ޖަރުމަން ވީސާ ދޫކުރާ ސެންޓަރެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވަނީ

ޖަރުމަނަށް ދާން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ޖަރުމަން-ޝެންގެން ވީސާ ދޫކުރާ ސެންޓަރެއް އަންނަ އަހަރު ހުޅުވަން ނިންމައިފި އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު ޔޯން ރޯޑަ މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސަފީރު ވިދާޅުވީ، ޖަރުމަން ވިސާ އެޕްލިކޭޝަން ސެންޓަރު އަންނަ މާޗު މަހުގެ ދެވަނަ ދުވަހު ރާއްޖޭގައި ހުޅުވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މި ސެންޓަރު ހުޅުވުމުން، ޖަރުމަނަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ޖަރުމަނު ވިސާ ނެގޭނެ އެވެ.

ދިވެހިންނަށް މިހާރު ޖަރުމަނު ވިސާ ދޫކުރަނީ ލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީންނެވެ.

ޝެންގަން ވިސާ އަކީ ޔޫރަޕްގެ 26 ގައުމަކަށް ދަތުރުކުރުމުގެ ހުއްދަ ދޭ ވިސާ އެކެވެ. ރާއްޖެ އިން ދޫކުރަން ނިންމާފައިވާ ޖަރުމަން-ޝެންގަން ވިސާ ނެގޭނީ، އެ މީހެއްގެ ދަތުރުގެ ގިނަ ދުވަސް ޖަރުމަނުގައި ހޭދަކުރާ ނަމަ އެވެ. ނުވަތަ އެ ވިސާގެ ދަށުން ދަތުރުކުރާ ފުރަތަމަ މަންޒިލަކީ ޖަރުމަނަށް ވާ ނަމަ އެވެ. ޖަރުމަނަށް ދިއުމަށް ފަހު، އެ ވިސާގެ ދަށުން އެހެން ގައުމުތަކަށް ދަތުރު ކުރެވޭނެ އެވެ.

ޖަރުމަނު ސަފީރު ވިދާޅުވި ގޮތުގައި، އަންނަ މާޗު މަހު ޖަރުމަނުގައި ބާއްވާ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ (އައިޓީބީ) އަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ފަސޭހައިން ވީސާ ދޫކުރަން ޚާއްސަ ކްލިނިކެއް އަންނަ ފެބްރުއަރީ މަހު ހުޅުވާނެ އެވެ. މި ކްލިނިކް ހުޅުވަން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ 2-5 އާ ހަމައަށެވެ.

އައިޓީބީ ފެއާއަށް ދިޔަ ދިވެހިންނަށް އަމާޒުކޮށް ޝެންގަން ވިސާ ކްލިނިކެއް މި އަހަރުގެ ޖެނުއަރީ މަހު ވެސް ފޮރިން މިނިސްޓްރީން ހުޅުވި އެވެ. އެ ކްލިނިކުން 130 އަށް ވުރެ ގިނަ ދިވެހިންނަށް ޝެންގަން ވިސާ ދޫކުރި ކަމަށް ޖަރުމަން ސަފީރު ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި ތިބެގެން ވިސާ ނެގުމުގެ ފުރުސަތު މިވަގުތަށް ހުޅުވާލަނީ ޖަރުމަނަށް އެކަނި ކަމަށެވެ.

ނަމަވެސް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ އެހެން ގައުމުތަކަށް މި ފުރުސަތު ދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީޔޫގައި ހިމެނޭ ގައުމުތަކުން އޮން-އެރައިވަލް ވިސާ ނެގޭނެ މަގު ފަހި ކުރުމަށްޓަކައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ޕާސްޕޯޓަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ ޕާސްޕޯޓު ކަމަށެވެ.

ވިސާއާ ނުލައި 84 ގައުމަކަށް ދިވެހިންނަށް މިހާރު ވެސް ދަތުރުކުރެވޭ ކަން ފާހަގަކުރައްވަމުން، ރަޝިޔާ އާއި މޮރޮކޯ އަދި ޔޫއޭއީ އަށް ވެސް ވިސާ ނުނަގައި ދަތުރުކުރެވޭ ގޮތަށް މި އަހަރު ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން އެހެން ގައުމުތަކުން ވެސް ރާއްޖެ އަށް މި ފުރުސަތު ދިނުމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.