ރާއްޖޭގެ އެންމެ މަސްވެރި ރަށްތަކުގެ ތެރޭގައި ހިމެނޭ މި ރަށް، ގއ. ވިލިނގިލީގެ ދޯނިތައް ވަނީ ބަނދަރުމަތީގައި އަތުރައިފަ އެވެ. މަސްވެރިކަން ދަށްވެ ދޯނިތައް މަހަށް ނުފުރަނީ އެވެ. މަސްވެރިން ބުނިގޮތުގައި ރަށުގެ ހަރަކާތްތައް މަދުވެ، ހިމޭންވެފައި މިއޮތީ މަސްވެރިކަން ދަށްވެފައި އޮތުމުންނެވެ.
މަސްވެރިން ލަފާކުރާ ގޮތުގައި، މި ދުވަސްވަރު މަސްވެރިކަން ދަށީ ހޫނު ގަދަކަމުން ކަމަށް ވެސް ވެދާނެ އެވެ.
ދާ އަޅައިގެން މަސް ހިފުމަކީ މި ރަށުގައި ވެސް ގިނަ ބަޔަކު ކުރާ ހިތުން ކުރާ ކަމެކެވެ. މެންދުރުގެ ކެއުމަށް ގިނަ ގެތަކަށް ތާޒާ ފަރު މަސް ހޯދަ އެވެ.
ޑިންގީތަކުގައި، ރޭގަނޑު މަސްވެރިކަން ވެސް ކުރެ އެވެ. އެއީ، ގްރޫޕް ހަދާފައި މި ރަށުގައި ޒަމާނުއްސުރެން ކުރަމުން އަންނަ ކަމެކެވެ.
ޒަމާނީ ފެންވަރަށް ހަދާފައިވާ ގިނަ ދޯނިފަހަރު މި ރަށުގައި ދުއްވާ އިރު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ދޯނި އޮތީ ވެސް މި ރަށުގަ އެވެ. ދެ އިންޖީނު އަޅައިގެން ދުއްވާ "މަސް ޚަޒާނާ"ގައި ދިގު މިނުގައި 123 ފޫޓު ހުރެ އެވެ. ފުޅާމިނަކީ 30 ފޫޓެވެ.
މި ރަށުގެ ޖެޓީގެ ބައެއް ސަރަހައްދުތަކުން މިހާރު ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސް ހަލާކުވެފަ އެވެ.
އެކި ސަބަބުތަކާ ހުރެ ނުނިމި ގިނަ ދުވަސްތަކެއްވެފައިވާ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
މަސްވެރިކަމުން ދިރިއުޅުން ބިނާކުރާ މި ރަށުގެ ވިޔަފާރި ވެސް މި ދުވަސްކޮޅު ދަށެވެ. ގިނަ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތައް ވެސް ހިންގިއަސް އެކަށީގެންވާ އާމްދަނީއެއް ނުލިބެ އެވެ. ބައެއް ފިހާރަތަކުން ބުނިގޮތުގައި އާމްދަނީގެ ގޮތުގައި ދުވާލަކަށް 200ރ. ލިބޭ ދުވަސްތައް ވެސް ދެ އެވެ.
ގއ. އަތޮޅުގެ ވެރިކަން ކުރާ މި ރަށުގައި ސަރުކާރުގެ އެކި އިދާރާތަކުގެ ގޮފިތައް ހިންގަ އެވެ.
ފްލެޓްތަކުގައި މީހުން ދިރިއުޅެން ތައްޔާރުވެފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި ރަށުގައި އިމާރާތްކޮށްފައިވާ 52 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 42 ފްލެޓެއްގެ ހައްގުވެރިން ވަނީ ކަނޑައަޅައިފަ އެވެ. އެ މީހުންނާ ފްލެޓްތަކުގެ ތަޅުދަނޑި ވެސް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްތައް ނިންމައި އެ ސަރަހައްދުގެ މަގުމަތި ދިއްލައި ލެވެލް ކުރުމުގެ މަސައްކަތެވެ.
