ހިޔާލު ފާޅުކުރުމުގެ ހައްގު މިހާރު ބޭނުންކުރަނީ ގައުމުގެ ކަންކަން ބިނާކުރަން: ރައީސް

ހިޔާލު ފާޅުކުރުމުގެ ހައްގު މީގެ ކުރިން ނިގުޅައިގަތް ކަމަށް ވިއަސް މިހާރު އެ ފުރުސަތު ބޭނުންކުރަނީ ގައުމުގެ ކަންކަން ބިނާކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އާއްމު އިޖުތިމާއީ ހަމަތަކުން ބަލާއިރު ކޮންމެ މީހަކަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ހައްގަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. އެއީ ސަރުކާރު ޒިންމާދާރުކުރުވން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހައްގެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަބުރުގެ ގާނޫނެއް ފާސްކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގައި އޮތީ ކަސްތޮޅު އަޅުވާފައިކަން ފާހަގަކުރެއްވި އެވެ.

ނޮވެމްބަރު 17، 2018 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަަތަމަ ތަސްދީގުކުރެއްވީ ވެސް އަބުރުގެ ގާނޫނު އުވާލުވުމުގެ އިސްލާހުގެ ބިލެވެ. އެ ގާނޫނުގެ ދަށުން، އޭރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރި އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު (ވ) އަދި ރައީސް އޮފީހުގެ މިނިސްޓަރު ނަސީމް ބައިވެރިވެވަަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ދެކޭ ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދިނުމަކީ، ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ޖެހިލުންވާން ޖެހޭ ކަމެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑަކަށް އެއީ ބިރެއް ނޫން،" ރައީސް ވިދާޅުވި އެވެ. ސަރުކާރުން މިހާރު ވަނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަހިކޮށްދީފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އަދި ބުނާ ކޮންމެ ބަހަކަށް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފާޑުކިޔައި ހިޔާލު ފާޅުކުރަމުން އަންނަ ކަމަށެވެ. އެއީ އެމަނިކުފާނަށާއި ސަރުކާރަށް ވެސް ލިބޭ ހިތްވަރެއް ކަމަށާއި އަދި ދައުލަތުގެ ޒިންމާތަކާ ހަވާލުވެގެން ތިބޭ މީހުން ޒިންމާދާރުވަން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި އޮތްއިރު އަބަދު އަޑުއިވެނީ ސަރުކާރުން ނުހައްގުން އަނިޔާކުރާ ވާހަކަ. މީހުންގެ ހައްގުތައް ނިގުޅައިގަންނަ ވާހަކަ. ނަމަވެސް މިހާރު ހިޔާލު ފާޅުކުރަމުން ދަނީ ގައުމުގެ ކަންކަން ބިނާކުރުމަށް. މިހާރު ދައްކަނީ، ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން އިސްލާހުކުރުމުގެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންސާނީ ހައްގުތަކަކީ ގާނޫނެއްގައި ލިޔެގެން ނުވަތަ ހަމައެކަނި ސިޔާސަތުތަކެއް ކަނޑައަޅައިގެން ރައްކާތެރިކޮށް ދެމެހެއްޓޭނެ ހައްގުތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ދެމެހެއްޓެނިިވި ގޮތެއްގައި ކުރަން ޖެހޭ މަސައްކަތެކެވެ.

ރައީސް ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން، ދުނިޔޭގެ ފެންވަރުގައި މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ، ތިމާވެށި ރައްކާތެރިކުރުމަށް ކަމަށެވެ. ދިރިއުޅޭ މާހައުލު ފުރިހަމައަށް ރައްކާތެރިކޮށްގެން ނޫނީ ދިރިހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.