ސަޓޯ އަށް މަރު ކޮމިޝަނުން ފިޔަވަޅު ނާޅާތީ ފާޑުކިއުން!

ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލަން އަމަލީ ގޮތުން ބައިވެރިވި ކަމުގެ ދައުވާ ކުރިން އުފުލި އަދި މަރު ކޮމިޝަންގެ ރިޕޯޓުގައި ވެސް އެ ތުހުމަތުކޮށްފައިވާ އަލީ ޝާން (ސަޓޯ) އަށް ފިޔަވަޅު ނާޅައި ލަސްކުރާ މައްސަލައިގައި ފާޑުކިއުން އަމާޒުވެއްޖެ އެވެ.


އަފްރާޝީމާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މޭސްތިރިންނަށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ. އަދި އަފްރާޝީމްގެ މަރާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ބަޔާން ނެގިއިރު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްސަލަ ވެސް ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.

އެކަމަކު އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރާ ސަޓޯގެ މައްސަލައިގައި އެފަދަ ފިޔަވަޅެއް އަދި ނާޅަ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލި މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި މަރު ކޮމިޝަނުން އަފްރާޝީމްގެ ތަހުގީގު ރިޕޯޓް އާއްމުކުރުމާ ހަމައަށް ސަޓޯ ހުރީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާގަ އެވެ. މި ސަރުކާރުގެ އިސް ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ އަދި އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ ސަޓޯ މަގާމުން ވަކިކުރީ ރިޕޯޓަށް ފަހު އަމާޒުކުރި ފިއްތުންތަކާ ހެދި އެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހެއްކާއި ގަރީނާތަކަށް ބަލާއިރު އަފްރާޝީމް މަރާލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އެންމެ އިސް މީހަކީ، ހ. ހިލްޓަން އަޒްލިފް ރައޫފެވެ. އެ ރޭވުމާ އެއްގޮތަށް އަފްރާޝީމް ގަތުލުކޮށްލުމުގައި ހ. ލޮބީ ހުސެއިން ހުމާމާއި ސަޓޯ އާއި 18 އަަހަރު ނުފުރޭ ކުއްޖެއްގެ އިތުރުން އެހެން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގެ ކުރިން، އަފްރާޝީމްގެ މަރުގެ މައްސަލައިގައި ސަޓޯގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު، ހުމާމާ އެކު ސަޓޯ ވެސް ހަމަލާގައި ބައިވެރިވި ކަމަށް ކުރި ދައުވާ ސާބިތު ނުވެ 2016 ގައި އޭނާ މިނިވަންވީ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ސަޓޯގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ބައިވެރިވިކަން ހާމަކުރެވޭ ވަރުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށެވެ. އެކަމަކު ކްރިމިނަލް ކޯޓުން އޭނާ މިނިވަންވުމުން، ކުރީގެ ސަރުކާރުގައި އެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ.

ނަމަވެސް ގޭންގު ކުށްތަކާ ގުޅިގެން ސަޓޯގެ ފައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓެގު އެޅުވި އެވެ.

އަފްރާޝީމް މަރުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާ މެދު އަޅާނުލައި، ދޮގު މައުލުމާތުދީ ހުރަސްއެޅި މައްސަލަތަކުގައި ދައުވާ އުފުލުމުން، ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާ މެދު އާންމުން ވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.