އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލަައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތަކާމެދު ފިޔަވަޅު އަޅަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން ނިންމައިފި އެވެ. އޭގެ ތެރޭގައި ސަލަފް ވެސް ހިމެނެ އެވެ.
އެ މައްސަލަ ދިރާސާކޮށް ނިންމި ރިޕޯޓުގައި ބުނެފައިވަނީ ޖިހާދީ ފިކުރުގެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، ގައުމީ ސަލާމަތާ ބެހޭ މައި ކޮމެޓީ އަށް ލަފާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ފިކުރުގެ މީހުންގެ ގޮތުގައި ސަބް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ސަލަފް ޖަމިއްޔާ އާއި އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަމީނާއި ރާއްޖޭގެ އަލްގައިދާ ޖަމާއަތުގެ ލީޑަރު މުހައްމަދު މަޒީދާއި ޖައުފަރު ފާއިޒާއި ޝާމިލް، މުުހުސިން އަދި އަލީ ޝިޔާމް (ވީބީ އައްޔަ) އެވެ.
ސީރިއާ އަށް މީހުން ފޮނުވުމަށް ފަންޑުކުރާ އެކަކީ ވީބީ އައްޔަ އެވެ.
އޭގެ އިތުރުން ފުރުގާން މިސްކިތް ކައިރީގައި ޖަމާއަތް ހަދައިގެން ތިބޭ ދީނީ ހަރުކަށި ޖަމާއަތް ވެސް އެ ލިސްޓުގައި ހިމަނާފައި ވެ އެވެ.
ފިޔަވަޅު އަޅަން ލަފާދިނުމުގެ އިތުރުން ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މީހުން މިހާރު ތިބި ތަންތަނާއި އެ މީހުން ކުރާ މަސައްކަތްތަކުގެ ތަފްސީލް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ބުންޏެވެ. އަދި އަފްރާޝިމް އަވަހާރަކޮށްލުމުގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހޯދައި އެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކުރުން ހިމެނެ އެވެ.
އަފްރާޝިމް އަވަހާރަކޮށްލުމާ ގުޅިފައިވާ ބައެއް މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު، އެ މީހުން ފުރައިގެން ދިޔަ ތާރީހާއި އެ ތާރީހުތަކުގައި ބޯޑަ ކޮންޓްރޯލްގައި ތިބި މުވައްޒަފުންނާއި އެ މީހުން ދިއުމުގެ ހުއްދަ ދިން މީހުން ދެނެގަތުމަށް ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް އެދުމަށް ވެސް ނިންމާފައި ވެ އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. އެކަމަކު މި ކޮމެޓީގެ ބައްދަލުވުންތަކުގައި ހުސެއިން މުހަންމަދު ލަތީފާއި އާދަމް ޝަރީފު ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ވެ އެވެ.