09 ނޮވެމްބަރ 2019 - 20:36
ތިމާވެށީގެ ހިމާޔަތުގައި އަޑުއުފުލާ ކިތަންމެ ބަޔަކު އެބަތިއްބެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނާޒުކް ތިމާވެށި ރައްކާތެރިކޮށްދޭން އަޑަށް ބާރުލާފައި ގޮވާލިއަސް ފަރުދީ ޒިންމާ އަދާކުރަނީ މަދު ބައެކެވެ. އެކަމަކު ހއ. މޮޅަދު އަށް އުފަން އަބްދުލް ރަޝީދު މިއީ ތަފާތު މީހެކެވެ. ތިމާވެއްޓަށް އޭނާގެ ހިތުގައި އޮތް ލޯބި އެންމެ ރަނގަޅަށް އެނގިގެންދާނީ ރަށުގެ މެދުގައި ހުންނަ އޭނާގެ ގެ، ބަށިމާގެއިންނެވެ.
ތެޅިގަލުން ރާނާފައި ހުރި ތިން ފޫޓުގެ ފާރު ނަލަކޮށްލާފައިވަނީ މުޅިން ވެސް ގޮނޑުދޮށުން ހޮވައިގެން ގެނެސްފައި ހުރި ޕްލާސްޓިކް ފުޅި އާއި ދާގަނޑު އަދި ބޮއެ ބޭނުންކޮށްގެންނެވެ. ގޭ ދޮރުން ވަދެގެން ދާއިރު، ދަނޑި އާއި ފަން ބޭނުންކޮށްގެން ކުޑަ ގެގަނޑެއް ވެސް ހަދައި އެއްޗެހި ބަހައްޓާފައިވެ އެވެ.
ރަޝީދުގެ ގެ ޒީނަތްތެރިކޮށްފައި.--
ރަޝީދު ބުނީ ތަފާތުގޮތަކަށް ގެ ޒީނަތްތެރިކުރުމުގެ ހިޔާލު އައީ ކުރުނބާ ރިސޯޓުގެ ލޯންޗެއްގައި 18 އަހަރުވަންދެން ކައްޕިއަކަށް އުޅުމަށްފަހު ވަޒީފާއިން ރިޓަޔާކުރި ހިސާބުންނެވެ. އޭރު މޮޅަދޫ ކައިރީގައި ހަދަމުން އައި މަނަފަރު ރިސޯޓު ވެސް ތަރައްގީކޮށް ނިމެނީ އެވެ. އެއީ މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެހެންވެ ޓޫރިސްޓުން ވެސް ހިތް ދަމައިގަންނާނެ ގޮތަކަށް މަސައްކަތްކުރުމުގެ ހިޔާލު އައީ ތިމާވެށި ހިމާޔަތްކުރުމުގެ ތެރެއިންނެވެ.
"ތިމާވެށި ރައްކާތެރިކުރުމަށް ވިސްނައިދޭން ވެގެން އެގޮތަށް ޒީނަތްތެރިކުރީ. އެކަމުގައި ބޭނުންކޮށްފައި ހުންނާނީ އެހެން މީހުން ގޮނޑުދޮށަށް އުކާލާފައި ހުރި އެއްޗެހި،" ރަޝީދު، 66، ބުންޏެވެ.
ދަނޑި އާއި ފަނުން ހަދާފައި ހުރި ގެގަނޑުގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް.
އޭނާ ބުނީ ގޮނޑުދޮށުން ހޮވައިގެން އެ އެއްޗެހި ބޭނުންކުރުމުގެ ކުރިން ވަރަށް ރީއްޗަށް ސާފުކުރާ ކަމަށެވެ.
ރ. ދުވާފަރާއި ބ. ދަރަވަންދު އަށް ކުރި ދަތުރެއްގައި ވެސް އެ ރަށަށް ލައްގާފައި ހުރި ބޮއެތަކެއް ރަޝީދު ރަށަށް ދަމުން ގެންދިޔަ އެވެ.
