އޮޑިޓް ރިޕޯޓުގައި ވެސް ބުނަނީ ޓެގް ގެންނަން ހަވާލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް

އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި، ނުރައްކާތެރި ކުށްވެރިންގެ ފައިގައި އެޅުވުމަށް ޓެގް ގެންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ ގަވައިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2016 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.


އުމަރުގެ ވަޒީރުކަމުގައި 2015 ވަނަ އަހަރު ޓެގް ގަތުމަށް އަމިއްލަ ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު އަންނަނީ ބަލަމުންނެވެ. ޓެގް ގެނައުމަށް ހަވާލުކުރީ އުމަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކަމަށް ކުރެވޭ ތުހުމަތު އޭނާ ދޮގު ކުރައްވަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޓެގްތައް ގެނައީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަނާޅާ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ.

ސްޓަލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހޯމް މިނިސްޓްރީއާ ދެމެދު ނޮވެމްބަރު 19، 2015 ގައި ސޮއިކޮށްފައިވަނީ ކުށްވެރިންގެ ފައިގައި ޓެގް އަޅުވާ ބެލެހެއްޓުން 10 އަހަރު ދުވަހަށް އެ ކުންފުންޏާ ހަވާލުކުރުމަށެވެ.

އެއްބަސްވުމުގައި ބުނެފައިވަނީ ސޮއިކޮށް، އެޑްވާންސް ފައިސާ ހަވާލުކުރާ ދުވަހުން ފެށިގެން 100 ދުވަހުގެ ތެރޭގައި އެއްފަހަރާ 300 ކުށްވެރިންގެ ފައިގާ ޓެގް އަޅުވައިގެން ބަލަހައްޓަން ފަށަން ޖެހޭނެ ކަމަށެވެ. އަދި އެއް އަހަރު ނިމެންވާއިރަށް އެއްފަހަރާ 1،000 ކުށްވެރިންގެ ފައިގާ ޓެގް ހަރުކޮށްގެން ބަލަހައްޓަން ޖެހޭއިރު ދެ އަހަރު ނިމޭއިރު 3،000 މީހުންގެ ފައިގާ ޓެގް އެޅުވޭނެ ގާބިލްކަން ހުންނަންވާނެކަމަށް އެއްބަސްވުމުގައި ބުނެ އެވެ.

އެ މަސައްކަތް ކުރިއަށް ދާ ނަމަ، އަހަރަކަށް 1،000 ކުށްވެރިން ފައިގާ ޓެގް އަޅުވައި ބެލެހެއްޓުމަށް ދުވާލަކަށް 50 ރުފިޔާގެ ރޭޓުން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާ ކޮށްފައިވެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރި ފަހުން މިދިޔަ އަހަރުގެ ނިޔަލަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރޮކިއުމަންޓްގެ އަގު ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ، އެ ކަމެއް ކުރުމަށް ހުއްދަ ދޭނީ، ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެންނެވެ. ޕްރޮކިއުމަންޓްގެ ޖުމްލަ އަގު ދެ މިލިއަން ރުފިޔާ އިން ފެށިގެން ފަސް މިލިއަން ރުފިޔާ އާ ދެމެދަށް އަރާ ނަމަ އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދަން ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅަން އޮޑިޓް އޮފީހުން ލަފާދެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ހަރަދުތައް ކޮށްފައި ވަނީ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ހާމަކަން ބޮޑު، ހަމަހަމަ އުސޫލަކުން ނޫން ކަމަށެވެ. އެހެންވެ އެކަން އިތުރަށް ބެލުމަށް ކަމާ ބެހޭ އިދާރާތަކަށް ވަނީ ލަފާ ދީފަ އެވެ.

ތުހުމަތުތަކާ ގުޅިގެން އުމަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ވެސް އެ މައްސަލަ ބަލައިފައިވާ ކަމަށެވެ. އެ ބިޑް ކާމިޔާބުކުރީ އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނިން ކަމަށާއި އެ ކުންފުންޏަށް އެ ބިޑް ހަވާލުކުރީ އޭސީސީން ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން މިހާރު އަންނަނީ އެ ބިޑްގެ މައުލޫމާތު އެނގޭ މީހުންގެ ބަޔާންތައް ނަގަމުންނެވެ.