އުމަރަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭސީސީން ބަލަނީ

އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި، ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.


ނުރައްކާތެރި އެތައް ކުށްވެރިންނެއްގެ ފައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ޓެގް އެޅުވި އެވެ. އުމަރުގެ އިސްނެންގެވުމަކަށް، ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި ޓެގް އަޅުވަން ފެށީ އެ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށެވެ. ފުލުހުންގެ އިދާރާގައި ގާއިމް ކޮށްފައިވާ ސިސްޓަމެއްގެ އެހީގައި އެ މީހުން އުޅޭނޫޅޭ ގޮތް ބަލައިލެވެ އެވެ.

އެ ޓެގްތައް ގެނައުމަށް 2015 ވަނަ އަހަރު ބަޔަކާ ހަވާލުކުރީ އުމަރުގެ ނުފޫޒުން ކަމަށް އޭރު ވެސް ތުހުމަތު ކުރި އެވެ.

އެ ދުވަސްވަރު އެ މަސައްކަތް ހަވާލުކުރީ ކޮން ކުންފުންޏަކާ ކަމެއް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން މިހާރު އަންނަނީ އެ ބިޑްގެ މައުލޫމާތު އެނގޭ މީހުންގެ ބަޔާންތައް ނަގަމުންނެވެ. އެ ބިޑަށް އުމަރު ނުފޫޒު ފޯރުވިކަން އެނގޭތޯ ބެލުމަށް އޭސީސީން ސުވާލު ކުރެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން އޭސީސީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު މަގާމުން އިސްތިއުފާދެއްވީ 2016 ވަނަ އަހަރު އެވެ. ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމާއި މަރުގެ ހުކުމް ތަންފީޒު ކުރުން ފެށުމަށް އުމަރު އޭރު ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ.