ތިމާވެއްޓާ އެންމެ ރައްޓެހި ގެސްޓްހައުސްއަކަށް އައްޑޫގައި ހިންގާ ވޭވް ސައުންޑް

މަޓާޓޯ އިން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ލީޑިން އިކޯ ފްރެންޑްލީ ގެސްޓްހައުސްގެ އެވޯޑް އައްޑޫގެ ގެސްޓްހައުސްއަކަށް ލިބިއްޖެ އެވެ.


ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި އެވޯޑް ހަފުލާގައި އެ އެވޯޑް ލިބުނީ މަރަދޫފޭދޫގައި ހިންގާ ވޭވް ސައުންޑް ގެސްޓް ހައުސްއަށެވެ. އެ ގެސްޓްހައުސްއަކީ ފޭދޫ 3 އެސް މޯލްޑިވްސް ހިންގާ ތަނެކެވެ. ވޭވް ސައުންޑަކީ 2017 ގައި ހުޅުވި ތަނެކެވެ. އަދި އެއީ މިހާރު އައްޑޫގެ އެންމެ މަގުބޫލު އެއް ގެސްޓްހައުސް އެވެ.

ވޭވް ސައުންޑަކީ ގަން އެއާޕޯޓުން ސީދާ ވެހިކަލްގައި ދެވޭ ގޮތަށް ހިންގާ ތަނެކެވެ. އެކަމަށް ނަގާނީ ގާތްގަނޑަކަށް 10 ވަރަކަަށް މިނިޓެވެ. އެގޮތުން އެ ގެސްޓްހައުސް އަކީ އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެއްގައި ހިންގާ ތަނަކަށްވާތީ ވޭވް ސައުންޑަށް ޗުއްޓީ ހޭދަކޮށްލަން ދާ މީހުންނަށް ރަށްފުށުގެ ދިރިއުޅުން ވެސް ވަރަށް ފަަސޭހަކާ އެކު ތަޖުރިބާކޮށްލެވޭނެ އެވެ. އެގޮތުން ޗުއްޓީ އަށްދާ މީހުންނަށް އައްޑޫގެ ހާއްސަ ތަންތަން ބަލާލުމުގެ އެކްސްކާޝަން ޓްރިޕްތައް ވޭވް ސައުންޑުން ބާއްވަ އެވެ.

ވޭވް ސައުންޑަށް ލިބުނު އެވޯޑާ އެކު އެތަނުގެ އެއް ހިއްސާދާރު ޝަރަފުޒާދު ސައީދު.

ތުރީ އެސް މޯލްޑީވްސްގެ ދަށުން "އައްޑޫ ޑައިވް" ގެ ނަމުގައި ޑައިވިން ސެންޓަރެއް ވެސް ހިންގަމުން އަންނަ އިރު، "3 އެސް ލައުންޖް" ގެ ނަމުގައި ފެންވަރު ރަނގަޅު ރެސްޓޯރަންޓެއް ވެސް އަންނަނީ ފޭދޫގައި ހިންގަމުންނެވެ.

ޓްރެވެލް އެވޯޑްސްގެ ވަނަތައް:

* ލީޑިން ޕްރައިވެޓް އައިލެންޑް: ނަލަދޫ ޕްރައިވެޓް އައިލެންޑް * ލީޑިން ލަގްޒަރީ ރިސޯޓް: ޝެވަލް ބްލަންކް * ލީޑިން ފެމިލީ ރިސޯޓް: ވަން އެންޑް އޮންލީ ރީތިރަށް * ލީޑިން ޑިޒައިނާ ރިސޯޓް: ކޮކޫން މޯލްޑިވްސް އަދި ކަނޑިންމަ މޯލްޑިވްސް * ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓް: ކުރުނބާ މޯލްޑިވްސް * ލީޑިން އެފްއެންޑްބީ ރިސޯޓް: ކޮންރަޑް މޯލްޑިވްސް

ލީޑިން އިންޓަނޭޝަނަލް ކެރިއާގެ އެވޯޑް ސްރީލަންކަން އެއާލައިންސަށް ލިބުނު އިރު، ލީޑިން ލޯކަލް ކެރިއާ އަކީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. * ލީޑިން ލޯ ކޮސްޓް ކެރިއާ: އެއާ އޭޝިއާ * ލީޑިން އެއާޕޯޓް ހޮޓެލް: އެއާޕޯޓް ބީޗް ހޮޓެލް * ލީޑިން ސީއެސްއާރް ޕްރޮގްރާމް: ކްރައުން އެންޑް ޗަންޕާ * ލީޑިން ލިވަބޯޑް: އާކްނޮބެލް * ލީޑިން ލޯކަލް ހޮޓެލް ބްރޭންޑް: ވިލާ ހޮޓެލް * ލީޑިން އިކޯ ރިސޯޓް: ސިކްސް ސެންސަސް ލާމު * ލީޑިން އެޗްއާރް މެނޭޖްމަންޓް: ވެލާ ޕަރައިވެޓް އައިލެންޑް

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގަތީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު (ކެރަފާ ނަސީމު) އަށެވެ. އޭނާ އަކީ ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މި އަހަރުގެ އެވޯޑް ހަފްލާގައި ޓޫރިޒަމް ދާއިރާގެ ދާއިރާގެ 200 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައިވެ އެވެ. މޯލްޑިވްސް ޓްރެވެލް އެވޯޑްސް އަކީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯ އިން ދެމުން އަންނަ އެވޯޑެކެވެ. މިއީ އެވޯޑްސް ބޭއްވި 8 ވަނަ އަހަރެވެ.

ޓްރެވެލް އެވޯޑްސް ހަފުލާގައި މަޓާޓޯގެ ރައީސް އަބްދުﷲ ސޫދު ވިދާޅުވީ، ރާއްޖެ އަންނަ ޓޫރިސްޓުން އަހަރުން އަހަރަށް އިތުރުވެގެން އަންނަ އިރު އެ ޖަމިއްޔާގެ މަގުސަދަކީ ދާއިރާ ކުރިއަރުވައި ދިނުން ކަމަށެވެ. އެގޮތުން ޓްރެވެލް އެވޯޑްގެ ސަބަބުން ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަން ގިންތި ކުރެވި، ދާއިރާ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވި އެވެ.