ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ޖޭޕީގެ މިސްރާބާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވި އިރު، ގާސިމްގެ އެޑްވައިޒަރަކަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ރޭ ވަނީ ހަމަޖައްސައިފަ އެވެ. ޕާޓީ ބޮޑު ކުރުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަ އިރު، އިސް ސަފުގައި މިހާރު ތިއްބެވީ ޕީޕީއެމްގައި އުޅުއްވި، ކުރިން ރައީސް އަބްދުﷲ ޔާމީންގެ އަރިސް މެމްބަރުންތަކެކެވެ.

ގާސިމަށް ލަފާ ދެއްވުން ނާޒިމް މި ހުއްޓާލެއްވީ، ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކަކަށް ފަހު އެވެ. ޕީޕީއެމްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވުމާ އެކު ނާޒިމް ހުންނެވީ ދުރުގަ އެވެ.

މެމްބަރުން އިތުރުކުރަން ސިލްސިލާކޮށް ބާއްވާ ޖަލްސާތާކުގައި ވެސް ނާޒިމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީ އަށް އައި ބަދަލުތަކާއި ޕާޓީގެ މިސްރާބު ހުރި ގޮތުން ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، މި ވަގުތު ޕާޓީގެ މަސައްކަތްތަކުގައި އުޅެން ދަތިތަކެއް ހުރުމުން، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވި އެވެ.

"މަސައްކަތްތައް ހުރި ގޮތުންނާ އެކު އަޅުގަނޑަށް ދަތިތަކެއް ހުރުމުން އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދިނީ،" ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި، ގާސިމަށް ލިބުނު އަނިޔާތަކުގެ ދިފާއުގައި އޭނާއާ އެކު މަސައްކަތް ކުރި، ޖޭޕީގެ ލީޑަޝިޕް މިހާރު އެ ޕާޓީއަކުން ނުފެނެ އެވެ.

ޕާޓީގެ ރަސްމީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ޕާޓީއާ ފެއަށް ޖެހިވަޑައިގެންފަ އެވެ. މި ފަހުން ބާއްވާ ހަފުލާތަކުގައި، ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އެޑްވައިޒަރު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ޕާޓީގައި ހަރަކާތްތެރި، ތިމަރަފުށީ ދާއިރާގެ ޖޭޕީ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މިހާރު އަމާޒު ހިފާފައި ވަނީ ދެން އޮންނަ ރިޔާސީ އިންތިޚާބެއް އެ ޕާޓީ އަށް ކާމިޔާބު ކުރުމަށެވެ. އެކަމަށް ތައްޔާރުވާން ޕާޓީ އަށް މީހުން އިތުރުކޮށް، ކެމްޕޭން ޖަލްސާތައް ކޮންމެ އަންގާރަ ދުވަހުގެ ރޭ އަންނަނީ ބާއްވަމުންނެވެ.

ޖޭޕީން ވެރިކަމަށް އައުމުގެ ކެމްޕޭންގައި މިފަހަރު އިސްކޮށް އުޅުއްވަނީ، ޕީޕީއެމްގައި ކުރިން އިސްކޮށް އުޅުއްވި މެމްބަރުންނެވެ. އޭގެތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ރިޔާޒް ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

ޕާޓީގެ ސިޔާސަތުތައް ލިޔެ، އެކުލަވާލުމުގައި ވެސް އިސްކޮށް މިހާރު އުޅުއްވަނީ އެ ބޭފުޅުންނެވެ. ޖުމްހޫރީ ޕާޓީގައި ދުވަސްވީ ގިނަ ބަޔަކު ތިއްބައި އަލަށް ގުޅުނު މީހުންނަށް ޕާޓީގެ ކޮންޓްރޯލް ދޫކޮށްލުމަކީ ކައުންސިލާއި އާއްމު މެމްބަރުންގެ ވެސް ހިތްހަމަނުޖެހުން އޮތް މައްސަލަ އެކެވެ.