އެއަށްފަހު ބޭރު ދޮރުން ފެށިގެން ގޭ ދޮރާ ހިސާބަށް، ދަނޑި އާއި ފަން ބޭނުންކޮށްގެން ހިޔާކޮށްފައި ހުރި ކުޑަ ގެގަނޑުގައި އެކި ވަރުގެ ބޮލި ބަހައްޓާފައި ހުއްޓެވެ. އެތަނާ ކައިރީގައި ހަދާފައި ހުރި ހޮޅުއަށީގައި ފަނުން ވިޔެފައި ހުރި ދަބަހާއި ގޮއްޓާއި މުޅޯށި ވެސް ބަހައްޓާފައި ހުއްޓެވެ.
މަނަފަރު ރިސޯޓުން މިހާރު ވެސް ކޮންމެ ހަފުތާއަކު ދެ ތިން ދުވަހު މޮޅަދު އަށް ޓޫރިސްޓުން ދާއިރު ރަޝީދުގެ ގޭގައި ބަހައްޓާފައި ހުންނަ އެއްޗެހި ބައެއް ފަހަރު ގަނެ އެވެ.
އެ ގޭ ދޮރުމައްޗާ ކައިރީގައި ހަދާފައި ހުރި ހޮޅުއައްޓެއް.
"އަމިއްލަ ވިސްނުމުގައި ކޮށްފައި ހުރި ކަމެއް މިއީ،" ތިން ކޮޓަރީގެ ގެ ޒީނަތްތެރިކުރުމާ ގުޅޭގޮތުން ރަޝީދު ބުންޏެވެ.
މިއީ ސިމެންތިން ޖަރީއަކުރާ ޒަމާނަކަށް ވުމުން ސިމެންތި ބޭނުންކޮށްފައި ހުއްޓަސް މާ ބޮޑު ތަފާތެއް ފާހަގައެއް ނުވާނެ ކަމަށް ރަޝީދު ދެކެ އެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ވިސްނުމުގެ ތެރެއިން އޭނާ ކުރި މަސައްކަތް ކާމިޔާބެވެ. އޭގެ ހެއްކަކީ ރަށަށް ދާ ޓޫރިސްޓުން، އެ ގޭގެ ފޮޓޯ ނަގާފައި ނޫނީ ނުދާތީ އެވެ.
ބަށިމާގެ ޒީނަތްތެރިކޮށްފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
adam
11 November 2019
ބޭބެގެ މަސައްކަތަށް ސާބަސް. އެކަމު އަސްލު ތެޅިގަލުން ގެ ރޭނީމާ، އެހިންގުނީ ޖަރީމާއެއް. ފަޅުތަކާއި ފަރުތަކަށް ގޯނާ ކުރެވިފައި ތިޔަހުރީ އޮޅިގެން ނަމަވެސް. ދެންފަހަރަކުން އެކަހަލަ ކަމެއް ނުކުރާތި. އަދި ބުނަން. ގޭގެ ފާރުގައި ބޮއެ ހަރުކުރީމާ އެހާ ރީއްޗެއްވެސް ނޫން. ބޭބެގެ ފިކުރަށް ވަރަށް ތާޢީދު. އަދި ބުނެލަން، އޭރުގެ މީހަކާ އަޅާ ބަލާފައި ތިފަދަ ފިކުރެއް އުފެދުނު ކަމީ ހަމަ ވަރަށް އިންސްޕަޔަރ ވިކަމެއް. ހެޓްސް އޮފް ބޭބެއަށް
ޢަލއ
11 November 2019
ގޭގައި ލާފައިހުރިކުލަ ތިމާވެއްޓާ އެހާ ރައްޓެއްސެއްނޫންހެން ހީވަނީ، ފެހިކުލަ ލީނަމަ ވަރަށް ކަމުދިއައީސް، އަޅެ އެގޮތަށް ކުލަ ބަދަލުކޮށްލަބަލަ، އޭރުން ގަހުގެ ކުލައާ ގޭގެ ކުލައާގުޅި މާބޮޑަށްވެސް ތިމާވެއްޓާ ރައްޓެހިކަން ފެންނާނެ.
