ބާރުގެ ބޭނުންކުރީ ގައިދީން ހުރަސް އެޅުމުން: އިންސްޕެކްޓަރު

މާފުށީ ޖަލު ބަލަހައްޓާ އޮފިސަރުން ގައިދީންނާ ދެކޮޅަށް އިއްޔެ ބާރުގެ ބޭނުންކުރީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނަކަށް ހުރަސް އެޅުމުން ކަމަށް އިންސްޕެކްޓަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ޖަލުތަކުގެ ހާލަތު ބަލައި، ރަނގަޅު ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުމަށް އައްޔަން ކޮށްފައިވާ ޕްރިޒަންސް އިންސެޕެކްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، މާފުށީ ރިމާންޑް ބަންދުގައި ތިބި މީހުންނާއި ޖަލު ބަލަހައްޓާ އޮފިސަރުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަަމަށެވެ. އެ ހިތްހަމަނުޖެހުންތަކާ ގުޅިގެން އޮފިސަރުންގެ ގަޔަށް ޖަލު މީހުން ކާތަކެތި ޖަހައި ވާޖިބުތަކަށް ހުރަސްއަޅާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި އޭނާ ޖަލަށް އިއްޔެ ޒިޔާރަތްކުރެއްވީ ގައިދީންނާއި އޮފިސަރުންނާ ދެމެދު އުފެދުނު މައްސަލަ އިތުރަށް އޮޅުންފިލުވުމަށާއި ގޮޅިތައް ބަލައި ފާސްކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެދިވަޑައިގެންނެވުމުން ކަމަށެވެ.

"ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވި މަންޒަރު އަޅުގަނޑު އޮބްޒާވްކުރިން. އިއްޔެގެ ސާޗް އޮޕަރޭޝަނަށް ބަންދު މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުންކޮށްފައި ވޭ،" ޓްވީޓްގައި އަހުމަދު ވިދާޅުވި އެވެ.

އަހުމަދު މުހައްމަދުގެ ޓްވީޓް

މާފުށީ ޖަލުގައި ރިމާންޑް ބަންދުގައި ތިބި މީހުން ހިތްހަމަނުޖެހިގެން އުޅޭ ސަބަބާ ބެހޭ ގޮތުން އެމްސީއެސް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެމީހުންގެ ޝަކުވާ އަކީ ބަންދުގެ މުއްދަތު ދިގުދެމިގެން ދިއުމާއި ބޭސްފަރުވާގެ އިންތިޒާމް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ.

"މިކަންތައްތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ވެސް ކަންބޮޑުވުންތަކެކެވެ،" ބަޔާނުގައި ވެ އެވެ.

އެކަމަކު މި ހަމަނުޖެހުންތަކާ ބެހޭ މާ ގިނަ ތަފްސީލުތަކެއް ހާމައެއްނުކުރެ އެވެ. އަދި އިއްޔެގެ ބަޔާނުގައި އެމްސީއެސް އިން ބުނި ވާހަކަ އާއި ފުލުހުން ދިން މައުލޫމާތު ވެސް ތަފާތެވެ.

އެމްސީއެސް އިން ބުނި ގޮތުގައި ގައިދީއަކަށް އެހެން ގައިދީން އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަން ދެ ފުލުހަކު ވެސް އިއްޔެ ޖަލަށް ދިޔަ އެވެ. އެކަމަކު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ ފުލުހުން ޖަލަށް ދިޔައީ ބައްދަލުވުމަކަށް ކަމަށެވެ. އޮޕަރޭޝަނަލް އެއްވެސް ކަމެއްގައި އެ ދެ ފުލުހުން ހަރަކާތްތެރިވެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުގައި ހަމަނުޖެހުންތަކެއް ހިނގާކަމުގެ އަޑުތައް މިދިއަ ހަފުތާގައި ވެސް އެރި އެވެ. އަދި އަނިޔާވެގެން ބައެއް ގައިދީންނަށް ފަރުވާ ދިން ކަމަށް ވެސް އަޑު ފެތުރުނެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ގައިދީއެއްގެ ގަޔަށް ޕެޕަ ސުޕްރޭ ޖެހުމަށް ފަހު އޭނާގެ މޫނު ދޮއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ މީޑިއާގައި އާއްމުވި އެވެ. އެ ގައިދީގެ މޫނު ދޮއްވާ އިރު އެތަނުގައި މުނާޒް ވެސް ހުންނަވަ އެވެ.

"އަނިޔާ ކުރަނީއޭ، އަނިޔާ ކުރަނީއޭ،" ކިޔާ ހަޅޭއްލަވާ އަޑު އެ ވީޑިއޯ އިން އިވެ އެވެ.