ސީލައިފް އިން ބަދަލު ހޯދަން ނުދާ ފަރާތްތަކަށް ފަހު ފުރުސަތު ދީފި

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓުތައް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ހޯދަން ހުށަހަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަހު ފުރުސަތު މިއަދު ދީފި އެވެ.


އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުނެފައި މި ފަހަރު ހުށަނާޅައިފި ނަމަ، ބަދަލު ނުލިބޭނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުުގެ މަޝްރޫއު ސީލައިފް އަށް ހަވާލުކުރުމުން، ގިނަ ބަޔަކު އެ ފްލެޓްތައް ގަންނަން ފައިސާ ދެއްކި އެވެ. އެހެން ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުކުރުމުން، ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ސީލައިފްއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ. އޭގެ ތެރެއިން 203 ފަރާތަކާ އެކު ސަރުކާރާއި އެޗްޑީސީން ވީ ސެޓްލްމެންޓް އެގްރީމެންޓާ އެއްގޮތަށް އެ މީހުންނަށް ފައިސާ ދޭން އެޗްޑީސީ އިން ނިންމި އެވެ. އަދި ދައުވާ ނުކުރާ ފަރާތްތަކަށް ވެސް ބަދަލު ދޭން ނިންމައި، އެކަމަށް ހުށަހަޅަން މިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީ އިން ހުޅުވާލި އެވެ.

އެ ކުންފުނިިން ބުނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ބަދަލު ހޯދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ހޯދަން ހުށަހަޅާ އިރު ސީލައިފް އިން ފްލެޓް ގަންނަން ވީ އެއްބަސްވުމާއި، ފްލެޓް ގަންނަން ފައިސާ ދެއްކި ލިޔުމާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ބުންޏެވެ.

ސީލައިފްގެ އޮޅުވާލުމާއި މަކަރުތަކާ އެކު ވެސް ސަރުކާރަށް ބުރަބޮޑުވާ ގޮތަށް ސެޓްލްމަންޓް އެއްބަސްވުން އެކުލަވާލައި ބަދަލު ދޭން ނިންމުމުން ގާނޫނީ ބައެއް ބޭފުޅުން ވަނީ މީގެ ކުރިން ފާޑު ވިދާޅުވެފަ އެވެ. މި މައްސަލައިގައި އެޗްޑީސީ އާއި ސަރުކާރުގައި އިހުމާލެއް ނެތް ނަމަވެސް ބަދަލު ދޭން ނިންމީ، މި ކަމުގައި އާންމުންގެ ގިނަ ބަޔަކަށް ގެއްލުންވެފައި ވާތީ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.