ހަސަން ލަތީފް، މިނިސްޓަރު އަމީނަށް: ޒިންމާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދެއްވާ!

ޒިންމާ އަދާ ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީިފް މިއަދު ގޮވާލައްވައިފި އެވެ.


އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެ އަމީން ދެއްކެވި ވާހަކަ އަށް ހަދާފައިވާ ހަބަރެއް ޓްވީޓް ކުރައްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޒިންމާދާރު ކަމާއެކު ވަޒީފާ އަދާ ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ މީހުން ބައިވަރު އެބަތިބި،" ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީނަށް ފާޑު ވިދާޅުވެ ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

އަމީނަށް ފާޑު ވިދާޅުވެ ހަސަން ލަތީފް ކުރެއްވި ޓްވީޓް--

އެކަމަކު އަންހެންކުދިން ހިތާނުކުރުމާ ބެހޭ ގޮތުން އަމީން ވާހަކަ ދައްކަވާފައި ވަނީ ސަރުކާރުގެ ސިޔާސަތު ދިފާއުކުރައްވަ އެވެ. އެހެންވެ އަމީންގެ އިސްތިއުފާ އަށް ހަސަން ގޮވާލެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.

ހަސަން ލަތީފް އެގޮތަށް ވިދާޅުވެފައިވާއިރު އެމްޑީޕީން މިހާރު އަންނަނީ ސަރުކާރު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ދާދިފަހުން ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތައް ލަސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން އެދޭ ގޮތަށް މަގާމުތަކުގައި ތިއްބެވި ކޯލިޝަންގެ އެހެން މެމްބަރުން އަމަލު ނުކުރާތީ ކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ދޭތެރެ ދޭތެރެއިން ނަޝީދަށް ފާޑުވިދާޅުވެ ރައްދު ދެއްވަ އެވެ.

ކުޑަކުދިންނަށް ކުރާ ގޯނާތައް އިތުރުވަމުން ދާތީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާ އަށް ވެސް އެމްޑީޕީގެ އިސް އެކްޓްވިސްޓުން ވެސް އަންނަނީ ގޮވާލަމުންނެވެ.

އެމްޑީޕީން ސަރުކާރު ކޯލިޝަނަށް ފާޑު ކިޔަމުން އަންނައިރު އެކަމާ ގުޅޭ ސީދާ ރައްދެއް އެހެން ޕާޓީތަކުން ނުދެ އެވެ.