މަރަދޫފޭދޫ ބަނދަރާ އެކު ކޮންޓްރެކްޓަރުގެ ހަރަދުގައި ބީޗެއް ހަދައި ދެނީ

ހަލާކުވެފައި އޮންތަނާ އެތައް އަހަރެއް ފަހުން އައްޑޫ މަރަދޫފޭދޫ ބަނދަރު ބޮޑުކޮށް އަލުން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެ އަވަށުގައި މޫދަށް އެރޭނެ ހިތްގައިމު ބީޗެއް ވެސް ހަދައިދޭނެ ކަމަށް ބަނދަރު ހަދާ ކުންފުނި ހެވީ ފޯސް އިން މިއަދު ބުނެފި އެވެ.


މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށި ބަނދަރުގެ ކީވޯލް ޝީޓްޕައިލްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެވީ ފޯސްގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވީ މަރަދޫފޭދޫ ބަނދަރުވާނީ ނަމޫނާ ބަނދަރަކަށް ކަމަށެވެ.

އެގޮތުން ބަނދަރު ވަރަށް ފުރިހަމަކޮށް، އަދި ބޭނުން ކުރާ މީހުންނަށް ފަސޭހަ ރައްކާތެރި ބަނދަރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ބަނދަރު ހަދަން ހިއްކާފައިވާ ސަރައްދުގެ އިރުމަތީ ފަރާތުގައި އާޓިފިޝަލް ބީޗެއް ހަދަނީ ހެވީ ފޯސްގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

ރަސްމިއްޔާތުގައި ވަހީދު ވާހަކަ ދައްކަވަނީ.

"ބޭނުން ކުރާ މީހުންނަށް ފަސޭހަ އިން އެރިލެވޭ ގޮތަށް ވަރަށް ހިތްފަސޭހަ ފަތާ ސަހަރައްދެއް އަހަރެމެން މި ގާއިމުކޮށް ދެނީ މި ޕްރޮޖެކްޓްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ. "މާލޭގައި ހަދާފައި އޮންނަ އާޓިފިޝަލް ބީޗަރަށް ވުރެ މިތަން ކުޑައެއް ނުވާނެ."

އޭނާ ވިދާޅުވީ މޫދަށް އެރޭނެ ސަރަހައްދެއް ހަދައިދޭން ނިންމީ ރައްޔިތުންގެ މަޖިލީހުގައި މަރަދޫފޭދޫ ވެސް ތަމްސީލުކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ވެސް އެދިވަޑައިގަތުމުގެ މަތިންނެވެ.

"މި ޕްރޮޖެކްޓްގެ ސާވޭ އާއި ޑިޒައިންގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ވަހީދު ވިދާޅުވި އެވެ. "ޔަގީންކޮށް ދޭން ބޭނުންވާ ކަމަކީ ބަނދަރު ނިމިގެންދާ އިރު، އެ ބީޗްގެ މަސައްކަތް ނިމިފައިކަން އޮންނާނީ."

ރަސްމިއްޔާތުގައި ރޮޒޭނާ ވާހަކަ ދައްކަވަނީ.

މަރަދޫފޭދޫ ބަނދަރު ހަދަން ހެވީ ފޯސްއާ ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއުގެ އަގަކީ 31،685،368.85ރ. އެވެ.