އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލި މައްސަލަ ރާއްޖެ އިން މިއަދު ކުށްވެރިކޮށްފި އެވެ.


ގާޒާއަށް އިޒްރޭލުން ދެ ދުވަސް ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34 މީހަކު ޝަހީދުކޮށްލުމުގެ އިތުރުން އިތުރު ބަޔަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެ ހަމަލާތައް ހުއްޓާލީ އިޒްރޭލާއި އިސްލާމިކް ޖިހާދާ ދެމެދު މިސްރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އިޒްރޭލުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާތައް ހުއްޓުވުމަށް މިސްރާއި ބައިނަލްއަގްވާމީ ފަރާތްތަކުން ކުރި މަސައްކަތް ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އެކަށީގެންނުވާ ބާރުތައް ބޭނުން ކުރަމުންދާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަ ލިބެން ޖެހޭ ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި އަދި ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން މިހާރު ވެރިވެ ގަންނަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.