ރިސޯޓު ކޮންސެޕްޓަށް މާފުށީގެ ބިން ހިއްކަން ފަށައިފި

ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ކ. މާފުށީ ބިން މިއަދު ހިއްކަން ފަށައިފި އެވެ. ސަރުކާރުގެ އަމާޒަކީ އެ ރަށަށް ރިސޯޓެއްގެ ސިފަ ގެނައުމެވެ.


ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މާފުށީގެ ބިން ހިއްކުމަކީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. އެ ވައުދު ފުއްދަވައި ދެއްވައި، އެ މަޝްރޫއުގެ އަމަލީ މަޝްރޫއު މިއަދު އެ ރަށުގައި ވަނީ ފަށައިފަ އެވެ.

މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާފުށި ހިއްކުމަށް ރައްޔިތުން ހުށަހެޅީ ރިސޯޓެއްގެ ކޮންސެޕްޓަށް ކަމަށާއި އެ މަޝްރޫއު ނިމުމުން އެ ރަށަށް ރިސޯޓެއްގެ ސިފަ އަންނާނެ ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އާއްމުކޮށް ރާއްޖޭގައި ބިން ހިއްކަނީ ރަށާ ކައިރިން ތަންކޮޅެއް ހިއްކައި، އެބައި ރަށާ ގުޅުވާލައިގެންނެވެ. އެކަމަކު މާފުށީ ބިން ހިއްކުމުގެ ޑިޒައިން ކުރަހާފައި ވަނީ ރިސޯޓުތައް ހެދުމަށް ބިން ހިއްކާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ބައެއް މީހުން ސުވާލު ކުރީ ތިޔަ އުޅެނީ ރަށެއް ހިއްކަން ނޫންހެއްޔޭ؟ އެކަމަކު އަޅުގަނޑަކަށް ނޭނގޭ މާފުށި ރިސޯޓެއްގެ ގޮތަށް ނޯންނަންވީ ސަބަބެއް،" އެންމެ ގިނަ އަދަދަކަށް ސަރުކާރަށް ޓެކްސް ދައްކަނީ މާފުށިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިން ހިއްކުމަށް ފަހު ވަށައިގެން ފާރެއް ލުމުގެ ބަދަލުގައި، ރަށުގެ ގޮނޑުދޮށުގެ ރީތިކަން ނުގެއްލޭ ގޮތަށް މަޝްރޫއުތައް ހިންގަން ވެއްޖެ ކަމަށެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށެއްގެ ގޮތުގައި މާފުށި ހައްދަވާނެ ކަމަށް، ރިޔާސީ ކެމްޕޭނުގައި ރައީސް ވިދާޅުވެފައިވެ އެވެ. އަދި ހަ މަސް ފަހުން، އެ ރަށުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނެއް ވެސް ފަށާނެ ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ އެ މަޝްރޫއުގައި 25 ހެކްޓަރުގެ ބިން ހިއްކައި، 1،110 މީޓަރަށް ރިވެޓްމެންޓް ޖަހާނެ އެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާ އެ މަޝްރޫއުގެ އަގަކީ 99 މިލިޔަން ރުފިޔާ އެވެ.