އެއާޕޯޓް ބޮޑުކުރުމުގެ ހުއްދަ ނުދިން މައްސަލަ އިސްތިއުނާފުކުރުމުން މިނިސްޓަރު މާފަރަށް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ހިންގުމުގެ ހުއްދަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނުދިނުމުން އެކަން ޕްލޭނިން މިނިސްޓްރީން އިސްތިއުނާފަށް ހުށަހަޅާފައި ވާތީ، މައްސަލަ ދިރާސާކުރުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ނ. މާފަރަށް ވަޑައިގަންނަވައިފި އެވެ.


އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ނުދޭން ނިންމައި އެކަން ހާމަކުރީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހަދާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ފަހު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އެ ހުއްދަ ނުދިނީ މައިގަނޑު ނުވަ ސަބަބަކާ ހެދި ކަމަށް އީޕީއޭ އިން ބުނެފައި ވެ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ޖެހިގެން އައި ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ މި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

މި ދަތުރުގައި މާފަރުގެ ރައްޔިތުންނާއި އެ ރަށު ކައުންސިލްގެ އިސްވެރިންނާ އެންވަޔަރަމެންޓް މިނިސްޓްރީގެ ޓީމުން ބައްދަލުކުރި އެވެ. މިއީ ގޮތެއް ނިންމުމުގެ ކުރިން މި މައްސަލަ ފުރިހަމަ އަށް ދިރާސާކުރަން އެ ރަށަށް ކުރި ދަތުރެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުށަހެޅީ، އެތަނުގައި ބޮއިން 777 މަރުކާގެ މަތިންދާބޯޓް ޖެއްސޭ ގޮތް ހަދާށެވެ. މިދިޔަ މަހު ހުޅުވި މި އެއާޕޯޓުގައި އެވަރުގެ ބޯޓެއް ޖައްސާނީ ކިހާ އާންމުކޮށް ކަމެއް ނޭނގޭ ކަމަށް އީޕީއޭ އިން ބުނެފައި ވެ އެވެ. ރަންވޭ ބޮޑުކުރަން ބިން ހިއްކައިފި ނަމަ އެ ރަށް ވަށައިގެންވާ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ވެސް އެތަނުން ބުނެފައި ވެ އެވެ.

މީގެ އިތުރުން އެ ރަށަކީ ވެލާ ބިސް އަޅަން އަރާ މަޝްހޫރު ރަށެއް ކަމަށް ވެސް އީޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ބިން ހިއްކަން ހުށަހަޅާފައި އޮތީ ދިގު މުއްދަތެއް ހޭދަވާ ގޮތަކަށް ކަމަށް ވާތީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެ ރަށަށް ބިސް އަޅަން އެރި ވެލައެއް، އެ އެއާޕޯޓުގެ ރަންވޭ އަށް ބިސް އެޅި މަންޒަރު ފެންނަ ފޮޓޯއެއް މިދިޔަ އަހަރުގެ އޭޕްރިލް މަހު ސޯޝަލް މީޑިއާގައި އާންމުވި އެވެ. ރަންވޭ މަތިން ވެލާ ނަގައިގެން ގެންގޮސް މޫދަށް ދޫކޮށްލި ނަމަވެސް އޭގެ ފަސް ދުވަސް ފަހުން އެ ވެލާ މަރުވެފައި އޮއްވައި ފެނުނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ދަތުރަށް ފަހު މި މައްސަލައާ ގުޅޭ ފަންނީ ރިޕޯޓެއް އެންވަޔަރަމެންޓް މިނިސްޓްރީން ތައްޔާރުކޮށް، މިނިސްޓަރުގެ ނިންމެވުން އީޕީއޭ އަށް އަންގާނެ ކަމަށެވެ. މިނިސްޓަރުގެ ނިންމުން ތަންފީޒުކުރާނީ އީޕީއޭ އިންނެވެ.

މިނިސްޓަރުގެ ނިންމުން މި މަހުގެ 23 ގެ ކުރިން ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ އެވެ.