ވާވު ޒަވިޔަނި
11 November 2019
ތިހާކަށްވަރަށް ތިމާވެށި ހިމާޔަތްކުރެވޭނީ! މުޅިގެޔާއި އިންފާރު ރާނާފައި އެހެރީ ފަޅުތެރެއިން ވިލުން ނަގާފަހުރި ގާ! އެއީ މަސްމަހާމެހީގެ ގެދޮރު . އެސޮރުމެންގެ ސިޓީ ، އެތަން ފުނޑާލެވިފައި އެހެރީ.
ހިއެއް ނުވޭ
11 November 2019
އެފާރު ހިއެއް ނުވޭ އޭނަ ހެދި އެއްޗެއް ހެނެއް އެއަށްވުރެ އެފާރު މުސްކުޅި
ގޮއިދޫހަސަނު
10 November 2019
ސަޅި! ޙަޤީޤީ ހީރޯއެއް! މީނާއަށް އެވޯޑެއް ޙައްޤު!
އާދަމް ބާއީ
10 November 2019
ކ.ކާށިދޫންވެސް ދެކުނިން ޕްލާސްޓިކުފުޅި ރީތިގޮތަކަށް ބޭނުންކޮށްފައިހުރިތަން.
ރަބަރު
10 November 2019
ރަނގަޅުކަމެއް. މިއަށްވުރެ ރީއްޗަށްވެސް ހެދޭނެ. ބޭނުންވަނީ ކަންކަމާމެދު ވިސްނާފިކުރުކުރުން. ޢަބްދުއްރަޝީދު ކޮށްފައިވަނީ ތައުރީކުރުން ހައްޤު މަސައްކަތެއް.
ވާލުސޮރު
10 November 2019
ތިކަމާ ތިމާވެއްޓާ ހުރި ގުޅުމެއް ނޭންގެ، ދެން ތަފާތު ވީމަ ވަރަށް ސަޅި. މިހާރު ރަށްރަށުގަ ގޭގެ ވަރަށް އުސްފާރު ރާނާފަ ބޮޑު ދޮރުއައްޓެއްލާފަ ކޮންމެ ބަޔަކު ހަދަނީ އެއްގޮތަކަށް. ވަރަށް ހަޑި. މިގޮތްވެސް މާރަނގަޅު. ދެން ހިތަށް އަރަނީ ކީއްވެބާއޭ ހުރިހާ އެންމެ އެއްނަމެއް ގޭގެއަށް މި ކިޔަނީ. ބަށިމާގެ ނެތް ރަށަކަށް މަށަކަށް ނުދެވުނު
ކާއްޓޭ
10 November 2019
ތިޔަގޭގެ ބޭރުހީވަނީ ސާފުކުރަންވެފަ އޮތް ގޮނޑުދޮށެއްހެން ނޫންތަ!
ލިބާސް
10 November 2019
ޕުލާސްޓިކު ފުޅިތަކާއިއެއްޗިހި ގޭގެ ހަތަރުފަރާތު ފާރުގައާއި ގޯތިތެރޭ އެތަންމިތާ އެލުވާފަ ހުރީމަ ރީތިވަންޏާ އެއެއްޗިހި ހުރީމަ ގޮނޑުދޮށްވެސް ރީތިވާނެއެއްނޫންތަ؟؟؟ ދިވެހިންނަށް މިތިބެނީ ކިހިނެއްވެފަތަ.
އާންމުކަލޯ
10 November 2019
މަގޭ އާޓު ނެތީ ކަމަށްވެސް ވެދާނެ، އެކަމު މަގޭ ލޮލަށް ހާދަ އުނދަގުލޭ ބަލާލަން އެ ގެ ބޭރު.
ސުންކަލޯ
10 November 2019
އާޓް ނެތީކީނޫން. އާޓް ފެންނަ ގޮތް ތަފާތީ. ހުރިހާ ބާވަތެއްގެ އާޓް އެންމެންނަކަށް ނަގައެއްނުގަނެވޭނެ އަދި ރީއްޗެއްވެސް ނުވާނެ.