މި އަހަރަށް ކަނޑައެޅި ކަންކަމުގެ 93 ޕަސެންޓް ހާސިލް ވެއްޖެ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން މި އަހަރަށް ކަނޑައެޅި ކަންކަމުގެ ތެރެއިން 93 ޕަސެންޓު ހާސިލް ކޮށްފައިވާ ކަމަށް ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.


އިމިގްރޭޝަނުން ހާސިލްކުރި ކާމިޔާބީތައް ފާހަގަކުރަން "ކަށަވަރު 2019" ގެ ނަމުގައި ޚާއްސަ ހަފުލާއެއް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބާއްވައިފަ އެވެ. އަދި މި އަހަރު ކުރަން ރޭވި ކަންކަމުގެ ތެރެއިން 14 ކަމެއް ހާސިލް ކޮށްފައިވާ އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

ހަނަފީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ "ކަށަވަރު 2019" ފާހަގަ ކުރީ އިމިގްރޭޝަންގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ވެގެން ދިޔަކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ. އޭގެ ތެރެއިން މި އަހަރު ކުރަން ރޭވި ކަންކަމުގެ 93 ޕަސެންޓް ހާސިލްވުމަކީ އޭގެ ހެއްކެއް ކަމަށާއި އެކަމުގެ ޝުކުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުންނަށް އަދާކުރައްވާ ކަމަށް ހަނަފީ ވިދާޅުވި އެވެ.

ހަނަފީގެ ޓްވީޓް

މިއަހަރު ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރެއިން އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭ ގޮތް ހަމަޖެއްސުމާއި ބިޒްނަސް ވިސާގައި އަންނަ މީހުންނަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެވޭ ގޮތް ހެދުމާއި ބިޒްނަސް ވިސާ ދޫކުރުމުގެ ކަންކަން 48 ގަޑިިއިރުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އިމިގްރޭޝަނަށް މި އަހަރު ހާސިލް ކުރެވުނު ކާމިޔާބީތައް

މީގެ އިތުރުން އަތޮޅު ތެރޭގައި އިމިގްރޭޝަންގެ ޚިދުމަތް ލިބޭ ގޮތް ހެދުމާއި ކަނޑުގެ ބަނދަރުތަކުގައި އިމިގްރޭޝަން ކްލިއަރެންސް ދެވޭ ފަދަ ވަސީލަތްތައް ބޭނުން ކުރަން ފެށުމާއި ކޯލް ސެންޓަރެއްގެ ޚިދުމަތް ފެށުމާއި އޮންލައިންކޮށް ވޯކް ވިސާއަށް އެދެވޭ ގޮތް ހެދުން އިމިގްރޭޝަންގެ މުވައްޒަފުންނަށް އިތުރު ތައުލީމާއި ތަމްރީން ދިނުމުގެ ޕްރޮގްރާމް ހިންގުން ވެސް ހިމެނެ އެވެ.