މަހު ކުލީގެ ގޮތުގައި ގާތްގަނޑަކަށް 2،500ރ. ދައްކަން ޖެހޭ މި ފްލެޓްތަކުގެ ތެރެއިން ވިޔަފާރި އުސޫލުން ވިއްކަން ކަނޑައެޅި 10 ފްލެޓް ވެސް އެހެން ފްލެޓްތަކާ އެއް އަގެއްގައި ދޫކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ޒުވާނުންތަކެއްގެ ހަދިޔާ: "ލަވް ޕޮއިންޓް"
މިއީ، ހިއްކައިގެން ބިން ބޮޑުކޮށްފައިވާ މި ރަށުގައި މީހުން މަޑުކޮށްލައި ހިތްހަމަޖައްސަން ހާއްސަ ސަރަހައްދެވެ.
އުނދޯންޏާއި ޖޯއްޔާއި ބެންޗް ބަހައްޓައި މިތަން ވަނީ ރީތިކޮށްފަ އެވެ.
ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން އަމިއްލަ އަށް ފައިސާ ހޯދައިގެން ކުރި މި މަސައްކަތުން، އާއްމުންނަށް ފަސޭހަވެފައި ހިތްހަމަޖެހުން ބޮޑެވެ. އެކި އުމުރުފުރައިގެ މީހުން މަޑުކޮށްލައިގެން ތިބޭ މި ސަރަހައްދަށް އާއްމުކޮށް މި ރަށު މީހުން ކިޔައި އުޅެނީ ލަވް ޕޮއިންޓެވެ.
މި ތަން މިހާރަށް ވުރެން ވެސް ބޮޑަށް ތަރައްގީކުރަން އޮތީ ނިންމައިފަ އެވެ.
ގަވާއިދާ ޚިލާފު ބިދޭސީންގެ މައްސަލަ ބޮޑު
މާލޭގައި އެކަންޏެއް ނޫނެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މި ރަށުގައި ވެސް ބޮޑެވެ. މި ރަށުގައި ދިރިއުޅޭ އާބާދީއަކީ، 3،600 އެވެ. މި އަދަދު އިތުރުވެފައި ވަނީ މި ރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ 1،000 ބިދޭސީންނާ ހެދި އެވެ.
މި މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކައުންސިލުން މިހާރު ވަނީ ފަށައިފަ އެވެ.
ވިލިނގިއްޔާ ކޫއްޑޫ ގުޅާލުމުގެ އުއްމީދުގައި
ގއ. ވިިލިނގިއްޔާއި އެ ރަށާ ޖެހިގެން އޮންނަ ކޫއްޑޫ ގުޅާލަން ބްރިޖެއް އެޅުން މި ސަރުކާރުން ވިލިނގީލިގެ ތަރައްގީ އަށް ވީ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ. އެކަމުގެ ދިރާސާ އަށް މި އަހަރުގެ ބަޖެޓުގައި އެއް މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ތަރައްގީގެ މާ ބޮޑު އާ މަޝްރޫއެއް މި ވަގުތު ވިލިނގިލީގައި ކުރިއަށް ނުދިޔަ ނަމަވެސް މި އަހަރުގެ ބަޖެޓުގައި ވިލިނގިލީގައި 17 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދަން ބަޖެޓްކޮށްފައިވެ އެވެ. އޭގެތެރޭގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއަކާއި ހޮސްޕިޓަލް ބޮޑުކުރުމާއި ކްލާސްރޫމްތައް އިތުރުކުރުން ހިމެނެ އެވެ.
ވިލިނގިލި ވެސް ހިމެނޭ ގޮތުން ގއ. އަތޮޅުގެ ތަރައްގީ އަށް މި ސަރުކާރުން އޮތީ ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީ ކުރަން ވައުދުވެފަ އެވެ.