ނާޒިމާއި އެހެން ބޭފުޅުން ދުރަށް ދިޔައީ 2023 އަށް ޓިކެޓު ނުލިބިދާނެތީ ކަމަށް ބެލެވޭ: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެހެން ބޭފުޅުން އެ ޕާޓީގެ މަސައްކަތްތަކުން ފެއަށް ޖެހިވަޑައިގަތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓު ނުލިބިދާހެން ހީވުމުން ކަމަށް ބެލެވޭ ކަމަށް ޖޭޕީން ބުނެފި އެވެ.


ގާސިމްގެ އެޑްވައިޒަރުކަމުން ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖޭޕީން މިއަދު ބުނީ އޭނާ އެ ފިޔަވަޅު އެޅުއްވީ މަގާމުގެ މަސްއޫލިއްޔަތު އެއްވެސް މިންވަރަކަށް އަދާނުކުރައްވާތީ، އިސްތިއުފާ ދެއްވަން މީގެ ދެ ތިން ދުވަސް ކުރިން ޖޭޕީން އެދުމުން ކަމަށެވެ.

މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް "މިހާރު" އަށް ވިދާޅުވީ، ނާޒިމަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ވެފައި އަދި އިސް ދެ މަގާމެއްގައި އެއް ބޭފުޅަކު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެކަން އެހެން އޮތް އިރު ވެސް ނާޒިމް ގެންދެވީ ކޮމިޓީގެ ބައްދަލުވުންތަކުން އެއްވެސް މަގްބޫލު އުޒުރެއް ނެތި ތަނާޒިލް ވަމުން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ދެކެ ލޯބިވާ އަދި ލީޑަޝިޕަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅަކު އަމަލު ކުރައްވާނެ ގޮތެއް ނޫނެވެ.

ނާޒިމަށް ރައްދު ދެއްވަމުން، އަލީ އާރިފް ވިދާޅުވީ، ޖޭޕީގެ ލީޑަޝިޕާއި ގައުމުގެ ވެރިކަން ވެސް ލިބޭނީ ގަދައަޅައި، އިޚުލާސްތެރިކަމާ އެކު އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ނާޒިމާއި އެހެން ބޭފުޅުން ވެސް އެ މަގުން މަސައްކަތްތައް ބައްޓަން ކުރުން ރަނގަޅު ވާނެ ކަމަށެވެ.

"ތިމާ ނިސްބަތްވާ ޕާޓީ ބޮޑުވެ، ފުޅާވާ މަންޒަރު ދެކެން ނޭދޭ ބަޔަކު އެ ޕާޓީގެ އިސް މަގާމުތަކުގައި ތިބުމަކީ މިފަދަ ޒަމާނެއްގައި ވަރަށް ހެއްވާ ކަމެއް ކަމުގައި ނޫނީ ނުވާނެ. ސިޔާސީ ޕާޓީތަކަށް އެކި ޒަމާންތަކުގައި އެކިއެކި ލީޑަރުން ގުޅި، ވަކިވެ ހެދުމަކީ ތަބީއީ ކަމެއް. ބަޔަކު ޕާޓީއާ ގުޅި، އާ އުސްމިންތަކަކަށް ގެންދަން މަސައްކަތް ފެށުމުން އެކަމާ ހިތްޕުޅާ ނުވެ، ދުރުގައި ތިއްބެވުމުގެ ބަދަލުގައި އެކުވެރިކަމާ އެކު، ޕާޓީގެ ރޫހު އިސްކޮށް ކުރިއަށް ވަޑައިގަތުމަކީ ހަގީގަތުގައި އެންމެ ރަނގަޅު މަގު،" ޖޭޕީގެ އާ ސެކްރެޓަރީ ޖެނެރަލް އަދި ވައިކަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ވިދާޅުވި އެވެ.

ޖޭޕީގެ ސެކްރެޓަރީ އާ ޖެނެރަލްކަމުގެ ލިޔުން އެ ޕާޓީގެ ލީޑަރު ގާސިމް، ކުރީގެ މެމްބަރު އަލީ އާރިފާ މިދިޔަ މަހު ހަވާލު ކޮށްދެއްވަނީ: ޖޭޕީގެ ފަރާތުން ނާޒިމަށް ބަހުގެ ހޫނު ހަމަލާތަކެއް އަލީ އާރިފް މިއަދު ދެއްވި.

