ރަތަފަންދޫ ޕޮލިސް ސްޓޭޝަން: އެ ރަށުގައި ހިންގި މާރާމާރީތަކުގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ލިބުނު
27 ނޮވެމްބަރ 2019 - 14:09
ރަތަފަންދޫގައި ހިންގި މާރާމާރީގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެން ތިބި މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ރަތަފަންދޫގައި ހިންގި މާރާމާރީތަކުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރާއި 27 އަހަރާ ދެމެދުގެ 8 ދިވެހި ފިރިހެނުން ކަމަށެވެ. އޭގެ ތެރެއިން 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށާއި 23 އަހަރުގެ މީހާގެ ބަންދަށް ހަ ދުވަސް، 20 އަހަރުގެ މީހާ އަށް ފަސް ދުވަސް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައަައިގައި ހައްޔަރު ކުރި އެހެން މީހުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނެވެ. އަދި ހޯމަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ފަރުވާދީފައި ވަނީ އެންމެ މީހަކަށެވެ.
މި ދެ މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ރަތަފަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާރާމާރީގައި ބައެއް މީހުންނަށް ދަގަނޑުންނާއި ތަޅުދަނޑި ފަދަ ތަކެތިން ހަމަލާފީފައިވާ ކަމަށްވެ އެވެ. އެނގިފައިވާ ގޮތުގައި މިއީ އެއްކޮށް އުޅުނު ގްރޫޕެއްގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގައި ހިންގި މާރާމާރީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy