ދައުވަތު ފެތުރުމާއި ހައްދުފަހަނަ އެޅުން އެއްކަމެއްގެ ގޮތުގައި ދައްކަން އުޅުމަކީ ގޯހެއް: އިމްރާން

އިސްލާމްދީނުގެ ހައްގު ދައުވަތު ފަތުރަން ކުރާ މަސައްކަތާއި ދީނުގެ ނަމުގައި ހިންގާ ހައްދު ފަހަނައެޅުމުގެ އަމަލުތައް އެއީ އެއްކަމެއްގެ ގޮތުގައި ދައްކަން މަސަައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


އިމްރާން މިހެން ވިދާޅުވެފައި މިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ޖަމިއްޔަތުއް ސަލަފަށް ތުހުމަތުތަކެއްކޮށް، އެ ރިޕޯޓާ ގުޅިގެން ސަލަފަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވާފައި ވަނިކޮށެވެ. ޖަމިއްޔަތުއް ސަލަފަކީ ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން ހިންގާ ޖަމިއްޔާ އެކެވެ. އެކަމަކު އިމްރާންގެ ވާހަކަ އަމާޒު ކުރެއްވީ ސީދާ ކޮން ބަޔަކަށް ކަމެއް ނޭނގެ އެވެ.

"އިސްލާމްދީނުގެ ސައްހަ އަގީދާ ބަޔާންކޮށް، އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް. އިސްލާމްދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަޅާފައިވާ އަމަލުތަކާއި ދީނުގެ ހައްގު ދައުވަތުގެ މަސަައްކަތް އެއީ އެއްކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް،" މިއަދު ކުރެއްވި ޓްވީޓެއްްގައި އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ޓްވީޓް

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމާފައި ވަނީ ސަލަފް ވެސް ހިމެނޭ ގޮތަށް ޖިހާދީ ފިކުރުގެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމާއި އަފްރާޝީމް އަވަހާރަކޮށްލުމުގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހޯދައި އެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކުރުމަށެވެ.