ނަމަ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މެޑި ސިޓީގެ ވަރަށް ބޮޑު ހިއްސާއެއް ދައުރެއް އޮންނާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގައި މި ވަގުތު ތެލެސީމިއާ ބަލީގެ މީހުން ތިބި އަދަދާއި އެ މީހުންގެ އެހެނިހެން ރެކޯޑްތައް ސާފުވެފައިނުވާތީ ވަރަށް ބޮޑު އިސްކަމެއް ދީގެން ތެލަސީމިއާ ކުދިންގެ ދަފުތަރެއް އެކުލަވާލައި، މިހާރަށް ވުރެ ހަރުދަނާކޮށް ފަރުވާގެ ކަންކަން އިންތިޒާމުކުރުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

"މީގެ އިތުރުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެެއް މައްސަލައަކީ އައްޑޫގެ އަވަށްތަކުގެ ހެލްތު ސެންޓަރުގައި ތެލަސީމިއާ ބަލީގެ މައުލޫމުތު ލިބިފައިވާ ތަމްރީނު ލިބިފައިވާ މީހުން ނެތުން. މީގެ ސަބަބުން ހަގީގަތުގައި ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފައްދަން އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރެވޭ،" ޝަރީފް ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން ތެލެސީމިއާ ސެންޓަރާ ގުޅިގެން މިކަމަށް މަސައްކަތްތައް ކުރާނަން."

މީގެ އިތުރުން ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އުފެއްދުމަކީ ވެސް މުހިއްމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ތެލެސީމިއާ ސޮސައިޓީއަކީ ހަމައެކަނި އެ ބަލީގެ މައްސަލަތަކަށް މަސައްކަތްކުރާނެ ޖަމިއްޔާއެއް ނޫނެވެ.

"ޖުމްލަކޮށް ސިއްހީ ދާއިރާ އަށް އަޅުގަނޑުމެން މަސައްކަތްކުރާނީ،" ޝަރީފް ވިދާޅުވި އެވެ.