ނާޒިމް މިއަދު ވިދާޅުވެފައި ވަނީ ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީ އަށް އައި ބަދަލުތަކާއި ޕާޓީގެ މިސްރާބު ހުރި ގޮތުން ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، މި ވަގުތު ޕާޓީގެ މަސައްކަތްތަކުގައި އުޅެން ދަތިތަކެއް ހުރުމުން، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

"ތިމާ ނިސްބަތްވާ ޕާޓީ ބޮޑުވެ، ފުޅާވާ މަންޒަރު ދެކެން ނޭދޭ ބަޔަކު އެ ޕާޓީގެ އިސް މަގާމުތަކުގައި ތިބުމަކީ މިފަދަ ޒަމާނެއްގައި ވަރަށް ހެއްވާ ކަމެއް ކަމުގައި ނޫނީ ނުވާނެ. ސިޔާސީ ޕާޓީތަކަށް އެކި ޒަމާންތަކުގައި އެކިއެކި ލީޑަރުން ގުޅި، ވަކިވެ ހެދުމަކީ ތަބީއީ ކަމެއް. ބަޔަކު ޕާޓީއާ ގުޅި، އާ އުސްމިންތަކަކަށް ގެންދަން މަސައްކަތް ފެށުމުން އެކަމާ ހިތްޕުޅާ ނުވެ، ދުރުގައި ތިއްބެވުމުގެ ބަދަލުގައި އެކުވެރިކަމާ އެކު، ޕާޓީގެ ރޫހު އިސްކޮށް ކުރިއަށް ވަޑައިގަތުމަކީ ހަގީގަތުގައި އެންމެ ރަނގަޅު މަގު،" އަލީ އާރިފް

ނާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ގާސިމްއާ މިހާރު އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ އާރިފް ވިދާޅުވި ގޮތުގައި، ނާޒިމް ޖަލަށް ލާފައި ހުރި ދުވަސްވަރު އޭނާގެ އާއިލާގެ އިތުރުން، އިންސާފު ހޯދައި ދޭން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ގާސިމެވެ. ނާޒިމްގެ އިތުރުން ވެސް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާނަށް ކުރި އަނިޔާ އާއި ނާއިންސާފާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

"ނަތީޖާއެއްގެ ގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ޖެހިވަޑައިގަތީ ޖަލަށް ވަޑައިގަންނަވަން. އަދި ފަހުން ދިމާވި އާލާސްކަންފުޅާ ގުޅިގެން އާއިލާ އާއި މަސައްކަތާ ދުރުގައި ރާއްޖެ އިން ބޭރަށް އަރުވާލެވިގެން ހުންނަން. މި ހުރިހާ މަސައްކަތެއް ގާސިމް ކުރެއްވީ ޑިމޮކްރެސީ އާއި އިންސާނީ ކަރާމާތާއި އިންސާފުގެ ހައްގުގައި. މިއީ ހަމަ އިހަށް ދުވަހު އެންމެންގެ ކުރިމަތީގައި ހިނގާފައި ހުރި ކަންކަން،" އަލީ އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނާޒިމް ފަދަ ސިޔާސީ ބޭފުޅުންގެ ހައްގުގައި ގާސިމް ވެވަޑައިގެންނެވި ގުރުބާނީގެ މަތިން މިހާރު ހަނދާން ނެތް ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ވަރަށް ބޮޑު ހިއްސާއަކާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އެކުލަވައި ނުލެވުނު ނަމަ މުހައްމަދު ނާޒިމާއި އަދި މި ނޫން އެހެން ސިޔާސީ ބޭފުޅުން އަދިވެސް ތިއްބަވާނީ ނުހައްގު އަނިޔާގައި ޖަލުގެ ތޭރިތަކުގައި ނޫންތޯ؟ ކޮން ބޭފުޅެއްތޯ އެންމެ ބޮޑު ގުރުބާނީ އަކާއި އަގު ދެއްކެވީ؟ އަލީ އާރިފް ވިދާޅުވި އެވެ.

ދަނގެތި ދާއިރާ އަށް ނާޒިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މި އަހަރުގެ ޖެނުއަރީ ގައި އޮތް ހަފްލާގައި އޭނާ އާއި ގާސިމް ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ޖޭޕީ އަކީ އަބަދު އިންތިޚާބަށް "ފޮޅޭ މަލެއް" ކަމުގައި ނުބޭއްވޭނެ އެވެ. އޭގެ ބަދަލުގައި، އެއީ ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވެ، ރައްޔިތުންގެ ހައްގުގައި ސިޔާސީ ގޮތުން މަސައްކަތް ކުރާނެ ޕާޓީއަކަށް މިހާރު މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން، އާ ވިސްނުންތަކާއި އާ ހަކަތަ ވެސް ޖޭޕީ އަށް ބޭނުންވާ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.