އައްޑޫން ޓޫރިޒަމަށް ހުޅުވައިލި 63 ބިމަކަށް ބީލަން ހުށަހަޅައިފި

އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަން ހުޅުވައިލި ބިންތަކަށް ކުރިމަތިލާން ދިން މުއްދަތު ހަމަވި އިރު 63 ބިމަކަށް ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


މިދިޔަ އޮކްޓޯބަރު 29 ގައި ހުޅުވައިލި އެ ފުރުސަތުގެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ޓުއަރިޒަމް ޒޯންތަކުގެ ގޮތުގައި ސަރަހައްދުތަކެއް ކަނޑައަޅައި 96 ބިމެއް ދޫކުރަން ކުރިން ނިންމި ނަމަވެސް، މީދޫ ރައްޔިތުން އެދިގެން އެ އަވަށުގެ ޓޫރިޒަމް ޒޯންގެ ލޮކޭޝަންތައް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އެ ބަދަލާ އެކު، މި ފަހަރު ހުޅުވައިލި ފުރުސަތިގައި އެ އަވަށުން ހާއްސަ ކުރި 16 ބިން ނުހިމެނެ އެވެ.

އެހެންވެ، މި ފަހަރު ބީލަން ހުޅުވައިލީ 80 ބިމަށެވެ. އެއީ އެނދުގެ ނިސްތަބުން ނަމަ 3،680 އެނދެވެ. ދޫކުރީ 2،400-10،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ކައުންސިލުން ބުނީ، މުއްދަތު ހަމަވި އިރު 80 ބިމުގެ ތެރެއިން 63 ބިމަކަށް ބީލަން ހުށަހެޅި ކަމަށެވެ. އެއީ އެނދުގެ ނިސްބަތުން ނަމަ 3،390 އެނދެވެ. މުއްދަތު ހަމަވިއިރު ބީލަން ހުށަނާޅަނީ 17 ބިމަކަށެވެ. އެއީ އެނދުގެ ނިސްބަތުން ނަމަ 290 އެނދެވެ. އެހެންވެ، ބީލަން ހުށަނާޅާ ބިންތަކުގައި ޓޫރިޒަމް ޒޯންތަކުގެ ކޮމަން ފެސިލިޓީތައް އެއްކޮށް ތަރައްގީ ކުރެވޭނެ ގޮތަކީ ކޮބައިތޯ ކައުންސިލުން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތްތަކުން މަސައްކަތް ފަށާއިރު 17 ބިމާއި ކޮމަން ފެސިލިޓީތަކުގެ މަސައްކަތް އަދި ލޭންޑްސްކޭޕިން އާއި ބީޗް ހެދުމުގެ ކަންކަން ވެސް އެކުއެކީގައި ފަށާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މި މަޝްރޫއު ކާމިޔާބު ކަމާ އެކު، ކުރިއަށް ގެންދަން އައްޑޫގެ އެންމެންގެ އެއްބާރުލުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

އައްޑޫގައި 4،000 އެނދު ތަރައްގީ ކުރާ މަޝްރޫއުގެ ދަށުން ފުރުސަތު ހުޅުވައިލިއިރު، އެ ބިންތަކުގައި ކުދި އަދި މެދުފަންތީގެ ގެސްޓް ހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.