މިނިސްޓަރު އިމްރާނާ ދެކޮޅަށް ޖަލުތަކުގެ ކުރީގެ އިސްވެރިޔާ މުނާޒު ނުކުންނަވައިފި!

ޖަލުތަކުގެ ކަންކަން އިސްލާހް ނުކުރެވުނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެއްބާރުލުން ނުލިބިގެން ކަމަށް ދާދި ފަަހުން މަގާމުން ވަކިކުރި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒްންސް އަބްދުﷲ މުނާޒް މިއަދު ވިދާޅުވެއްޖެ އެވެ.


މާފުށީ ޖަލުގައި ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން މުނާޒު މަގާމުން ވަކިކުރުމާ އެކު އިމްރާނަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ. އެކަމަކު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި އެކަން އަދި މާ ބޮޑުކުރެއްވި އެވެ.

އެއް ޓްވީޓެއްގައި ނަން ނުގެންނަވައި އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީއާ ގުޅޭ ތަންތަން "ފްރީޒް" ވީ އެންމެ މީހަކާ ހެދި ކަމަށެވެ. އޭނާ އެ އިޝާރަތްކުރެއްވީ އިމްރާނަށް ކަމަށް ބެލެވެ އެވެ.

ގައިދީނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ޖަލަށް ދާން ފެށި ހަބަރުގެ ސްކްރީން ޝޮޓާ އެކު ކުރެއްވި ޓްވީޓެއްގައި މުނާޒް ވިދާޅުވީ ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސްކުރަން އަމަލީ ގޮތުން އިމްރާން އެއްވެސް ކަމެއް ހަމަޖައްސައި ނުދެއްވާ ކަމަށެވެ.

"އެމްސީއެސް [މޯލްޑިވްސް ކަރެކްޝަނަލް ސާވިސް] އަށް ސްޕެޝަލިސްޓުން ހޯދައެއް ނުދެވުނު. އައިޖީއެމްއެޗްއިން ޑޮކްޓާސް ޖަލަށް ދާ ގޮތަށް ވެސް ހަމަޖައްސާ ނުދެވުނު. އަހަރެއް ފާއިތުވެ ދިޔައީ،" މުނާޒް ވިދާޅުވި އެވެ.

ފާޑު ވިދާޅުވެ މުނާޒް ކުރެއްވި ޓްވީޓް

އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ތުހުމަތުކުރެއްވީ ޖަލު އޮޑިޓް ރިޕޯޓްގައި ހިމެނޭ ހުރިހާ ކަމެއް ނުކުރެވޭނެ އިމްރާން ވިދާޅުވި ކަމަށެވެ. ޖަލުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދާކަން ބަލަން އެކުލަވާލި ކޮމެޓީން މިދިޔަ އަހަރު ބޭއްވީ ވެސް ގިނަވެގެން ދެ ބައްދަލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަލު އޮޑިޓް ރިޕޯޓްގައިވާ ކަންކަން ހާސިލްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ބަޖެޓް ދެއްވިންތޯ؟" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޗްއާރުސީއެމް ޓެގްކުރައްވައި މުނާޒްގެ ޓްވީޓްގައި ވިދާޅުވި އެވެ.

ޖަލުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު އެކުލަވާލި 290 ސޮފްހާގެ ރިޕޯޓު ތަންފީޒު ކުރުމަކީ މި ސަރުކާރަށް ވެސް އޮތް ގޮންޖެހުމެއް ކަމަށް ބައެއް މީހުން ބުނެ އެވެ. ޖަލުތަކުގެ އިސް ވެރިޔާގެ މަގާމުން މުނާޒް ވަކިކުރެއްވިއިރު، އޭނާ އަށް ވެސް އެ ރިޕޯޓު ތަންފީޒު ކުރުމުގައި ނަތީޖާ ނުނެރެވުނު ކަމަށް ބުނެ ފާޑުކިއުން އަމާޒުވި އެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުކުރަން ޖެހޭ 180 އަށް ވުރެ ގިނަ ކަންކަން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ފާޑު ވިދާޅުވެ މުނާޒް ކުރެއްވި ޓްވީޓް

އިމްރާނަށް ފާޑުވިދާޅުވި ޓްވީޓްތަކަށް ފަހު ވަކި ބޭފުޅެއްގެ ނަން ނުޖައްސަވައި މުނާޒް ތުހުމަތުކުރެއްވި ގޮތުގައި ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތައް "ފްރީޒް" ވެފައި ވަނީ އެންމެ މީހަކާ ހެދި އެވެ. ސަރުކާރުން ކިތަންމެ ބޭނުން ވިޔަސް ހައްގު މިންވަރު ހޯދައި ނުދެވޭ ކަމަށް ނަޝީދު ވިދާޅުވާ ސަބަބަބީ ނާގާބިލް ބައެއް ވަޒީރުން ގޮވައިގެން އުޅެން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، އަދި އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޕްރިޒްންސް ކޮމިޝަނަރަށް ހަމަޖެއްސި މުނާޒް އެ މަގާމުން ވަކިކުރީ ޖަލުގެ ހާލަތު ރަނގަޅު ނުވެ، އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށެވެ.