ފާޑުކިއުންތަކަށް ޑރ. ހުސެންގެ ރައްދު: ގިރުމުގެ މައްސަލަ މި އަަންނަނީ ބަލަމުން

ސޯޝަލް މީޑިއާއިން މި ދުވަސްވަރު އާންމުކޮށް ފެންނަނީ ކޮންމެވެސް ރަށެއް އާދަޔާ ހިލާފަށް ގިރާލާފައި އޮންނަ މަންޒަރެވެ. ހޭޅިފަށުގައި ހުރި ގަސްތައް ވެއްޓިފައި ހުންނަ ތަންތަނާއި އެ ހިސާބުގަނޑު ކުރިން އޮންނަ ގޮތުގެ ފޮޓޯތަކެވެ. އެއާ އެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުންގެ ސުވާލަކީ އެންވަޔަރުމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ކޮބައިތޯ އެވެ.


ޑރ. ހުސެން ގަދަވެ ސަލާމަތުން އެބަ ހުންނެވި އެވެ. އަދި އޭނާ ގެންދަވަނީ ރާއްޖޭގެ އުތުރަށް ދަތުރުތަކެއް ވެސް ކުރައްވަމުންނެވެ.

މިއަދު "މިހާރު"ގައި ޖެހި ރިޕޯޓެއްގެ ސްކްރީން ޝޮޓާ އެކު އާންމުންގެ މީހަކު ފާޅުކުރި ހިޔާލަކަށް މިނިސްޓަރު ވަނީ ރައްދު ދެއްވައިފަ އެވެ. "ކްލައިމެޓް ޑިޒާސްޓާއޭ ކިޔައިގެން އިވްނިން ކެފޭގައި ބިރިޔާނި ކާން އިނަކަސް ކަމަކު ނުދާނެ" ކަމަށް ބުނެ އާއްމު މީހަކު ކުރި ޓްވީޓަކަށް ޑރ. ހުސައިން ޖަވާބު ދެއްވީ މި ދުވަސްވަރު ރާއްޖޭގެ ރަށްރަށް ވަރަށް ބޮޑަށް ގިރަމުން ދާ ކަމަށް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ބޮޑަށް ރަށްރަށް ގިރާ ގޮތް ބަލައި ފިޔަވަޅު ވެސް އަޅުއްވާނެ އެވެ.

ބ. ދަރަވަންދޫގެ ބައެއް ގިރާލައި، ދުވަސް ވީ ގަހެއް ވެއްޓެން ކައިރިވެފައި: ރައްޔިތުންގެ ކަންބޮޑުވުން ބޮޑު --މިހާރު ފޮޓޯ/ހުސެއިން ވަހީދު

ޑރ. ހުސެއިންގެ ޖަވާބުގައި ވިދާޅުވީ ހއ އާއި ހދ. ގެ އިތުރުން ށ. އަތޮޅާއި ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ގިރާ ރަށްތަކުގެ ހާލަތު ބައްލަވާނެ ކަމަށެވެ. އަދި ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު ވެސް ބައްލަވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެ ހުރިހާ ވާހަކައެއް ދައްކަވާފައި، އިވިނިން ކެފޭއާ މެދު ވެސް އެއްޗެކޭ ވިދާޅުވި އެވެ. އޭނާ ލިއުއްވީ "ތިޔަ ކެފޭއަކުން ދުވަހަކު ވެސް ބިރިޔާނި ނުކާ" ކަމަށެވެ.

ފާޑުކިޔުމަށް ރައްދު ދެއްވައި މިނިސްޓަރު ކުރެއްވި ޓްވީޓް--

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުގައި ރާއްޖޭގެ ބައެއް ރަށްރަށް ގިރަ އެވެ. ނަމަވެސް މި އަހަރު އެ މައްސަލަ މާ ބޮޑެވެ. ބައެއް ރަށްރަށުގައި ކުރިންސުރެ ހެދިފައި ހުރި ބިޔަ ގަސްތައް ވެއްޓިއްޖެ އެވެ. އާންމުންނަށް އެއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކަންބޮޑުވުން ފާޅުކޮށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓް---

މިދުވަސް ވަރު ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވި ރަށްރަށުގެ ތެރޭގައި ރ. ފައިނާއި ބ. ދަރަވަންދޫ ހިމެނެ އެވެ. އަދި އެ ދެ އަތޮޅާއި ހއ. ގެ ބައެއް އެހެން ރަށްރަށަށް ވެސް އެ ނުރައްކާ ކުރިމަތިވި އެވެ.

ބައެއް މީހުން ބުނާ ގޮތުގައި އިރުވައިގެ ހަޅަ މިހާރު މިވަނީ މާ ބޮޑަށް ދިގުވެފަ އެވެ. ވައިގަދަ ވުމާ އެކު، ބާނިތައް ބޮޑުވެ، ލޮނުގަނޑު އުސްވެ އެވެ. އޭގެ ސަބަބުން ބޮޑު ދިޔައިގައި ރަށްރަށުގެ ގޮނޑުދޮށްތައް ގިރާލަނީ އެވެ.